ފުޅަދޫގައި އޮޔާދިޔަ ކުދިންތަކެއް ސަލާމަތް ކުރަން އުޅުނު މީހަކު މަރުވެއްޖެ

ބ. ފުޅަދޫ: --

ބ. ފުޅަދޫ ގައި މޫދުގައި އޮޔާދިޔަ ކުދިންތަކެއް ސަލާމަތް ކުރަން އުޅުނު މީހަކު ގެނބިގެން މަރުވެއްޖެއެވެ.

ފުޅަދޫ ކައުންސިލުން ބުނިގޮތުގައި އެ ހާދިސާގައި މަރުވެފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކެވެ.

ކައުންސިލުން ބުނިގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު 12:20 ހާއިރުއެވެ.

އެ ހާދިސާގައި އެ މީހާ މަރުވެފައިވަނީ އެރަށުގެ ހުޅަނގު ފަރާތު ތުނޑިއަށް މޫދަށް ގޮސް އުޅުނު ކުދިންތަކެއް އޮޔާދަމައިގަތުމުން އެކުދިން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައެވެ.

ކައުސިލުން މައުލޫމާތު ދޭ ގޮތުގައި އޮޔާ ދަމައިގަތް ކުދިން ވަނީ އެ ހާދިސާއިން ސަލާމަތްވެފައެވެ. އަދި އެކުދިންގެ މިހާރު ހާލު ރަނގަޅެވެ.

މަރުވި މީހާއާއި އޮޔާ ދަމައިގަތް ކުދިންނަކީ ޗުއްޓީއަށް ފުޅަދޫއަށް އައިސް އުޅޭ ބަޔެއްކަމަށް ކައުންސިލުން ބުނެއެވެ.

އެ މީހާ ފުޅާދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި ހާދިސާ ހިނގައި ދިޔަ ގޮތް ބެލުމަށްޓަކައި ފުުހުން މިހާރު އެރަށަށް ގޮސްފައިވާ ކަމަށް ރަށު ކައުންސިލުން ބުންޏެވެ.

މަރުވި މީހާ އާއިލާގެ އެދުމުގެ މަތިން މިހާރު އެމީހާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

comment ކޮމެންޓް