އަނދަގޮނޑި ޖެހުމުގެ ގަވާއިދު އުވާލީ އަޅުގަނޑު: ރައީސް މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިންވެސް އޮތް އަނދަގޮނޑި ޖެހުމުގެ ގަވާއިދު އުވާލީ އެމަނިކުފާނު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ތެރޭ ޖަލުގައި އެމަނިކުފާނަށް އެނގިގެން ލާ އިންސާނީ އެއްވެސް އަމަލެއް ހިންގުމުގެ ފުރުސަތު ދީފައިނުވާނެކަމަށެވެ.

"އަޅުގަނޑު ހަވާލުވިއިރު ސިފައިން ގޭގައި އޮންނާނެ ފޮތެއް. މިއީ އޮންނަނީ އަނދަގޮނޑި ޖެހުމާއި ބިޑި އެޅުވުމުގެ ގަވާއިދޭ ކިޔާ ފޮތެއް. އެ މީހުން އަނދަގޮނޑި ޖަހާފަވެސް ލިޔާނެ އިނގޭތޯ ވަޒީރަކަށް ހުންނަވާ ބޭފުޅަކު ހުއްދަ ދެއްވަން ޖެހޭނޭ. އަޅުގަނޑު ބަލާފައި ބުނީ ތިއީ ލާއިންސާނީ އަމަލެކޭ. މީހަކު އަނދަގޮނޑި ޖަހައިގެން ނުވާނެއޭ. އެހެން ކިޔާފައި އަޅުގަނޑު އެކަން އުވާލީ. ފޮތްވެސް އުވާލީ،" ރައީސް މައުމޫން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ފަރުދީ މިނިވަންކަމަށް އެއްވެސް ހުރަހެއް އެޅިފައިނުވާނެކަމަށެވެ.

"މިނިވަންކަމަކީ އެމީހަކަށް އެމީހެއްގެ ހިޔާލުއެއްވެސް ހުރަހެއް ނެތި ފާޅުކުރުން. އަނެއްކޮޅުން އެމީހާއެ ބުނާ އެއްޗަކުން އެހެން މީހަކަށް އޭގެ އަސަރުކޮށްފާނެ. އޭގެ ބަދުނާމު ލިބިދާނެ. އެހެންވީމާ އެމީހާގެ ހައްފުވެސް ސަރުކާރުން ރައްކާތެރިކޮށްދޭން ޖެހޭ،" ރައީސް މައުމޫނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިނިވަންކަމުގެ ދާއިރާ ބަޔާންކޮށް ގާނޫނެއްވެސް ހެދިފައިވާކަމަށެވެ. އަދި އެ ދާއިރާގެ ތެރޭ ހިޔާލު ފާޅުކޮށް ވާހަކަ ދައްކާނަމަ އެއްވެސް މައްސަލައެއް ނުޖެހޭނެކަމަށެވެ.

"އެހެންނަމަވެސް އެ ދާއިރާއިން ބޭރުން ކަމެއް ކޮށްފިއްޔާ އެހެންމީހުންގެ މަސްލަހަތު ރައްކާތެރިކޮށްދިނުމުގެ ގޮތުން ސަރުކާރުން ފިޔަވަޅު އަޅަންޖެހޭ،" ރައީސް މައުމޫނު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވި އިރު ގާނޫނުލް އުގޫބާތުގައި ވަރަށް ތަފާތު މާއްދާއެއް އޮތްކަމަށެވެ.

"އެ މާއްދާގައި މި އޮންނަނީ ގާނޫނީ ސަރުކާރާ ގުޅޭގޮތުން މީހަކު ދައްކާ ވާހަކައަކުން ސަރުކާރާ ދޭތެރޭގައި އަދި ރައްޔިތެއްގެ ހިތުގައި ރުޅިވެރިކަން އުފެދޭ ގޮތެއް ވެއްޖެޔާ އެއީ ކުށެކޭ. އެ ކުށުގެ އަދަބަކީ ހަތަރު އަހަރަށް އަރުވާލުން. ޖަލަށްލުން، އެކަހަލަ ކަންތައްތަކެއް މި އޮންނަނީ," ރައީސް މައުމޫނު ވިދާޅުވިއެވެ.

އަދި އެ މާއްދާއާއެކު މިނިވަންކަން ވަރަށް ބޮޑަށް ހިފެހެއްޓިފައި އޮތްކަމަށާއި އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ދެ މަސް ތެރޭ އެ މާއްދާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިގެން އުވާލިކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން އެ އިސްލާހު ފާސްކުރުމުން ފުރިހަމަ ގޮތެއްގައި މަޖިލީހަށްވެސް މިނިވަންކަން ލިބިގެން ދިޔަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެއިރު ރައްޔިތުންގެ މަޖިލީހަކަށްވެސް ނޯވޭ މިނިވަންކަމެއް. އެ އިމިޔުނިޓީ އަދި ހިމާޔަތެއް ނޯވޭ. އަޅުގަނޑު ވެރިކަމަށް އައިސް ދެމަސް ތެރޭ އަޅުގަނޑުގެ އަމިއްލަ އަތުން ލިޔެފައި ފޮނުވިން ޑްރާފްޓެއް. އޭގައި ލިޔުނީ ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ޖަލްސާއެއްގައި މެމްބަރަކު ދައްކާ ވާހަކައަކުން އަދި ދޭ ވޯޓަކުން ކުށްވެރިއެއް ނުކުރެވޭނޭ." އެމަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް