އިރާގުން އިސްލާމިކް ސްޓޭޓް (އައިއެސް)އާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެމެރިކާ ސިފައިންގެ އެހީ ބޭނުންނުވާ ކަމަށް އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލް ކަޟީމީ ވިދާޅުވެއްޖެއެވެ.
ކަޟީމީ ވިދާޅުވީ އިރާގުގައި ބިދޭސީ އެއްވެސް އަސްކާރިއްޔާއެއް އޮތުމުގެ ބޭނުމެއް ނެތްކަމަށެވެ.
"އެމެރިކާގެ އިސްނެގުމުގެ ދަށުން ވަކި ފައުޖެއް ނެތަސް ގައުމު ދިފާއު ކުރެވޭނެ," ކަދީމީ ވިދާޅުވިއެވެ.
މިއަހަރުގެ އޭޕްރީލް މަހު އެމެރިކާގެ ސިފައިން އަމަލީ ގޮތުން ބައިވެރިވުން ހުއްޓާލި ކަމަށާއި ނަމަވެސް އަދި ފުރާނެ ދުވަހެއް ނޭނގޭ ކަމަށް ކަޟީމީ ވިދާޅުވިއެވެ. އަދި މަސައްކަތް ކުރަމުންދަނީ މިއަހަރު ނިމެން ވާއިރަށް ފުރުވާލާން ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.
އެގޮތުން ކަޟީމީ ވިދާޅުވީ އިރާގުން ފައިބާނެ ވަކި ދުހެއް ހަމަޖައްސަން މިއަންނަ ހަފްތާގައި އެމެރިކާގެ އޮފިޝަލުންނާއި ވާހަކަ ދައްކަން ހަމަޖެހިފައިވާ ކަމަށެވެ.
އެހެންނަމަވެސް އިރާގު ދޫކޮށް ދިޔަޔަސް ތަމްރީނު ތަކާއި އަސްކަރީ އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރުމަށް ދެ ގައުމުގެ އަސްކަރިއްޔާއިން ބައްދަލުކުރާނެ ކަމަށް ކަޟީމީ ވިދާޅުވިއެވެ.
އެންމެ ފުރަތަމަ އެމެރިކާ ސިފައިން އިރާގަށް އެރިއިރު އެރީ 3000 ސިފައިންނާއެކުއެވެ. ނަމަވެސް ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އެންގެވުމަށް އެއަދަދު 2500 އަށް ވަނީ މަދުކޮށްފައެވެ.
2014 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ދަނީ އިރާގުގެ އަސްކަރިއްޔާއާއި ގުޅިގެން މަސައްކަތް ކުރަމުންނެވެ.