ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީގެ ގެކޮޅު ކަމުގައިވާ މ. ޔާގޫތުގެ ކައިރިން ހަތަރު ދުވަހެއްގެ މަތިން އެމަނިކުފާނަށް ބޮމުގެ ހަމަލާ ދޭން މީގެ ކުރިން އުޅެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ މޭ ހަވަނަ ދުވަހު ރައީސް ނަޝީދަށް ދިން ހަމަލާއަށް ބޭނުންކުރި ސައިކަލަކީ ހަމަލާދިން މީހުން 2019 ވަނަ އަހަރު ގަނެފައިހުރި ސައިކަލެއްކަމަށެވެ. އަދި އެ ސައިކަލުގައި އައިޑީއެއް ހަރުކޮށްގެން އެތައް ފަހަރެއްގެ މަތިން އެތައް ދުވަހަކު ބޮމުގެ ހަމަލާ ދޭން މަސައްކަތްކޮށްފައިވާކަމަށް އޭސީޕީ ރިޔާޒް ވިދާޅުވިއެވެ.
"2019 ވަނަ އަހަރު ގަތް ސައިކަލް، 2020 ވަނަ އަހަރުގެ ފަހުކޮޅުގެ ތެރޭގައި މ. ޔާގޫތުގެ ކައިރީގައި ބަހައްޓައިގެންވެސް ގޮއްވާލަން މަސައްކަތްކުރިކަން ތަހުގީގަށް ފާހަގަކުރެވިފަވޭ، މިގޮތުން ހަތަރު ދުވަހެއްގެ މަތިން އެތަނުގައި ސައިކަލް ބަހައްޓައިގެން، އައިއީޑީ ހަރުކޮށްފަ ބަހައްޓައިގެން ސައިކަލް ގޮއްވާލުމަށްޓަކާ އެމީހުން މަސައްކަތްކޮށްފައިވާކަން މައުލޫމާތު އަޅުގަނޑުމެންނަށް ލިބިފަވޭ،" އޭސީޕީ ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވިގޮތުގައި ޔާގޫތުގޭ ކައިރީގައި ސައިކަލް ބަހައްޓައިގެން ޖާނުންފިދާވެގެންވެސް އެ ހަމަލާދޭން ހަމަލާގެ ބައިވެރިން ތިބީ ތައްޔާރަށެވެ. އެހެންނަމަވެސް އެ ސަރަހައްދުގައި ހަމަލާދިނުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން ސައިކަލް އެތަނުން ނަގައި ހަރުކޮށްފައި އޮތް އައިއީޑީ ޑިސްޕޯސްކުރިކަމަށް ރިޔާޒް ވިދާޅުވިއެވެ.
އޭގެ ފަހުން ރައީސް ނަޝީދު ކަސްރަތުކުރައްވަން ނިކުމެވަޑައިގަންނަވާ ގަޑި ބަލައި، މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ މޭރީބްރައުން ރެސްޓޯރެންޓް ސަރަހައްދުގައި ސައިކަލް ބަހައްޓައިގެން ހަމަލާދޭން އެމީހުން މަސައްކަތްކުރިއެވެ. އަދި އެތަނުގައި ހަމަލާދޭން މަޝްވަރާކޮށް، އެތަން ބެލުމަށްފަހު އެކަމަށް އެތަން އެކަށީގެންނުވާކަމަށް އެމީހުން ނިންމިކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.
އޭގެ ފަހުން ނީލޯފަރު ހިނގުމުގައި ސައިކަލް ބަހައްޓައިގެން ހަމަލާދޭން އެމީހުން ރާވަން ފެށީ މިއަހަރުގެ މާޗް މަސް ނުވަތަ އެމަހުގެ ފަހުކޮޅުކަމަށް އޭސީޕީ ރިޔާޒް ވިދާޅުވިއެވެ. އެކަމަށްޓަކައި ހުޅުމާލޭގައި ހުންނަ ގަރާޖަކުން ހަމަލާދޭން ގަތް ސައިކަލް މާޗް މަސްތެރޭ ސާވިސްކޮށް ތައްޔާރުކުރިކަން ތަހުގީގަށް ހޯދިފައިވާކަމަށް ރިޔާޒް ވިދާޅުވިއެވެ.
ހަމަލާއާ ގުޅިގެން ޖުމްލަ 10 މީހަކު ވަނީ މިހާތަނަށް ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހަމަލާދިނުމުގައި އިސްކޮށް އުޅުނު އަދި ރޭވުމުގައި އިސްކޮށް އުޅުނު މީހުންނާއި، އަމަލީ ގޮތުން ބައިވެރިވި މީހުން ހިމެނެއެވެ.