ނަޝީދަށް ހަމަލާދިނުމުގައި އިސްކޮށް އުޅުނު އެކަކު ހައްޔަރުކޮށްފި

ސީޕީ މުހައްމަދު ހަމީދު --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މޭ ހަވަނަ ދުވަހު މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް އުޅުނު އެކަކު ހައްޔަރުކޮށްފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ އެ ހަމަލާ ދިނުމުގައި އަމަލީކޮށް އުޅުނު މީހުންނަށް ވިސްނުވައިދީ އެ ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް އުޅުނުކަމުގެ ތުހުމަތުގައި ހއ. ހޯރަފުށި، އަލަނާސިގެ މުހައްމަދު ތަސްލީމް ހައްޔަރުކޮށްފައިވާކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި އައްޑޫ ސިޓީއިންކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

"ރައީސް ނަޝީދަށް ހަމަލާދީ މަރާލަން ޖެހޭކަމަށް މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކަށް ވިސްނައިދީ އަދި އިރުޝާދު ދިން ފަރާތެއް ތަހުގީގަށް ގަބޫލުކުރެވޭ ގޮތުގައި މި ހަމަލާ ރޭވުމުގައި އެންމެ އިސް އެއް ފަރާތް މިއަދުގެ ވަގުތެއްގައި ވަނީ އައްޑޫ ސިޓީއިން ހައްޔަރުކުރެވިފަ، އޭނާއަކީ ހއ. ހޯރަފުށި، އަލަނާސިގޭ، މުހައްމަދު ތަސްލީމް،" ސީޕީ ހަމީދު ވިދާޅުވިއެވެ.

ސީޕީ ހަމީދު ވިދާޅުވިގޮތުގައި ތަސްލީމް އަކީ މީގެ ކުރިންވެސް ބޮމެއް ހަދަން އުޅުނުކަމުގެ މައްސަލައެއްގައި ތަހުގީގުކޮށް މައްސަލަ ޝަރީއަތަށް ހުށަހަޅާފައިވާ މީހެކެވެ.

އެގޮތުން އޭނާއަކީ 2017 ވަނަ އަހަރު ތެރޭ މާލޭގައި ހިންގާ އެޓިކް އިންޓަނޭޝަނަލް ޕވޓ. ލޓޑ. ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏެއްގެ އޮފީހުގެ ތެރޭގައި ބޮމެއް ހަދަން އަމަލީކޮށް އުޅެނިކޮށް އަތުލައިގަނެފައިވާ މީހެކެވެ.

އެ މައްސަލައިގައި އޭނާ ހައްޔަރުކޮށްފައިވަނީ އޭޕްރިލް 24، 2017 ވަނަ ދުވަހުއެވެ. އެ މައްސަލައިގައި ތަހުގީގުކޮށް އޭނާގެ މައްސަލަ ޝަރީއަތަށް ހުށަހަޅާފައިވަނިކޮށް އޮކްޓޯބަރު 4، 2018 ވަނަ ދުވަހު އޭނާ ބަންދުން ދޫކޮށްލާފައިވާކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

"ދޫކޮށްލި މައްސަލައިގަ އިސްތިއުނާފް ކުރެވުނުނަމަވެސް ހައެއް މޭގެ ހަމަލާއާ ގުޅިގެން ހިންގުނު އޮޕަރޭޝަނުގައި އަލުން ހައްޔަރުކުރުމާ ގުޅިގެން އިސްތިއުނާފް ނުނިމި ދެއަހަރަށްވުރެ ގިނަ ދުވަސް ވެފަވާތީ އެ މައްސަލަ އަބުރާ ވަނީ ގެނެވިފަ،" ސީޕީ ހަމީދު ވިދާޅުވިއެވެ.

ތަސްލީމްގެ އިތުރުންވެސް ހައްޔަރުކޮށްފައިވާ އިތުރު ބަޔަކު ހަމަލާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު