ހަރުކަށި ފިކުރާ ދެކޮޅަށް ކުރައްވާ މަސައްކަތް ނަޝީދު ހުއްޓައެއް ނުލައްވާނެ: އިންތި

އޭޕްރީލް 11، 2021: ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަރުކަށި ފިކުރާ ދެކޮޅަށް ކުރައްވަމުންދާ މަސައްކަތް ހުއްޓައެއް ނުލައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

"ސަން" އާ ވާހަކަ ދައްކަވަމުން އިންތި މިއަދު ވިދާޅުވީ ރައީސް ނަޝީދަކީ ވަރަށް ހިތްވަރުގަދަ ބޭފުޅެއް ކަމަށާއި ބަލި އެނދުގައި އޮންނެވި ކަމުގައި ވިޔަސް ކުރަމުންގެންދާ މަސަތްކަތުގައި ދެމި ހުންނަވާނެ ކަމަށެވެ.

"މިހާރު އެ އޮންނެވީކީ އަޅުގަނޑުމެންހެން ރަނގަޅު ހާލަތެއްގައެއް ނޫން. ހިތްވަރުޕުޅު ހަމަ ހުރިކަމުން ބަލި އެނދުގަ އޮންނަވައިގެންވެސް އެންމެ ސިކުންތެއްވެސް ދޫކޮންނުލައްވާ އެ ކުރިއަށް ގެންދަވަނީ،" އިންތި ވިދާޅުވިއެވެ.

އިންތި ފާހަގަ ކުރެއްވި ގޮތުގައި ރައީސް ނަޝީދު ހަރުކަށި ފިކުރާ ދެކޮޅަށް ކުރައްވާ މަސައްކަތުގައި އެމްޑީޕީގެ ބައެއް މެމްބަރުންގެ އެއްބާރުލުން އެކަށީގެންވާ މިންވަރަކަށް ނުލިބެއެވެ. އެގޮތުން ބައެއް މެމްބަރުން ރައީސް ނަޝީދު އާލާސްކަންފުޅާ އުޅުއްވާއިރުވެސް "ވަރިހަމަ" ކަމަކަށް ހައްދަވައިގެން އެބަތިއްބެވި ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ މެޖޯރިޓީ އޮތީ ރައީސް ނަޝީދާ އެއްކޮށް މަސައްކަތް ކުރައްވަން ކަމެއް ނުވަތަ ރައީސް ނަޝީދާ ދެކޮޅަށް ކަމެއްވެސް ސާފު ނުވާ ކަމަށެވެ.

"ވަރަށް ގިނަ ކަންކަމަށް އެބަ ބިނާވޭ. ލިބޭ މަންފާ ތަކާއި ލިބޭ ޕްރޮޖެކްޓް ތަކާއި މެޓީރިއަލިސްޓިކް ކަންކަމަށް ބިނާވާހެން ހީވޭ. އެގޮތުން މިއަދު އެގޮތައް ހުރިމީހާ މާދަމާ ހުންނާނެ ގޮތެއް އަޅުގަނޑަކަށް ނޭނގޭ،" އިންތި ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) --- ފޮޓޯ/ މަޖިލިސް

ބައެއް މެމްބަރުންގެ އެއްބާރުލުން ނުލިބުނު ކަމުގައިވިޔަސް، އެއް އުސޫލެއްގައި ހިފަހައްޓަމުންދާ ބަޔަކު އެ އުސޫލުގެ ތެރޭގައި ރައީސް ނަޝިދާއެކު ތިއްބަވާކަން ޔަގީންކަމާއެކު އެނގޭ ކަމަށް އިންތި ވިދާޅުވިއެވެ. އެ އުސޫލަކީ ފެށުނީއްސުރެ އެމްޑީޕީގެ ފަލްސަފާ ކަމުގައިވާ ހަރުކަށި ފިކުރާ ދެކޮޅު މެދުމިނެއްގައި ދީނުގެ ކަންކަން ބެހެއްޓުން ކަމަށް އިންތި ފާހަގަކުރެއްވިއެވެ.

އެހެންކަމުން އެމްޑީޕީ ގެ ސަރުކާރެއްގައި ސަރުކާރުގެ މުއައްސަސާ ތަކުން ރައީސް ނަޝީދަށް އެކަށީގެންވާ އެއްބާރުލުން ނުދޭ ކަމަށް އިންތި ވިދާޅުވިއެވެ. އޭގެ އެންމެ ކުޑަ މިސާލަކީ ނަފްތަރުގެ އަމަލުތަކަކީ ކުށެއް ކަމުގައި ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގާނޫނުލް އުގޫބާތަށް ހުށަހަޅާފައިވާ ބިލާމެދު ސަރުކާރުން ވަކި "ސްޓޭންޑް" އެއް ނުނެގުން ކަމަށް އިންތި ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ހަރުކަށި ފިކުރު އާންމުވުމުގެ ސަބަބުން އަފްޣާނިސްތާނު އޮތް ހާލަތައް ހިނގައިދާނެކަމަށް މީގެ ކުރިންވެސް އެކި ސިޔާސީ ބޭފުޅުން ވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު ރާއްޖޭގައި ހަރުކަށި ފިކުރުގެ އަނދިރި ދައުލަތެއް އޮތް ކަމަށްވެސް ސިޔާސީ ބޭފުޅުންގެ އިތުރުން އާންމުގެ ބައެއް މީހުންވެސް އަންނަނީ ބުނަމުންނެވެ.

comment ކޮމެންޓް