މަސް މާރުކޭޓުގެ މަތީގައި ގަވާއިދާ ހިލާފަށް ހިންގާ ތަންތަން ހުސްކުރަން އަންގައިފި

ރޯމަސް މާރުކޭޓު --- ސަންފޮޓޯ/ އަހުމަދު ޝަރުވާން

މާލޭ ރޯމަސް މާރުކޭޓު ހިންގާ އިމާރާތުގެ މަތީ ފަންގިފިލާގައި ގަވާއިދާ ހިލާފަށް ހިންގާ ތަންތަން ހުސްކުރުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ރޭ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މާލޭ ރޯމަސް މާރުކޭޓުގެ ފަސްޓް އަދި ސެކަންޑް ފްލޯގައި ހުރި، މީހުން ނިންދަވާތަންތަނާއި ފިހާރަ، ގުދަން ފަދަ ތަންތަން، މިހާރު ބޭނުންކުރަމުން ގެންދާ ފަރާތްތައް ދެނެގަތުމަށް އެ އިދާރާއިން ކުރި އިއުލާނާއި ގުޅިގެން، ރަސްމީ ލިޔުމެއް ސިޓީ ކައުންސިލަށް ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށެވެ.

ނަމަވެސް އެތަނުގައި ހުރި މީހުން ނިންދަވާތަންތަނާއި ފިހާރަ، ގުދަން ފަދަ ހުރިހާ ތަނެއްގައިވެސް މުދަލާއި ތަކެތި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އެހެންކަމުން އެތަނުގައި ހުރި "ލިސްޓޯ" ފިހާރަ ފިޔަވައި އެހެނިހެން ހުރިހާ ތަނަކަށް މުދަލާއި ތަކެތި ވައްދާފައިވާ ފަރާތްތަކުން، އެފަރާތަކުން އެތަނަކަށް ވައްދާފައިވާ މުދަލާއި ތަކެތި، ލަސްވެގެން މި މަހުގެ 28 ވަނަ ދުވަހުގެ ކުރިން އެތަންތަނުން ނެރެ، އެތަންތަން ހުސްކުރުމަށް ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ.

ސިޓީ ކައުންސިލުން ބުނީ އެމުއްދަތުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި މެދު އެ އިދާރާއިން ނިންމާގޮތެއްގެ މަތިން އަމަލުކުރެވޭނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބޭ ގެއްލުމަކަށް ސިޓީ ކައުންސިލުން ޒިންމާ ނުވާނެ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

comment ކޮމެންޓް