"ކިހިނެއްތޯ ރިޕޯޓްތައް ޑޮކްޓަރ؟" ރަޝާދު ސުވާލުކޮށްލިއެވެ. ފައިސަލް ބަލައިލީ ސަޖަލްއަށެވެ. އެ ނަޒަރާއެކު ސަޖަލް ފިނިވާގޮތްވިއެވެ.

ޑރ. ފައިސަލްގެ އެ ނަޒަރުން އެކަނިވެސް ސަޖަލްއަށް ކަންތައްތައް ރަނގަޅު ނޫންކަން ދެނެގަނެވުނެވެ. އެހެންނަމަވެސް އޭނާ މަސައްކަތް ކުރީ އެ ހާސްކަން ނުދައްކާވޭތޯއެވެ. ޑރ. ފައިސަލް އެ ރިޕޯޓްތައް ބަލައިލުމަށްފަހު، އަނެއްކާ ވެސް އިތުުރު ޓެސްޓްތަކެއް ހަދާފައި ދައްކަން އެދުނެވެ. ކަންތައްތައް އެއްވެސް ގޮތަކަށް ރަނގަޅު ނޫންކަމުގަޔާއި، އިތުރަށް އަދިވެސް ޔަގީން ކުރަން ބޭނުންވާކަމުގައި ޑރ. ފައިސަލް ބުންޏެވެ. ޚުދު ރަޝާދުއަށް ވެސް ކަންތައްތައް ދެނެގަނެވުނު ނަމަވެސް، އޭނާ އިތުުރު އެއްޗެއް ނުބުނެއެވެ. ޑޮކްޓަރަށް ދައްކާފައި ސަޖަލް ރަޝާދު ގޮވައިގެން ގެއަށް ދިޔައިރު ނުވައެއް ޖަހަނީއެވެ.

ޖެހިގެން އައި ދުވަހު ސަޖަލް އާއިލީ ޒިންމާގެ ދުވަހަކަށް އެ ދުވަސް ހަދާފައި ރަޝާދާއެކު ޓެސްޓުތައް ހަދަން ދިޔައެެވެ. ބައެއް ޓެސްޓްތައް ރާއްޖޭން ބޭރަށް ފޮނުވައިގެން ހަދާތީ ނަތީޖާ ލިބެން ހަފްތާއެއް ހާ ދުވަސް ވާނެކަމުގައި ބުންޏެވެ.

އޭގެ ފަހުން ތިން ދުވަސް ފާއިތުވީ ފަހުން ރަޝާދުގެ ޙާލަތު އަނެއްކާވެސް ދަށްވާން ފެށިއެވެ. އާދައިގެ މަތިން ސަޖަލް ބަދިގޭގައި އުޅުނުއިރު ރަޝާދު ސޯފާގައި އޮށޯވެލައިގެން ޓީވީއަށް ނަޒަރު ހުއްޓާލައިގެން އޮތެވެ.

"ބައްޕާ... ހިނގާބަލަ ކުޑަކޮށް ސޫޕްކޮޅެއް ކަހަލަ އެއްޗެއް ބޮއިލަން. ނުކައި އޮތީމަ ގަޔަކުވެސް ވަރެއް ނުހުންނާނެއެއްނު..." ސަޖަލް އޭނާ ތައްޔާރުކުރި ސޫޕްތަށި މޭޒުމަތީގައި ބަހަައްޓަމުން ރަޝާދަށް ގޮވައިލިއެވެ.

"ކާހިތެއް ވެސް ނެތް، އެކަމަކު ތި ބުނާހެން ނުކައި ހުއްޓަސް ހައްތަހާ ގޯސްވާނީ..." ރަޝާދު ވަރުބަލިކަމާއެކު ތެދުވަމުން ބުނެލިއެވެ. އޭނާ ލަސް ފިޔަވަޅުތަކެއްގައި މޭޒާ ދިމާލަށް ހިނގައިގަތެވެ. ކުޑަކޮށް ކޮށި އެރުމާއެކު، ކެއްސައިލަމުން ރަޝާދު ގޮނޑި ދަމައިލާ އިށީނދެލިއެވެ. ސަޖަލް އޭނާ ގިރި ޖޫސްތަށި ވެސް ބަހައްޓައިލިއެވެ. ރަޝާދު ޖޫސް ފޮތެއް ބޮއިލުމަށްފަހު، ސަމްސަލުން ސޫޕްތަށި ބޯން ފެށިއެވެ. ވަކި ވަރަކަށް ކެވުނުތަނާ އޭނާ އަނެއްކާވެސް މޭނުބައި ކުރާގޮތްވިއެވެ.

"ބައްޕާ... އަނެއްކާ ހޮޑުލަވަނީތަ؟" ސަޖަލްއަށް ހާސްކަމާއެކު، ސުވާލުކޮށްލެވުނެވެ. ފާއިތުވީ ދެ ދުވަހުވެސް ރަޝާދަށް ރަނގަޅަކަށް ނުކެވެއެވެ. އެއްޗެއް ކާލާއިރަށް މޭނުބައިކޮށް ހޮޑުލެވޭތީ އެކަމާ ސަޖަލް ހުންނަނީ ވަރަށް ހާސްވެފައެވެ. މި ދެދުވަހުވެސް ދެފަހަރެއްގެ މަތިން ޑޮކްޓަރަށް ދައްކައިގެން ހޮޑުލެވޭތީ ބޭސް ދިންނަމަވެސް، އެއިން އެއްވެސް ބޭހަކުންވެސް އަސަރެއް ނުކުރެއެވެ.

"ހިނގާ އަނެއްކާ މިއަދުވެސް ޑޮކްޓަރަށް ދައްކަން ދާން... މާ ބޮޑަށް ސަަކަރާތްވަނީނު..." ސަޖަލް އެހެން ބުނެލިވަގުތު ރަޝާދު އޭނާ އިން ގޮނޑި ދަމާލާފައި ތެދުވިއެވެ. އޭނާ ވަނީ ކޮޓަރިއަށެވެ. ފާހާނާއަށް ވަދެވުނީ ކިރިޔާއެެވެ. އޭނާއަށް ހޮޑުލެވިއްޖެއެވެ. ސަޖަލް އަވަސް އަވަހަށް ފެންތައްޓެއް ހިފައިގެން ގޮސް ރަޝާދަށް ދިއްކޮށްލިއެވެ. ރަޝާދަށް ފެންތަށީގައި ހިފުނުކަމަކަށް ވެސް ނުވިއެވެ. އަތުގައި ހުރި ތުރުތުރު އެޅުމާއެކު ތަށި ވެއްޓި ކޮޓަރިތެރެއަށް ތެޅުނެވެ.

"ބައްޕާ!"

ސަޖަލްއަށް އޭނާގެ ބައްޕަގެ ގައިގައި ހިފައްޓައިލެވުނު ނަމަވެސް އޭރު އެނބުރުން އަރައިގަނެގެން ބައްޕަ ވެއްޓިއްޖެއެވެ. ހާސްކަމާއެކު އޭނާއަށް ފުރަތަމަވެސް ހޯދައިލެވުނީ ފޯނެވެ. ބައްޕައަށް ގޮވި ކަމުގައި ވިނަމަވެސް އެއްވެސް ޚަބަރެއް ނުވުމާއެކު، އޭނާއަށް ރޮވެން ފެށުނެވެ. އިސާހިތަކު އެ ދެލޮލަށް ކަރުނަތައްވެސް ޖަމާވިއެވެ. މޭޒުމަތީގައި އޮތް ފޯނު ހިފައިގެން އައިސް އަނެއްކާވެސް އޭނާ ހުއްޓާ ނުލާ ރަޝާދަށް ގޮވަން ފެށިއެވެ. ނިކަން އަވަސް އަވަހަށް އޭނާ އެންބިއުލާންސްއަށް ގުޅައިލިއެވެ. އެކޮޅުން ދިން ޖަވާބާއެކު ދެން އޭނާ އަވަސްވެގަތީ ޖަލީލާއަށް ގުޅުމަށެވެ. ދެވަނަ ރިންގާއެކު ނަސީބަކުން ޖަލީލާ ފޯނު ނެގިއެވެ. އެއާއެކު ސަޖަލްއަށް އަވަސް އަވަހަށް ވާހަކަ ދެކެވުނެވެ.

"ޖަލިއްތާ... ބައްޕަ... ބައްޕަ... ވެއްޓުނީ..." ރޮވެމުން ދިޔަ ވަރުން ސަޖަލް ކިޔާ އެއްވެސް އެއްޗެއް ޖަލީލާއަކަށް ނޭނގުނެވެ. ބައްޕަ އެގޮތަށް ވެއްޓުނުތަން ސަޖަލްއަށް ފެނުނީ އަލަށެވެ. ޑރ. ފައިސަލްގެ މޫނުމަތިން ފެނުނު އަސަރުތައް ހަނދާންވާ ކޮންމެ ފަހަރަކުވެސް ސަޖަލްއަށް ބުނެދޭން ނޭނގޭ އުނދަގުލެއް އިޙްސާސްވެއެވެ. އޭނާ އެހާ ބަލިކަށިވީ އެހެންވެއެވެ. އޭނާއާ އެކު ދެން މާގިނަ ދުވަހު ބައްޕަ ނުހުންނާނެހެން އޭނާއަށް ހީވަނީވެސް އެހެންވެއެވެ.

"ސަޖަލް... ހަމަޖެހިފަ ވާނުވާ ކިޔައިދީބަލަ. ބައްޕައަށް ކިހިނެއްވީ؟" ޖަލީލާވެސް ހާސްކަމާއެކު ވާހަކަ ދެއްކިއެވެ. ސަޖަލް ކަންތައް ވެގެން ދިޔަގޮތް ޖަލީލާއަށް ކިޔައިދިނުމާއެކު، ޖަލީލާ ބުނީ އޭނާ ހަމަ މިހާރު އެގެއަށް އަންނަނީ ކަމުގައެވެ. ސަޖަލް ފޯނު ބޭއްވިއެވެ. ނަސީބަކުން ލަސްތަކެއްނުވެ އެންބިއުލެންސްގެ ސައިރަންގެ އަޑު އިވެން ފެށިއެވެ. އެންބިއުލެންސް އައުމާއެކު ރަޝާދު އެމްބިއުލާންސަށް އެރުވުނީ އައި މީހުންގެ އެހީތެރިކަމާއެކުގައެވެ. ސަޖަލް އެތެރެއަށް ވަދެ އިށީނދެ އެމީހުން މިހާރު ހޮސްޕިޓަލަށް ދަނީކަމަށް ބުނެ ޖަލީލާއަށް ގުޅިއެވެ. ޖަލީލާ ބުނީ އެހެންވިއްޔާ އޭނަވެސް ހޮސްޕިޓަލަށް ދާނީކަމުގައެވެ.

ރަޝާދު ހޮސްޕިޓަލަށް ގެންދެވުމާއެކު، ވަގުތުން އަވަސް ފަރުވާ ދެވެން ފެށުނެވެ. އެ ދުވަހަކީ ޑރ. ފައިސަލް އޮންކޯލްގައި ހުރި ދުވަހެއްކަމުން ފައިސަލްވެސް އައެވެ. ރަޝާދުގެ ޙާލު ސީިރިއަސްވެ އައިސީޔޫއަށް ލާން ޖެހުމާއެކު، ސަޖަލްގެ ހިތަށް އިތުުރު ބިރުވެރިކަމެއް ވަނެވެ. މީގެކުރިން ވެސް ބަލިވެގެން ރަޝާދު އެޑްމިޓް ކުރަން ޖެހުނު ނަމަވެސް، ދުވަހަކުވެސް އައިސީޔޫ އަށްލައިގެން ފަރުވާކުރަންޖެހޭ ވަރަށް ނުވެއެވެ.

ވެއިޓިން އޭރިޔާގައި މަޑުކޮށްލި ސަޖަލްގެ ކޮނޑުގައި އެތަނަށް ވަތް ޖަލީލާ އަތް ޖައްސައިލިއެވެ. އެއާއެކު ސަޖަލްއަށް ޖަލީލާގެ ގައިގައި ބައްދައިގަނެވުނެވެ. ބައްޕަ އޭނާ ދޫކޮށްލާފައި ދާންއުޅޭކަމުގެ އިޙްސާސް މިހާ ބޮޑަށް ކުރެވުނު ދުވަހެއް އޭނާގެ ޙަޔާތުގައިވެސް އަދި ނާދެއެވެ.

"ސަޖަލް... ހިތްވަރުކުރޭ.. ސަޖަލް ތިހެން ހިތްވަރު ދޫކުރާކަށް ބައްޕަވެސް ބޭނުމެއް ނުވާނެއެއްނު... އަވަހަށް ހުއްޓައިލާ... އިރާދުކުރެއްވިއްޔާ ބައްޕަ ވަރަށް އަވަހަށް ރަނގަޅުވާނެ..." ޖަލީލާ ސަޖަލް މަސަލަސްކުރަން މަސައްކަތް ކުރިއެވެ. ސަޖަލް އޭނާގެ ކަރުނަތައް ފުހެލަމުން ޖަލީލާއާ ދުރުވެލިއެވެ. އޭނާ ހިތްވަރު ގަދަ އަންހެން ކުއްޖަކަށް ވާން ބޭނުމެވެ. އެތަނުގައި ހުއްޓާ ޑރ. ފައިސަލް ނުކުމެލިއެވެ. އެއަށްފަހު އޭނާ ވާހަކަ ދައްކަން ބޭނުންވާކަަމަށް ބުނެލިއެވެ. ފައިސަލްއާއެކު ސަޖަލް ހިނގައިގަތީ ޖަލީލާ ކައިރީގައި މަަޑުކޮށްލުމަށް ބުނަމުންނެވެ.

"ސަޖަލް... އޯކޭތަ މިހާރު؟ ނޫނީ ޖަލިއްތަ ދާންވީތަ؟" ޖަލީލާ ސުވާލުކޮށްލިއެވެ. އެއާއެކު ސަޖަލް އަނެއްކާވެސް އޭނާގެ ދެލޯ ފުހެލަމުން އޭނާ އެންމެ ރަނގަޅުކަމުގައި ބުނެލިއެވެ.

ފައިސަލްއާއެކު ގޮސް ރޫމަށް ވަދެ އިށީނދެލުމަށްފަހު، ސަޖަލް ފުރަތަމަވެސް ދޫކޮށްލީ ފުންނޭވާއެކެވެ. ފައިސަލް ސަޖަލްއަށް ބަލައިލުމަށްފަހު، އޭނާގެ އަތުގައި އޮތް ގަނޑުތަކަށް ނަޒަރު ހުއްޓައިލިއެވެ.

"ރާއްޖޭން ބޭރަށް ފޮނުވީ ކޮންފާމް ކުރަންވެގެން. އެކަމަކު މިކޮޅުން އެންމެ ފަހުން ހެދި ޓެސްޓްތައް ކުރިންވެސް ބުނިހެން ރަނގަޅެއް ނޫން. ކެންސަރު އެވަނީ ފަރުވާކޮށްގެން ރަނގަޅު ނުކުރެވޭނެ ދަރަޖަޔަށް ގޮސްފައި. ކީމޯ އިންވެސް މާ ބޮޑު އަސަރެއް ނުކުރޭ... އޭގެ އިތުރުން ބަލި ދަނީ ދުވަހެއް ދުވަހެއް ބޮޑުވަމުން..."

"ތި ވިދާޅުވަނީ އެއްވެސް އުންމީދެއް ނެތީއޭތޯ؟" ސަޖަލް އެހެން އަހައިލިއިރު އެ އަޑުގައި މަޑުމަޑު ތުރުތުރު އެޅުމެއް ހުއްޓެވެ.

"ތި ސުވާލަށް ވަކި އެއްޗެއް ބުނަން އަހަރެން ބޭނުންވަނީ ބޭރަށް ފޮނުވި ޓެސްޓްތަކުގެ ނަތީޖާ ލިބުނީމަ. އެކަމަކު މިވަގުތަށް ބަލާފަވެސް ވަރަށް އުންމީދު ކުޑަ... ހިތްވަރުކޮށްފަ ދުޢާ ކުރުން އޮތީ..." ފައިސަލް ވާހަކަ ދެއްކިއެވެ. ސަޖަލްގެ އުންމީދުގެ ހުޅުކޮޅު ނިވުން ނޫންކަމެއް ނުވިއެވެ. ސަޖަލްގެ މޫނުމަތީގައިވި އަސަރުތައް ފެނިފައި ފައިސަލް އިތުރަށް ބުނީ ކަންބޮޑުނުވުމަށެވެ. އަދި މިއީ ކެތްތެރިކަން އިސްކުރަންވީ ވަގުތުކަމުގައެވެ. ރަޝާދުގެ ބަލި ހުރި ހިސާބު ތަފްސީލްކޮށް ޑރ. ފައިސަލް ސަޖަލްއަށް ކިޔައިދިނެވެ.

ސަޖަލް އެ ކޮޓަރިން ނުކުމެގެން އަނެއްކާވެސް ދިޔައީ ވެއިޓިން އޭރިޔާގައި މަޑުކޮށްލައިގެން އިން ޖަލީލާ ގާތަށެވެ.

"ކީކޭ ޑޮކްޓަރު ބުނީ؟" ޖަލީލާވެސް ހާސްކަމާއެކު ސުވާލުކޮށްލިއެވެ. އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ އެފަދަ ޙާލަތެއްގައި ވާތަން ދެނޭކަށް ޚުދު އޭނާވެސް ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް ތަޤުދީރުގެ ނިންމުމާ އެކަމަށްވެސް ޖަދަލުނުކުރެވޭނެކަން ވެސް އޭނާއަށް އެނގެއެވެ. އޭނާ ކެތްތެރިކަން އިސްކުރަނީ އެހެންވެއެވެ. އެންމެ ފުރަތަމަ ރަޝާދަށް ކެންސަރު ޖެހުނުކަން އެނގުނު ހިސާބުންވެސް ޑޮކްޓަރުން ބުނެފައިވަނީ ފަރުވާ ފެށުން ލަސްވެފައިވާކަމަށެވެ. އޭރުވެސް މާ ބޮޑު އުންމީދެއް ޑޮކްޓަރުން ނުދެއެވެ. ވުމާއެކު މިފަދަ ދުވަހެއް ފަހަރުގައި ކުރިމަތިވުމަކީ އޭރުވެސް އޭނާގެ ހިތުގައި އޮތް އެންމެ ބޮޑު ބިރުވެރިކަމެވެ.

ޖަލީލާގެ ސުވާލާއެކު ސަޖަލް ޑރ. ފައިސަލް އޭނާ ގާތު ދެއްކި ވާހަކަތައް ޖަލީލާއަށް ކިޔައިދިނެވެ. ޖަލީލާ ވެސް ސަޖަލްއަށް ނަސޭޙަތް ދިނީ ކެތްތެރިވުމަށް އެދިއެވެ. ހުއްދަ ލިބުމާއެކު ސަޖަލް އައިސީޔޫގެ ތެރެއަށް ވަދެގެން އޭނާގެ ބައްޕަ ކައިރިއަށް ދިޔައީ އެމީހުން ދިން ގައުން ލައިގެންނެވެ. ބައްޕަ އޮތް އެނދުކައިރީގައި ހުއްޓުނު ސަޖަލްއަށް އޭނާގެ ކަރުނަތައް ނުހުއްޓުވުނީ ބައްޕަ އޮތް ހާލަތުންނެވެ. ހޮޅިތައް ގުޅާފައިވާއިރު އެއް އަޑަކަށް މެޝިންތަކުގެ ބީޕްއަޑު އޭރުވެސް އެތަނުގައި ގުގުމާފައި ހުއްޓެވެ. އަތުގެ ނުފުށުން ކަރުނަތައް ފުހެލާފައި، ސަޖަލް އެނދާ ކައިރިއަށް ޖެހިލާ އޭނާގެ ލޯބިވާ ބައްޕަގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ. އެމޫނުމަތިން އޭރުވެސް އޭނާއަށް ފެންނަމުން ދިޔައީ ވަރުބަލިކަމެވެ. ހިތްހަލާކު ވާފަދަ އަސަރުތަކެކެވެ. އެތަނުގައި ހުރެލާފައި އޭނާ ނުކުތުމާއެކު، ޖަލީލާ ގޮނޑިން ތެދުވެގެން އައިސް ސަޖަލްއަށް ހިތްވަރު ދިނެވެ.

"އެއްޗެއް ކައިފިންތަ ސަޖަލް؟" އޭނަ އަހައިލިއެވެ. ސަޖަލް ދެފަރާތަށް ބޯ ހޫރައިލިއެވެ.

"ކެންޓީނަށް ގޮސް ކޮންމެވެސް އެއްޗެއް ކައިލަންވީނު..." ޖަލީލާ އޯގާތެރިކަމާއެކު ސަޖަލްގެ އިސްތަށިގަނޑުގައި ފިރުމައިލިއެވެ.

"ކާހިތެއް ނެތް..."

"ކާހިތް ނުވިޔަސް ތިހެން ހަދައިގެން ކަމަކު ނުދާނެ... ޖަލިއްތަ ލުއި އެއްޗެއް ގެނެސްދެންތަ މިތަނުގައި އިނދެގެން ކައިލަން..." ޖަލީލާ އަހައިލިއެވެ. އެތައް އާދޭސްތަކަކަށްފަހު، ސަޖަލް އެއްބަސްވިއެވެ.

އެ ދުވަހު ހަަތަރު ދަމުވެސް ސަޖަލް މަޑުކުރީ ހޮސްޕިޓަލުގައެވެ. ބައްޕަގެ ބައްޔަށް އެއްވެސް ކަހަލަ ކުރި އެރުމެއް ނުލިބުނެވެ. އޭނާ ސިހުނީ ފޯނު ރިންގްވި އަޑާއެކުގައެވެ. ގުޅަނީ ޒާމިންއެވެ. އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ.

"ސަޖޫ... ކިހިނެއްވީ؟ އަޑު ހާދަ އެހެން ގޮތަކަށް..." ސަޖަލް ހެލޯ އޭ ބުނެލި ގޮތުން އެެކަނިވެސް އެ އަޑުގައިވި ނުތަނަވަސްކަން ޒާމިންއަށް ފަހުމްވިއެވެ. އޭނާ ސުވާލުކޮށްލިއެވެ.

"މީ ބައްޕަ އެޑްމިޓް ކޮށްގެން މިއުޅެނީ؟ ޒިމް ކީކުރަން މިގަޑީގައި ތި ގުޅައިލީ..." ސަޖަލް އަހައިލިއެވެ.

"ސަޖޫ... މާދަމާ އަހަރެމެންގެ ކްލައިންޓާ ބައްދަލުކުރަން އޮތީމަ... ސަޖޫވެސް އެ ގަޑިއަށް އޮފީހަށް އަންނާނުތޯ އަހައިލަންވެގެން. ޕްލަސް އެއީ ސަޖޫގެ ކްލާސްމޭޓެކޭ ބުނީމެއްނު..." ޒާމިން ސުވާލުކޮށްލިއެވެ.

"އަހަންނަށް ހިޔެއް ނުވޭ ދެވޭނެހެންނެއް. ޖުމީ ކައިރީގައި ބުނެލާނަން އިނގޭ..."

"ސަޖޫ! އާ ޔޫ އޯކޭ؟" ޒާމިން އަހައިލިއެވެ.

"އައި އެމް... އައި އެމް އޯކޭ..." ސަޖަލް ބުނެލިއެވެ.

"ޔޫ ޝުއަރ؟" ޒާމިން ސުވާލުކޮށްލިއެވެ.

"ބައްޕަ ވަރަށް ބޮޑަށްތަ ބަލިވީ..."

"އެހާ ހާސްނުވޭ. ހުރިހާކަމެއްވެސް އިންޝާ ﷲ ރަނގަޅުވާނެ... އަހަންނަށް ކޮށްދެވޭނެ އިތުރު ކަމެއް އެބައޮތްތަ؟ އޮތިއްޔާ ނުބުނެ ނުހުންނައްޗޭ!" ޒާމިންގެ އަޑުގައި ހުރި ހިތްހެޔޮކަމުން ސަޖަލްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

"ބައްޕަ އޮތީ މިވަގުތު އައިސީޔޫގައި... އެހެންވީމަ އިނގޭ އަސްލު ދެވެންނެތީ. މިފަހަރު މާ ހާލު ދެރަވީ..." ސަޖަލް ފުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ. ނަފުސުގައި އުފެދިގެން އުޅޭ ގިލަންވެރިކަމުގެ ސިލްސިލާއަށް ނިމުމެއް ގެންނާނީ ކިހިނެއްކަމެއް އޭނާއަކަށް ނޭނގެއެވެ. ކުޑައިރުއްސުރެ ވެސް ސަޖަލްވަނީ މަންމައެއްގެ ލޯބިން މަޙުރޫމްވެފައެވެ. އެކަން ސަޖަލްއަށް އިހުސާސްނުކޮށްދެވޭތޯ ރެއާ ދުވާލު މަސައްކަތް ކުރި ބައްޕަ ބަލި ތަންމަތީގައި އޮންނަތަން ބަލަން އޭނާގެ ހިތަކަށް ކުޅަދާނައެއް ނޫނެވެ.

"އައި އެމް ސޮރީ ސަޖޫ... އަހަރެންނަށް ނޭނގުނީ. އެނގުނު ނަމަ އުނދަގޫކުރާކަށް ނުގުޅީމުސް...." ޒާމިން މާފަށް އެދުނެވެ.

"އިޓްސް އޯކޭ ޒިމް. ރަނގަޅޭ ހަނދާންކޮށްލަދިން ކަންވެސް. ޝައުވެސް ނެތްއިރު އަހަރެންވެސް ޖެހޭނެ ވާނުވާ ބަލަން. އެންޑް ޒިމް ނުބުނިނަމަ ޖުމީއަށް ވެސް ހޭންޑް އޯވަރ ދޭން ހަނދާން ނުހުންނާނެކަން ޔަޤީން. އެހެންވީމަ ތޭންކްސް ގުޅައިލީމަ. އެންޑް ލެޓް މީ ނޯ ކަންތައްތައް ދާ ގޮތެއް... މީ ޒިމް މެން ނަގާނެ ފުރަތަމަ ކޭސް ދޯ އެހެންވީމަ..." ސަޖަލް ބުނެލިއެވެ.

"ޔާ... އަދިވެސް ކޮންފާމް ނުވެ އެހެން ކޭސް އެއްވެސް އެބައިނެއްނު. އެ ކޭސް ކޮންފާރމް ވީމަ ހަވާލުކުރާނީ ލީނީއާ... ކުރި ކެންޕެއިންގެ އަސަރު ވަރަށް ރަނގަޅަށް ފެންނަމުން ދަނީ... އެނީވޭސް. ވޯކްގެ ވާހަކަ މި ގަޑީގައި ނުދައްކަމާ... ޓޭކް ކެއަރ އިނގޭ ސަޖޫ... ކަމެއް ބޭނުންވިއްޔާ ނުބުނެ ނުހުންނާތި އިނގޭ..." ޒާމިން އެހެން ބުނެލާފައި ފޯނު ކަނޑައިލީ ސަޖަލްގެ އިޒްނަ ލިބިގެންނެވެ.

***

ރިއުމާން މަސައްކަތް ނުނިމޭތީ އޮފީހުގައި މަޑުކޮށްލައިގެން އިންދާ އޭނާގެ ކެބިންގެ ދޮރު ހުޅުވާާލާފައި ބައްޕަ އެތެރެއަށް ބޯ ދިއްކޮށްލިއެވެ. އެ ގަޑީގައި ބައްޕަ އޮފީހުގައި ހުރުމުން އޭނާއަށް ވެސް ކުޑަ ހައިރާންކަމެއް ލިބިގެން ދިޔައެވެ.

"އަދިވެސް ގެއަށް ނުދަނީތަ؟" ނާޝިދު ސުވާލުކޮށްލިއެވެ.

"މަސައްކަތް ނުނިމޭތީ... ކޮންކަމަކު....." ރިއުމާން ގޮނޑިން ތެދުވެލިއެވެ.

"އެއްޗެއް ބަލައި މިއައީ... ރޭގަނޑު ކައިފިންތަ؟" ނާޝިދު އަހައިލިއެވެ. ރިއުމާން ދެފަރާތަށް ބޯ ހޫރައިލިއެވެ.

"ވަގުތުކޮޅެއް އެބައޮތްތަ؟ މިތާ ކައިރީ ތަނަކަށް ގޮސް އެއްޗެއް ކައިލަންވީނު..." ނާޝިދު އެހެން ބުނުމާއެކު ރިއުމާންއަށް ކުޑަ ހައިރާންކަމެއް ލިބުނެވެ. ނާޝިދު އެ އުޅެނީ ކޮންމެވެސް ބޮޑު ވާހަކައެއް ދައްކަންކަން އޭނާއަށް އެނގުނީ ނާޝިދުގެ މޫނުމަތީގައިވީ އަސަރުތަކުންނެވެ. ރިއުމާން ލެޕްޓޮޕް ނިއްވައިލަމުން ތެދުވެލީ ފަހަރެއްގައިވެސް ދާން ބޭނުންވެފައި ހުރެގެންނެއް ނޫނެވެ. އެކަމަކު އެވަގުތު އޭނާވެސް ބަނޑުހައި ވެފައި ހުރީތީއާވެސް އެކުގައެވެ. ދެކޮޅު ހަދަން ބޭނުންނުވީ ނާޝިދުގެ މޫނުމަތިން ފެނުނު އަސަރުތަކުގެ ސަބަބުންވެސް މެއެވެ.

ދެމީހުން އެކުގައި އޮފީހުން ނުކުމެގެން ރިއުމާން އާއްމުކޮށް ގޮސް އުޅޭ ކޮފީ ޝޮޕްއާ ދިމާލަށް މިސްރާބުޖެހިއެވެ. އެ ގަޑީގައި ބަނޑުހައިވެފައި ހުއްޓަސް އޭނާ އެއްޗެއް ކާކަށް ބޭނުމެއް ނުވިއެވެ. ނާޝިދުގެ ފަހަތުގައި ހުރެގެން ރިއުމާން އޭނާގެ ފޯނަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު އިރުއިރުކޮޅަކާ އޭނާ ކުރިމައްޗަށް ވެސް ބަލައިލައެވެ.

ކޮފީ ޝޮޕާ ހިސާބަށް އައުމާއެކު ނާޝިދު ރިއުމާންއަށް ބަލައިލާފައި ދޮރު ހުޅުވައިލުމަށްފަހު، އެތެރެއަށް ވަނެވެ. ރިއުމާންވެސް އެތެރެއަށް ވަދެފައި ފުރަތަމަވެސް ހޯދައިލީ އަޒްހާއެވެ. އަޒްހާ ފެންނާކަށް ނެތެވެ. އެހެންކަމުން އޭނާ ވެސް ނާޝިދުގެ ފަހަތުން ގޮސް ކޮފީއަކަށް އޯޑަރު ދިނެވެ. ކޮފީ ނިމުމުން އެ ހިފައިގެން ގޮސް ދެމީހުން މޭޒު ދޮށުގައި އިށީނެވެ.

ނާޝިދު ކޮފީ ޖޯޑުން އެތިފޮދެއްބޮއިލަމުން ރިއުމާންއަށް ބަލައިލިއެވެ. ރިއުމާން ކޮފީތަށި އަނބުރައިލަ އަނބުރައިލާ އިނެވެ.

"އިންޓަރވިއު އޮތީ ކޮންއިރަކުން؟" ނާޝިދު ފުރަތަމަ ކުރީ އޮފީހާ ބެހޭ ސުވާލެކެވެ.

"މިހާރު އެ ކުދިން ޝޯޓްލިސްޓް ކޮށްފަ އެހުރީ. ދެން އޮތީ އިންޓަރވިއު އޮންނާނެ ދުވަހަކާއި ވަގުތެއް ސެޓްކުރުން...މިފެށޭ ހަފްތާ ތެރޭގައި ނިންމޭތޯ މިއުޅެނީ..." ރިއުމާން ބުނެލިއެވެ.

"ކަމެއްވީތަ؟ ކުއްލިއަކަށް...." ރިއުމާންއަށް އެންމެ ފަހުން ސުވާލު ނުކޮށެއް ނީދެވުނެވެ.

"ގެއަށް އަންނާކަށް ނުވޭތަ؟" ނާޝިދު ސުވާލުކޮށްލިއެވެ.

"ގެއަށް...." ރިއުމާންއަށް އެހިސާބަށް ބުނެފައި ހުއްޓައިލެވުނެވެ. އޭނާއަށް ނާޝިދާ ނަޒަރު ވަކިކޮށްލެވުނެވެ.

"ކިހިނެއްވީ؟.." ނާޝިދު ސުވާލުކޮށްލިއެވެ.

ރިއުމާންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ނާޝިދު އޭނާ ބޮޑުވީފަހުން އެ ވިޔަފާރީގެ ތެރެއަށް އޭނާ ވެއްދި ސަބަބުވެސް އެނގެއެވެ. ނާޝިދުގެ ހުރި ހަމައެކަނި ދަރިފުޅަށް ރިއުމާންވެފައި އޭނާ މުސްކުޅިވާ ދުވަހު ވިޔަފާރި ބަލަހައްޓަން ނާޝިދު ބޭނުންވަނީ އޭނާގެ އާއިލާގެ މީހަކަށް ވާށެވެ. އެކަމަކު ރިއުމާން ދެން އަލުން އަނބުރާ ނާޝިދުއާ އެއް ފުރާޅެއްގެ ދަށުގައި އުޅޭކަށް ބޭނުމެއް ނޫނެވެ. އޭނާއަށް ލިބުނު އަނިޔާތަކުގެ ލަކުނު އަދިވެސް ހަށިގަނޑުގައި ފެންނަން އެބަ ހުއްޓެވެ. އެތަންތަން ފެންނަ ކޮންމެ ފަހަރަކު އަދިވެސް ދެންމެ ވީ ކަމެއްހެން އެ މަންޒަރުތައް އޭނާގެ ލޯ ކުރިމަތީގައި ދައުރުވެއެވެ. ކިތަންމެ ބޭނުން ނުވިޔަސް އެ ހަނދާންތަކުން އަދިވެސް އޭނާއަށް މިންޖުވެވޭގޮތެއް ނުވިއެވެ. ޙަޔާތުގައި ދިމާވި ހުރިހާ ހިތްދަތިކަމެއްގެ ސަބަބުން އަދިވެސް އޭނާގެ ނަފްސުގައި ބުނެދޭން ނޭނގޭ ހުސްކަމަކާއި ނުތަނަވަސްކަމެއް އަބަދާ އަބަދު ރަސްކަން ކުރަމުން ދަނީ އޭނާއަށް ލުޔެއް ނުލިބޭނެ ފަދަ ގޮތަކަށެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު