އާ ގަވައިދެއް: 20 ފަހަރު ސްޓިކާ ޖަހައިފިނަމަ ލައިސަންސް ބާތިލުވާނެ

ވެލާނާގެ ސަރަހައްދުގައި ހަދާފައިވާ ޕާކިންގް ޒޯނެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގަވާއިދާ ހިލާފަށް އެއްގަމު އުޅަނދު ފަހަރު ޕާކުކޮށްގެން 20 ފަހަރު ސްޓިކާ ޖެހުމުގެ ސަބަބުން އެއްގަމު އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް ބާތިލުވާ ގޮތަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިޝަނުން އާ ގަވާއިދެއް އާންމުކޮށްފިއެވެ.

އެ މިނިސްޓްރީިން ރޭ ގެޒެޓް ކުރި އާ ގަވާއިދުކަމުގައިވާ އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދުގައި ވަނީ އެ މިނިސްޓްރީއިން ދޫކުރާ ކޮންމެ ލައިސަންސްއަކާއެކު 100 ކްރެޑިޓް ޕޮއިންޓް ދޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

އަދި ގަވާއިދާ ހިލާފް އެކި މައްސަލަތަކުގައި ވަކި އަދަދުތަކެއް އެ ކްރެޑިޓް ޕޮއިންޓުން އުނިކުރެވޭނެކަމަށްވެސް ބުނެފައި ވެއެވެ. އެގޮތަށް ކްރެޑިޓް ޕޮއިންޓް އުނިކުރަމުން ދޫކުރާ 100 ކްރެޑިޓް ޕޮއިންޓް ހުސްވެއްޖެ ހާލަތެއްގައި އެމީހަކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުވެގެންދާނެކަމަށް އާ ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

މީގެ މާނައަކީ އާންމު ފަރާތަކުން ނުގަވާއިދުން ޕާކުކޮށްގެން 20 ފަހަރަށްވުރެ ގިނަ ފަހަރު އުޅަނދުގައި ސްޓިކާ ޖަހައިފިނަމަ އެ ފަރާތެއްގެ ލައިސަންސް ބާތިލުވެގެންދާނެކަމެވެ. އެއީ ސްޓިކާ ޖަހާ ކޮންމެ ފަހަރަކު ލައިސަންސުން ފަސް ކްރެޑިޓް ޕޮއިންޓް އުނިކޮށްގެންނެވެ.

ގަވާއިދުގެ 20 ވަނަ މާއްދާގެ (ނ) ގައިވަނީ ކްރެޑިޓް ޕޮއިންޓް އުނިކޮށްގެން ބާތިލުކުރާ ލައިސަންސެއް އަލުން ހެއްދުމަށް ހުށަހެޅޭނީ 180 ދުވަސްފަހުންކަމަށް ބަޔާންކޮށްފައެވެ. އަދި އެގޮތަށް ހުށަހަޅާ ފަރާތަކުން އާ ލައިސަންސްއަކަށް އެދޭއިރު ފުރިހަމަ ކުރަން ޖެހޭ ހުރިހާ އިމްތިހާނަކާއި އިޖުރާއަތްތައްވެސް އަލުން ފުރިހަމަ ކުރަން ޖެހޭނެކަމަށް އެ މާއްދާގެ (ރ) ގައި ވަނީ ބަޔާންކޮށްފައެވެ.

މީގެ މާނައަކީ ކްރެޑިޓް ޕޮއިންޓު އުނިކޮށްގެން ލައިސަންސް ބާތިލުކޮށްފިނަމަވެސް އަލުން ހައްދަން ހުށަހަޅާއިރު ތިއަރީ އިމްތިހާނު އަދި ޕްރެކްޓިކަލް އިމްތިހާނުފަދަ ހުރިހާ އިޖުރާއަތްތަކެއް އަލުން ފުރިހަމަ ކުރަންޖެހޭނެކަމެވެ.

އާ ގަވާއިދުގެ ދަށުން ދެން ކްރެޑިޓް ޕޮއިންޓް އުނިވާ އެހެން ބައެއް ހާލަތްތަކުގެ ތެރޭގައި ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ނުރައްކާ ނުވަތަ ހަށިގަނޑަށް ގެއްލުންވާ ހާލަތްތައް ހިމެނެއެވެ. އެފަދަ ހާދިސާއެއް ހިނގައިފިނަމަ ލައިސަންސުން އެއްފަހަރާ 75 ޕޮއިންޓު އުނިކުރެވޭނެކަމަށް ބުނެފައިވެއެވެ. އަދި ފަރުވާކުޑަކޮށް ދުއްވައިގެން މީހެއްގެ ހަށިގަނޑަށް ގެއްލުމެއް ވެއްޖެނަމަ 50 ޕޮއިންޓު އުނިކުރެވޭނެކަމަށް ގަވައިދުގައި ވެއެވެ.

ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވުމުންވެސް ޕޮއިންޓު އުނިވާނެކަމަށް ގަވައިދުގައި ވެއެވެ.

މީގެ އިތުރުން ބައެއް ހާލަތްތަކުގައި ފުލުހުންނަށް ދިގު މުއްދަތަކަށް ލައިސަންސް ހިފެހެއްޓުމުގެ އިހުތިޔާރުވެސް މި ގަވައިދުން ދެއެވެ.

އެގޮތުން ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވައިގެން މީހެއްގެ ފުރާނައަށް ގެއްލުމެއް ވެއްޖެ ހިނދެއްގައި ކުށްކުރި މީހާގެ ލައިސަަންސް 10-25 އަހަރާ ދެމެދުގެ މުއްދަތަކަށް, އަދި މީހެއްގެ ހަށިގަނޑަށް ގެއްލުން ލިބިއްޖެ ހާލަތެއްގައި ގެއްލުމުގެ ކުޑަބޮޑުމިނަށް ބަލައި, ކުށްކުރި މީހާގެ ލައިސަންސް ހަ މަހާއި ފަސް އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ހިފެހެއްޓިދާނެކަމަށް ގަވައިދުގައި ވެއެވެ.

އާ ގަވާއިދުގައިވެސް ވަނީ ލައިސަންސް ނެތި އެއްގަމު އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް، ކުރިއެކޭވެސް އެއްގޮތަށް ކަނޑައަޅާފައިވާ، ޖޫރިމަނާތައް ހިމަނާފައެވެ.

އެގޮތުން ލައިސަންްސް ނެތި އުޅަނދެއް ދުއްވައިގެން ޖޫރިމަނާ ކުރާ ފުރަތަމަ ފަހަރު 1،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ދެވަނަ ފަހަރު 1،500 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އެޔަށްވުރެ އިތުރުވާ ކޮންމެ ފަހަރަކު 2،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

ލައިސަންސް ނެތި އުޅަނދެއް ދުއްވައިގެން ބޮޑެތި އަދަދުތަކުން ޖޫރިމަނާ އޮންނަ މީހުން ގިނައެވެ.

މީގެ އިތުރުން އުޅަނދެއް ލައިސަންސް ނެތި ދުއްވައިފިނަމަ އެ އުޅަނދެއްގެ ވެރިފަރާތް 2،000 ރުފިޔާއިން ޖޫރިމަނާކޮށް އެ ދުއްވި އުޅަނދު 15 ދުވަހަށް ހިފެހެއްޓޭނެކަމަށްވެސް ރޭ ގެޒެޓުކުރި ގަވައިދުގައި ވެއެވެ.

މި ގަވާއިދަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެއެވެ.

comment ކޮމެންޓް