ބީއެމްއެލްގެ ހިއްސާއަކަށް 15 ރުފިޔާ ބަހަން ނިންމައިފި

-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުސްވި 2020 ވަނަ އަހަރު ބީއެމްއެލްއަށް ލިބުނު ފައިދާއިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 15 ރުފިޔާ ބަހަން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފި އެވެ.

މިއަދު ބޭއްވި ބީއެމްއެލްގެ 38 ވަނަ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފައިވަނީ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 15 ރުފިޔާގެ މަގުން ޖުމުލަ 80.7 މިލިއަން ރުފިޔާ ބެހުމަށެވެ.

އެ ޖަލްސާގައި ބީއެމްއެލްގެ މިދިޔަ އަހަރުގެ މާލީ ނަތީޖާއަށް އަލިއަޅުވާލައްވަމުން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ މިދިޔަ އަހަރު ފެށީ ކާމިޔާބުކޮށް ކަމަށާއި ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އާމްދަނީ ވަރަށް ބޮޑަށް ދަށްވެ، ބޭންކަށް އެކަމުގެ ނޭދެވޭ ބޮޑު އަސަރެއްކުރި ކަމަށެވެ.

"އަހަރު ނިމުނުއިރު ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 325 މިލިއަން ރުފިޔާ ލިބިފައިވާއިރު 2019 ވަނަ އަހަރާ އަޅާބަލާއިރު މިއީ 60 އިންސައްތައަށް ވުރެ ބޮޑު ދަށްވުމެއް. ނަމަވެސް ބޭންކަށް ކުރިއެރުން ލިބެމުންދިޔަ. އެގޮތުން 12،000 އައު ކަސްޓަމަރުން ބޭންކާ އަލަށް ގުޅުނު. އަދި އައު ލޯނުގެ ގޮތުގައި މިދިޔަ އަހަރު ތިން ބިލިއަން ރުފިޔާ ދޫކޮށްފައިވޭ."

މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 15 ރުފިޔާ ބަހަން ފާސްކޮށްފައިވާއިރު އޭގެ ކުރިން 2019 ވަނަ އަހަރު ހިއްސާއަކަށް 26 ރުފިޔާ ވަނީ ބަހާފަ އެވެ.

comment ކޮމެންޓް