ގާނާގެ ފަސްޓް ލޭޑީއަށް ދައުލަތުން ދިން އިނާޔާތްތައް އަނބުރާ ދެއްވަނީ

ގާނާގެ ރައީސް ނާނާ އަކޫފޯ އަޑޯ އާއި އަނބިކަނބަލުން ރެބެކާ އަކޫފޯ އަޑޯ -- ފޮޓޯ: އޭއެފްޕީ

އަކްރާ (ޖުލައި 13): ގާނާގެ ރައީސް ނާނާ އަކޫފޯ އަޑޯ ވެރިކަމަށް ވަޑައިގެންނެވި ފަހުން އަނބިކަނބަލުން ރެބެކާ އަކޫފޯ އަޑޯއަށް ދައުލަތުން ދީފައިވާ އިނާޔާތްތައް އަނބުރާ ދެއްވާނެކަމަށް އެކަމަނާ ވިދާޅުވެއްޖެ އެވެ.

ގާނާގެ ފަސްޓް ލޭޑީ އާންމު ކުރެއްވި ބަޔާނެއްގައިވާ ގޮތުން 2017 ވަނަ އަހަރުން ފެށިގެން އޭނާއަށް ދީފައިވާ އިނާޔާތްތައް އެއްކޮށް އަނބުރާ ދައްކަން ނިންމެވީ އެކަމަނާއާ ބެހޭ ގޮތުން ފެތުރެމުންދާ ބައެއް ވާހަކަތަކާ ގުޅިގެންނެވެ. އެގޮތުން އޭނާއަކީ ކޮރަޕްޓު، އަމިއްލަ އެދުން ބޮޑު މީހެއް ކަމަށާއި ގައުމުގެ އާންމު ރައްޔިތުންގެ ހާލަތާ މެދު އޭނާ ނުވިސްނަވާ ކަމަށް ބައެއް މީހުން ބުނަމުންދާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ރެބެކާ އަކޫފޯ އަޑޯއަށް ފާއިތުވި ހަތަރު އަހަރު ތެރޭ އިނާޔަތުގެ ގޮތުގައި ދައުލަތުން ދީފައިވާ ފައިސާގެ އަދަދު 151,618 ޑޮލަރަށް އަރާނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ގާނާގެ ފަސްޓް ލޭޑީ އެފަދައިން ވިދާޅުވީ، އެގައުމުގެ ރައީސާއި ނައިބު ރައީސްގެ އަނބިކަނބަލުންނަށް ރަސްމީ މުސާރައެއް ދޭން އެގައުމުގެ ޕާލަމެންޓުން މިދިޔަ ހަފްތާގައި ފާސް ކުރި ފަހުންނެވެ. އަދި އެ ނިންމުމާ ބެހޭ ގޮތުން އެގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ނުރުހުން ފާޅު ކުރި ފަހުންނެވެ.

އެ ޕާލަމެންޓުން ފާސް ކުރީ ފަސްޓް ލޭޑީ އާއި ސެކަންޑް ލޭޑީއަށް މުސާރައިގެ ގޮތުގައި މަހަކު 3،500 ޑޮލަރު ދިނުމަށެވެ. އެއީ އެގައުމުގައި ކެބިނެޓު މިނިސްޓަރުންނަށް ދޭ މުސާރާއާ އެއްވަރުގެ މުސާރައެކެވެ. ނަމަވެސް އަކޫފޯ އަޑޯ ވަނީ އެ މުސާރަ ނުނަންގަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް