ރައީސް ޔާމީން އަނބުރާ ޖަލަށް ބަދަލުކުރާ ވާހަކަ ކަރެކްޝަންސްއިން ދޮގުކޮށްފި

ފެބްރުއަރީ 27، 2020: ފުލުހުން ބަލަމުންދާ މައްސަލަ އަކާ ގުޅިގެން ކުރީގެ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަނީ ލޯންޑަރިންގެ މައްސަލައެއް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަނބުރާ ޖަލަށް ބަދަލުކުރުމުގައި އަދި ވަކި ގޮތެއް ނުނިންމާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ބުނެފިއެވެ.

ރައީސް ޔާމީން މިވަގުތު ހުންނެވީ ގޭބަންދުގައެވެ. ކޮވިޑުގެ ހާލަތު ގޯސްވެ މާފުށި ޖަލުން ގިނަ އަދަދެއްގެ ކޮވިޑް ކޭސްތަކެއް ފެންނަން ފެށުމާއެކު އެހެން ހައި ރިސްކު ގައިދީންނާއެކު ރައީސް ޔާމީންވެސް ގޭބަންދަށް ބަދަލުކުރީ މިދިޔަ އޭޕްރިލް މަހުގެ 29 ވަނަ ދުވަހުއެވެ.

މާލޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ދަށްކުރެވިފައިވާއިރު، ރައީސް ޔާމީން އީދު ބަންދަށްފަހު އަބުރާ ޖަލަށް ބަދަލުކުރާނޭކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެކަމާ ގުޅިގެން "ސަން" އިން ސުވާލުކުރުމުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ އެއީ ތެދު ވާހަކައެއް ނޫންކަމަށެވެ.

"އަދި އަޅުގަނޑުމެން އެއްވެސް ގޮތެއް ނުނިންމަން އެއަކަށް. އެއީ މުޅިން ހަގީގީ ވާހަކައެއް ނޫން، ރައީސް ޔާމީން އަނބުރާ ޖަލަށް ބަދަލުކުރާ ވާހަކަ. އަޅުގަނޑު ދެންނެވީވެސް އެހެންނެއް ނޫން،" ކޮމިޝަނަރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން ކޮމިޝަނަރު ވިދާޅުވީ ގޭ ބަންދަށް ބަދަލު ކުރި ގައިދީން އަބުރާ ޖަލަށް ގެންދިޔުމާމެދު ގޮތެއް ނިންމާނީ މިހާރު މި އޮތް ހާލަތަށް ރިއާޔަތްކޮށް އިތުރަށް ބެލުމަށްފަހުގައި ކަމަށެވެ. އަދި އެގޮތަށް ނިންމައިފިނަމަ އެހެން ގައިދީންނެކޭ އެއްގޮތަށް ރައީސް ޔާމީންވެސް އަނބުރާ ޖަލަށް ބަދަލުކުރާނެކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.

މިވަގުތު ގޭ ބަންދުގައި ހުންނެވި ރައީސް ޔާމީން ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ހައި ރިސްކު މީހުންނަށް ހާއްސަ ހާލަތްތަކުގައި ދޭ ފައިޒާ ވެކްސިންވެސް ޖައްސަވައިފައެވެ.

ރައީސް ޔާމީން ތަންފީޒު ކުރައްވަމުން ގެންދަވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ކުއްޔަށްދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ އެމަނިކުފާނުގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމެވެ.

comment ކޮމެންޓް