ކޮވިޑް19 ސްޓިމިއުލަސް ލޯނު ދެވޭނީ ހުށަހަޅާ ތަރުތީބުން، ސުންގަޑިއަކީ މި މަހުގެ 17

ކޮވިޑް-19 އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދި ހުށަހެޅުމުގެ ސުންގަޑި މި މަހުގެ 17ވަނަ ދުވަހު ހަމަވާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

އެ ލޯނަކީ ކޮވިޑް19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރާ ގުޅިގެން ބީއެމްއެލްއިން ދޫކުރާ ލޯނެކެވެ.

ބީއެމްއެލްއިން ބުނީ އެ ލޯނު ދޫކުރަމުން އަންނަނީ ލޯނަށް އެދި ހުށަހަޅާ ތަރުތީބުން އެންމެ ފުރަތަމަ ހުށަހަޅާ ފަރާތްތަކަށް އިސްކަން ދީގެން ކަމަށެވެ.

އެ ލޯން ސްކީމަކީ ވަކި އަދަދެއް ކަނޑައެޅިފައިވާ ލޯން ސްކީމެއް ކަމަށާއި މިހާތަނަށް ބޭންކުން ބަލައިގެންފައިވާ ލޯން އެޕްލިކޭޝަންތަކުގެ އަދަދުވެސް ލޯން ސްކީމަށް ކަނޑައެޅި ލިމިޓަށްވުރެ އިތުރުވެފައިވާ ކަމަށް ބީއެމްއެލްއިން ފާހަގަކުރެ އެވެ.

އެހެންކަމުން ލޯނަށް އެދި ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ 17 ޖުލައި 2021 ކަމުގައި ބީއެމްއެލްއިން ވަނީ ކަނޑައަޅާފަ އެވެ.

އެ ތާރީހުގެ ކުރިން ލޯނަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތައް އިވެލުއޭޓްކުރުމަށްފަހު ފަންޑުގައި ބާކީ ފައިސާ ހުރެއްޖެނަމަ އަލުން ލޯނަށް އެދި ހުށަހަޅެމުގެ ފުރުސަތު ހުޅުވާނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

ބީއެމްއެލްއިން ދޫކުރާ ކޮވިޑް19 އިކޮނޮމިކް ސްޓިމިއުލަސް ލޯނުގެ އިންޓްރެސްޓް ރޭޓަކީ ހަ ޕަސެންޓެވެ. އަދި ރަހުނަކާ ނުލާ ދޫކުރުމަށް ހަމަޖެހިފައިވާ މި ލޯނަށް އަނބުރާ ފައިސާ ދެއްކުމަށް ހަތަރު އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.

comment ކޮމެންޓް