ޚިޔާނާތުގެ ފައިސާ އަޅުގަނޑަކަށް ނުލިބޭ، ފައިސާ ލިބުނީ އެހެން އާޒިމަކަށް ކަމަށްވެދާނެ: އަލީ އާޒިމް

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް -- ފޮޓޯ/ މަޖިލިސް

އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާ އޭނާ އަށް ލިބިފައިނުވާކަމަށާއި ފަހަރުގައި އެ ފައިސާ ލިބުނީ އެހެން އާޒިމަކަށް ކަމަށްވެދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

މިއަދު ކްލަބް ހައުސްގައި ކުރިއަށްދިޔަ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި އޭނާގެ ނަން އޮތުން ވެގެންދިޔައީ "ވަރަށް ބޮޑަށް ސަޕްރައިޒްވެގެން ދިޔަ" ކަމެއްގެ ގޮތުގައި ކަމަށެވެ.

އަދި ފައިސާގެ އެެއްވެސް މިންވަރެއް ލިބިފައިނުވާކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

"ރައްޔިތުންނަށް އެނގެން ޖެހޭނެ ކަންނޭނގެ. އަޅުގަނޑުގެ ނަން ހަމައެކަނި އޮތް ސަބަބަކީ ކޮންމެވެސް ހުސައިން މުހައްމަދު ކަންނޭނގެ ކިޔާ ބޭފުޅެއް އަދީބާ ގުޅޭގޮތުން ދީފަ އޮތް ބަޔާނުގައި އޮންނަކަމަށްވަނީ އަދީބު ފޮނުވައިގެން އަޅުގަނޑަށް ތިން މިލިއަން ގެންގޮސް ދިނީމޭ،" އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އަދީބާއި އާޒިމް އަކީ ވަރަށް ކުރީއްސުރެވެސް ގާތް ރައްޓެހިންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މިހާރުވެސް އަދީބު ހެޔޮހާލުގައި ދުނިޔޭގައި އެބަ ހުންނެވިކަމަށާއި އަދި އޭނާއަށް ޚިޔާނުތުގެ އެއްވެސް ފައިސާއެއް ލިބިފައިވޭތޯ އަދީބުކުރެ އެއްސެވުމަށް އާޒިމް އެދިވަޑައިގަތެވެ.

އޭނާގެ މައްސަލަ އަވަސްކޮށްދިނުމަށް އެދި އެސެޓް ރިކަވަރީ ކޮމިޝަނަށް ސިޓީއެއް ފޮނުވިތާ މިއަދަށް ތިން މަސްވެފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މިއަދާ ހަމައަށް ވެސް ސުވާލުކުރުމަށް އޭނާ ކޮމިޝަނަށް ހާޒިރުކޮށްފައިނުވާ ކަމަށެވެ.

"އަޅުގަނޑަކީ ރައްޔިތުން ތަމްސީލްކުރާ މީހަކަށްވީމަ އަޅުގަނޑު ބޭނުމެއް ނުވޭ ރައްޔިތުން ޝައްކެއްގެ ތެރޭގައި ބަހައްޓައިގެން މިތާ ހުންނާކަށް،" އޭނާ ވިދާޅުވިއެވެ.

މީގެކުރިން އާޒިމް ވިދާޅުވެފައި ވަނީ އަދީބު އޭނާ އަށް ދިން ދަބަހުގައި ވަނީ ދިޔާއެއްޗެއް ކަމަށެވެ. އަދި އޭގެފަހުން ވިދާޅުވީ އެ ދިޔާއެއްޗަކީ ހަލާލުއެއްޗެއް ކަމަށާއި އެއީ ކޯއްޗެއްކަން ފަހުން ހާމަކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް