ފުޅަދޫ ބަނދަރު ތަރައްގީ ކުރުމުގެ 87 ޕަސަންޓު ނިންމާލައިފި

ފުޅަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން-- ފޮޓޯ:އެމްޓީސީސީ

ބ. ފުޅަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 87 ޕަސަންޓު ނިންމާލައިފިއެވެ.

ފުޅަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 49.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީ އިން މިއަދު ބުނީ ބަނދަރު ތަރައްގީކުރުމުގެ 87 ޕަސަންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ބޭރުތޮށިލުމުގެ މަސައްކަތް މިދިޔަ ހޯމަ ދުވަހު ފަށާފައިވާއިރު، މިހާރު ކުރިއަށްދަނީ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކަމަަށް އެ ކުންފުނިން ބުނެއެެވެ.

ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 51,861.5 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 223 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމާއި، 108 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 283 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭކަމަށް އެމްޓީސީސީ އިން ބުނެއެވެ.

އޭގެ އިތުރުން ރަށުގައި ނެރު ބައްތިއާއި މަގު ބައްތި ހަރުކުރުމާއި، 558 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށް އެމްޓީސީސީ އިން މައުލޫމާތުދެއެވެ.

ފުޅަދޫ ބަނދަރު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

comment ކޮމެންޓް