އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް ތިންވަނަ ފަހަރު ހުޅުވާލައިފި

މާޗް 23، 2021: ރައީސް އޮފީސް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުސްވެފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަނެއްކާ ވެސް ހުޅުވާލައިފި އެވެ. މިއީ އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާ ތިންވަނަ ފަހަރެވެ.

ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ފިޔާޒު އިސްތިއުފާ ދެއްވުމާ ގުޅިގެން އެމަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ބޭފުޅުންގެ ތެރެއިން ތިން ބޭފުޅެއްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފަ އެވެ. ނަމަވެސް އެއިން އެއްވެސް ބޭފުޅަކު މަގާމަށް އައްޔަނު ކުރަން މަޖިލީހުން ރުހުންދީފައެއް ނުވެއެވެ.

އެއާއެކު އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލީ މިދިޔަ ޖޫން މަހުގެ ދެވަނަ ދުވަހުއެވެ. ނަމަވެސް ޖޫން މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ދިން ސުންގަޑި ހަމަވީ އިރުވެސް އެއްވެސް ފަރާތަކުން ކުރިމަރިލާފައެއް ނުވެއެވެ.

އެހެންކަމުން އަނެއްކާވެސް އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ވަނީ މިއަދު ހުޅުވާލާފައެވެ. މަގާމަށް ކުރިމަތިލުމަށް ފޯމު ބަލައިގަންނާނީ 12 އަދި 13 ވަނަ ދުވަހު ހެނދުނު 10:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގަމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 35 އަހަރު ފުރިފައިވާ ފަރާތަކަށް ވާން ޖެހެ އެވެ.

އަދި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ އެވެ.

އެ ފަރާތަކީ ގާނޫނުއަސާސީ ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށާއިސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް ޝަރުތުތައް ބުނެ އެވެ.

އެ މަގާމަށް ކުރިމަތިލާ ފަރާތަކީ ފުރަތަމަ ޑިގްރީއެއް ހާސިލުކޮށް މަދުވެގެން ހަތް އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ އަދި އިންފޮމޭޝަން ކޮމިޝަނަރުގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

comment ކޮމެންޓް