މިދިޔަ 24 ގަޑިއިރު ތެރޭގައި މާލެ ސަރަހައްދުން ކޮވިޑް19 އަށް ޕޮޒިޓިވްވީ އެންމެ 11 މީހުން ކަމަށް އެޗްޕީއޭގެ ހިސާބުތަކުން ދައްކައިފިއެވެ. މިއީ މި ފަހުން މާލެ ސަރަހައްދުން އެންމެ މަދުން މީހުން ފޮޒިޓިވްވި ފަހަރެވެ.
އެޗްޕީއޭއިން މިރޭ ނެރުނު ކޮވިޑް19 ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ 24 ގަޑިއިރު ތެރޭގައި 5,266 ސާމްޕަލް ޓެސްޓުކޮށްގެން ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވީ 150 މީހުންނެވެ. އެއީ މާލެ ސަރަހައްދުގެ 11 މީހުންނާއި, މީހުން ދިރިއުޅޭ އެހެނިހެން ރަށްރަށުން 94 މީހުންނާއި ރިސޯޓުތަކުން 17 މީހުންނާއި ތަރައްގީކުރަމުން އަންނަ ރަށްރަށުން ހަތް މީހެއްގެ އިތުރުން ސިނާއީ މަސައްކަތްކުރާ ރަށްރަށުން 20 މީހުންނެވެ. އެއީ ގއ. ކޫއްޑޫއިންނެވެ.
މިވަގުތު ކޮވިޑް19 ބަލި ޖެހިފައި ތިބި މީހުންގެ އަދަދަކީ 3,276 އެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދަނީ 20 މީހަކަށެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދަކީ 74,224 އެވެ. އޭގެ ތެރެއިން 213 މީހަކު ބަލީގައި ވަނީ މަރުވެފައެވެ.
އޭޕްރިލް އަދި މޭ މަހުގެ ތެރޭގައި ރާއްޖޭގައި ހަލުއިކަމާއެކު ކޮވިޑް19 ފެތުރެން ފެށި ފަހުން އެޅި ފިޔަވަޅުތަކާއެކު ބަލި ވަރަށް ބޮޑަށް ކޮންޓްރޯލުކުރެވުނެވެ. އެއަށްފަހު އެކި މިންވަރުން ދޫތައް ދެމުން ގޮސް މިހާރު ވަނީ މާލޭގައި ކާފިއު ވަގުތު ކުރުކޮށް, ކުރިން ހިފަހައްޓާފައިވާ ގިނަ ކަންކަން ކުރުމަށް ހުއްދަ ދީފައެވެ. އޭގެ ތެރޭގައި ކެފޭ ރެސްޓޯރަންޓު ޑައިން އިންއަށް ހުޅުވުމާއި ޖިމްތަކާއި ޕާކުތައް ހުޅުވުމާއި އޮފީސްތައް ހުޅުވުން ހިމެނެއެވެ.
ކޮވިޑް19 އިން ރައްކާތެރިވުމަށް މިއަދު ރާއްޖޭގައި 21 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ. އަދި 293 މީހުން ދެވަނަ ޑޯޒް ޖަހާފައިވެއެވެ.
މިއާއެކު ދެ ޑޯޒް ޖަހައި, ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދު ވަނީ 191,725 އަށް އަރާފައެވެ.
ރާއްޖޭގައި ހަތް ވެކްސިންއެއް ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފައިވެއެވެ. ނަމަވެސް މިވަގުތު އާންމުކޮށް ޖަހައިދެމުން ދަނީ ސިނޮފާމް ވެކްސިން އެކަންޏެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި އެހެނިހެން ބަލި މީހުންނަށް ފައިޒާ ވެކްސިން ޖަހައިދެމުން ދެއެވެ.