ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން 24 ގަޑިއިރު ޑެލިވަރީ ހިދުމަތް ދޭން ހުއްދަދީފި

ޑެލިވަރީ ހިދުމަތް ދޭ މަސައްކަތްތެރިޔަކު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފިހާރަތަކާއި ރެސްޓޯރެންޓްފަދަ ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަންތަނުން 24 ގަޑިއިރު ޑެލިވަރީ ހިދުމަތް ދިނުމަށް އިކޮނޮމިކް މިނިސްޓްރީއިން ހުއްދަދީފިއެވެ.

އެ މިނިސްޓްރީއިން މިރޭ އާންމު ކުރި އުސޫލުގައިވަނީ މިއަދުން ފެށިގެން ޖުލައި 8 ގެ ނިޔަލަށް މުދާ ވިއްކާ ތަންތަނާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން 24 ގަޑިއިރު ޑެލިވަރީގެ ޚިދުމަތް ދެވޭނެކަމަށް ބަޔާންކޮށްފައެވެ. އަދި އެ ހިދުމަތަށް ފުލުހުން ވިޔަފާރިތަކަށް ދޫކޮށްފައިވާ ކޮންމެ ފާހެއްވެސް ބޭނުންކުރެވިދާނެކަމަށް މިނިސްޓްރީގެ އުސޫލުގައިވެއެވެ.

މި ބަދަލަކީ ކޮވިޑް-19 އާ ދެކޮޅަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ދިން ލުއިތަކާއެކު ގެނައި ބަދަލެކެވެ. ޑެލިވަރީ ހިދުމަތަށް ގެނައި މި ބަދަލުގެ އިތުރުންވެސް ކާބޯތަކެތި އަދި މުދާ ވިއްކާ ތަންތަން 04:00 އިން 20:00 އާ ހަމައަށް އާންމުންނަށް ހުޅުވާލައިގެން ހިދުމަތް ދެވޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި މިނިސްޓްރީއިން ވިޔަފާރިތަކަށް ދޫކުރަމުންދިޔަ ފާސްތައް ދޫކުރުންވެސް މިއަދުން ފެށިގެން ހުއްޓާލާފައިވާކަމަށް އުސޫލުގައި ވަނީ ބުނެފައެވެ.

ފާއިތުވި ދެ މަސް ތެރޭ މާލެ ސަރަހައްދުގައި ކޮވިޑް-19 ކޭސްތައް އިންތިހާއަށް އިތުރުވުމާގުޅިގެން ކެފޭ ރެސްޓޯރެންޓުތަކަށް ހަމައެކަނި ހުއްދަދީފައިވަނީ ވަކި ގަޑިތަކެއްގައި ޓޭކްއަވޭއާއި ޑެލިވެރީގެ ހިދުމަތް ދިނުމަށެވެ. އޭރު އޮތް ގޮތުން ހެނދުނު އަށަކުން ހަވީރު ހަޔަކަށް ޓޭކްއަވޭގެ ހިދުމަތް ދެވޭއިރު ހަޔަކުން ފެށިގެން ރޭގަނޑު 12 އަށް ދެވެނީ ހަމައެކަނި ޑެލިވަރީގެ ހިދުމަތެވެ.

މި ފިޔަވަޅުތަކާ ގުޅިގެން ކެފޭ ރެސްޓޯރެންޓް ވިޔަފާރި ކުރާ ފަރާތްތަކުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް ވަރަށް ފަހުން މުޒާހަރާވެސް ކޮށްފައެވެ. އެ ފިޔަވަޅުތަކަށް ބަދަލު ގެނެސް 04:00 އިން 20:00 އަށް ވިޔަފަރިތައް ހުޅުވައިގެން ހިދުމަތް ދޭން ހުއްދަދިނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.

comment ކޮމެންޓް