އައްޑޫ އޮޕަރޭޝަންގައި ހައްޔަރުކުރި މަފްތޫހު ސުޕްރީމް ކޯޓުން ދޫކޮށްލައިފި

ފެބްރުއަރީ 15، 2021: ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު -- ސަމް ފޮޓޯ/ ފަޔާޒު މޫސާ

ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން އައްޑޫ ސީޓީގައި ހިންގި އޮޕަރޭޝަންގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ މަފްތޫހު ސައީދުގެ ބަންދު އަމުރު ސުޕްރީމް ކޯޓުން ބާތިލުކޮށްފި އެވެ.

އެ އޮޕަރޭޝަންގައި ގއ. ކޮލަމާފުށި، ވިކްޓްރީ, މަފްތޫހު ސައީދު ހައްޔަރުކުރީ އައްޑޫ ސިޓީގައި ވަކި ޖަމާއަތެއްގެ ގޮތުގައި ހަރުކަށި ފިކުރު ފެތުރުމަށްޓަކައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ އައިއީޑީ ހެދުމަށް ބޭނުންކުރާ ތަކެތި ރައްކާކޮށް ގެންގުޅެ، އެ ތަކެތި ބޭނުންކޮށްގެން ބަޔަކަށް ނުވަތަ ބައެއްގެ މުދަލަށް ގެއްލުން ދީފާނެ ކަމަށް ތުހުމަތު ކުރެވިގެން މެއި 15 ވަނަ ދުވަހު އެވެ.

އެ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ބަންދަށް ފުރަތަމަ 15 ދުވަސް ދިން ނަމަވެސް، މެއި 30 ވަނަ ދުވަހު އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން މަފްތޫހާއެކު އިތުރު ހަތަރު މީހުން ވަނީ ދޫކޮށްލާފަ އެވެ. އެމީހުން ދޫކޮށްލަން އަމުރުކުރި ސަބަބެއް ކަމުގައި ބުނެފައި ވަނީ އެކަށީގެންވާ ހެކި ގަރީނާ ހުށަހަޅާފައި ނުވާތީ އެމީހުން ބަންދުގައި ބައިތިއްބަންޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ.

އެމީހުން ދޫކޮށްލަން އަމުރުކުރީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ވަނީ އެ ފަސް އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.

ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އެމީހުން ދޫކޮށްލަން އަމުރު ކުރި އިރު، ފުލުހުން އެމީހުންގެ މައްޗަށް ކޮށްފައިވަނީ ނުރައްކާތެރި ތުހުމަތުތަކެެކެވެ.

އެމީހުން ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ދަށު ކޯޓުގެ ނިންމުން ބާތިލުކޮށް، އެމީހުން އަލުން ބަންދުކުރަން ހުކުމްކޮށްފަ އެވެ.

މަފްތޫހުގެ ފަރާތުން ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ސްޕްރީމް ކޯޓުން މިއަދު އޭނާގެ ބަންދު އަމަރު ބާތިލުކުރިއިރު، އިންޓެލިޖެންސް ރިޕޯޓުގެ އިތުރުން އޭނާގެ މައްޗަށް އެހެން ހެކި ހުރިތޯ ބަލައި، ހެކި ހުރި ނަމަ އަލުން ދަށު ކޯޓަށް ހުށަހަޅައިގެން އޭނާ ބަންދުކުރުމުގެ އަމުރަކަށް ފުލުހުންނަށް އެދެވޭނެ ކަމަށް ސްޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް