ޖުލައި އިން ފެށިގެން ޕާކުތަކާ ދުވާ ޓްރެކުތައްވެސް ހުޅުވާލަނީ

މާލޭ އެކުވެނީ ދުވާ ޓްރެކް -- ސަންފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް އަންނަ މަހުގެ އެކަކުން ފެށިގެން ލުއި ދޭން ނިންމާފައިވާއިރު، އެ މުއްދަތުން ފެށިގެން ދުވާ ޓްރެކުތަކާ ޕާކުތައްވެސް ހުޅުވާލަން ނިންމައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ޖުލައި އެކަކުން ފެށިގެން ޕާކުތަކާ ކުޅިވަރު ކުޅޭ ތަންތަނާއި ދުވާ ޓްރެކުތައް، އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ހުޅުވާލާނެ ކަމަށެވެ.

ޕާކުތައް ހުޅުވި ނަމަވެސް، ޕާކުތަކުގައި ކުދިން ކުޅެން ހަރުކޮށްފައި ހުންނަ ތަކެތި ބޭނުން ކުރުން މަނާވާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ޖުލައި އެކަކުން ފެށިގެން ދޭން ނިންމާފައިވާ ލުއިތައް.

  • ފަތިހު ހަތަރަކުން ރޭގަނޑު އަށަކަށް ހުއްދަ އާ ނުލާ ބޭރަށް ނިކުމެ އުޅުން
  • ފަތިހު ހަތަރަކުން ރޭގަނޑު އަށަކަށް ހޮޓާ، ކެފޭ ރެސްޓޯރެންޓުތަކުގައި ޑައިން އިންގެ ހިދުމަތް ދިނުން
  • ފަތިހު ހަތަރަކުން ރޭގަނޑު އަށަކަށް އެކަނި ކުރާ ކަސްތަރު/ކުޅިވަރުތަކަށް ހުޅުވާލުން
  • ފަތިހު ހަތަރަކުން ރޭގަނޑު އަށަކަށް ހުއްދަ އާއި ނުލާ ވިޔަފާރިކުރަން ފިހާރަތަކަށް ދިޔުން
  • ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހުން ދެ މަސް ފުރިހަމަނުވާނަމަ ކަރަންޓީނާ ނުލާ ދަތުރުކުރެވުން، މިގޮތަށް ދެ މަސް ގުނާނީ ޕޮޒިޓިވް ވާ (ސާމްޕަލް ނަގާ) ތާރީހުން ފެށިގެން

ކޮވިޑް ފެތުރުން ކޮންޓްރޯލު ކުުރުމަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދޭން ނިންމީ މާލެ ސަރަހައްދުގައި ބަލި ފެތުރޭ މިންވަރު ފާއިތުވި ދެ ހަފްތާ ތެރޭ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާތީ އެވެ.

comment ކޮމެންޓް