ރަޝިއާގެ "ބަނޑުދަށުގައި" އެމެރިކާ އަސްކަރީ ތަމްރީންތަކެއް ފަށައިފި

އެމެރިކާގެ އަސްކަރީ މަނަވަރުތައް

ކިއޭވް (ޖޫން 29) : ރަޝިއާގެ ބަނޑުދަށުގައި އޮންނަ ޔުކްރޭންގެ ސިފައިންނާ ގުޅިގެން ކަޅުކަނޑު ސަރަހައްދުގައި އެމެރިކާ އާއި އެމެރިކާގެ ބައިވެރިން އަސްކަރީ ތަމްރީންތަކެއް ފަށައިފި އެވެ.

ރަޝިއާގެ އައްސޭރިފަށް އޮންނަ ކަޅު ކަނޑާއި ޔޫކްރޭންގެ ދެކުނު ސަރަހައްދުގައި ކުރިއަށް ގެންދާ މި ތަމްރީންތަކުގައި އެމެރިކާގެ މަދަދު ލިބޭ ނޭޓޯގެ 30 ގައުމެއްގެ 5,000 އަށްވުރެ ގިނަ ސިފައިން މި ތަމްރީންތަކުގައި ބައިވެރިވެ އެވެ. "ސީ ބްރީޒް 2021"ގެ ނަމުގައި ކުރިއަށް ގެންދާ މި ތަމްރީންތަކުގައި 30 މަނަވަރާއި، އަސްކަރީ ފައިޓާ ޖެޓްގެ 40 ޖެޓްގެ އިތުރުން އެއްގައުމުގެ ބަރުހަތިޔާރުވެސް ބޭނުންކުރާނެ އެވެ.

ކަޅުކަނޑާ އެތައް ހާސް މޭލެއްގެ ދުރުގައިވާ އެމެރިކާ ރަޝިޔާ ބަނޑުދަށަށް އައިސް ހިންގާ މި ތަމްރީންތަކަކީ ރަޝިއާއަށް ސީދާ ގޮތެއްގައި ގޮންޖެހުމުގެ ގޮތުން ހިންގާ ޖެއްސުން ކުރުމުގެ އަމަލެއްކަމަށް ބެލެވިފައިވާއިރު ރަޝިއާއިން ވަނީ މިއީ ސަރަހައްދުގައި ހަމަޖެހުން ނަގާލުމަށް އެމެރިކާ ރާވައިގެން ކުރާ ކަމެއްކަމަށް ތުހުމަތު ކޮށްފަ އެވެ.

އެެމެރިކާގެ ތަމްރީންތަކަށް ރަޝިއާގެ ކަނޑުގެ ސިފައިން ބަލައި ފާރަލަނީ

ދުނިޔޭގައި އަސްކަރީ ގޮތުން ދެވަނައަށް އެންމެ ބޮޑުބާރުކަމަށްވާ ރަޝިއާއަކީ ނިއުކްލިޔާ ހަތިޔާރުގެ ގާބިލްކަން ޚުދު އެމެރިކާއަށް ވުރެ ވެސް މަތީގައިވާ ގައުމެކެވެ. މި ތަމްރީންތައް ކުރިޔަށް ގެންދަނީ ކަޅުކަނޑުގައިވާ ޔުކްރޭންގެ ސަރަހައްދާ އަދި ބައިނަލްއަގްވާމީ ސަރަހައްދުގެ ތެރޭގައި ކަމަށްވާތީ މި ތަމްރީންތަކާ ދެކޮޅަށް ރަޝިއާއަށް ކުރެވޭނެ މާބޮޑު ކަމެއްނެތެވެ.

ނަމަވެސް ރަޝިއާ އިން ވަނީ މި ތަމްރީންތަކުގައި ބޭނުންކުރާ އެއްވެސް އުޅަނދެއް އެގައުމުގެ ސަރަހައްދަށް ވަދެއްޖެ ނަމަ އިތުރު އިންޒާރަކާ ނުލައި އެއެއްޗަކަށް ޙަމަލާދޭނެ ކަމުގެ އިންޒާރު ދީފަ އެވެ. އަދި މި ތަމްރީންތަކާ ގުޅިގެން ރަޝިޔާގެ ގައުމީ ސަލާމަތް ހިމާޔަތްކުރުމުގެ ގޮތުން އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމުގެ އިންޒާރު ވެސް ރަޝިއާ ވަނީ ދީފަ އެވެ.

ރަޝިއާގެ ބަނޑުދަށުގައި އޮންނަ ޔުކްރޭންގައި އޮތް ރަޝިއާއަށް ތާއީދުކުރާ ސަރުކާރު، އެމެރިކާ އަޑީގައި އޮވެގެން ބަދަލުކޮށްލާފައި ވަނީ 2014 ވަނަ އަހަރު އެވެ. އެއަށް ފަހު ޔުކްރޭންގައި އުފެދުނު ހުޅަނގަށް ތާއީދުކުރާ ސަރުކާރުތަކުން ގެންދަނީ އެމެރިކާއާ ނޭޓޯގެ އެހެން ގައުމުތަކާ ގުޅިގެން ރަޝިޔާއަށް ޖެއްސުން ކުރުމުގެ ސިޔާސަތެއް ގެންގުޅެމުން ކަމަށް ރަޝިއާ ދެކެއެވެ.

މިއާއެކު ރަޝިޔާ ވެސް ގެންދަނީ ޔުކްރޭންގައި އޮންނަ ހުޅަނގުގެ މަދަދު ލިބޭ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ އިދިކޮޅު ހަނގުރާމަވެރިންނަށް އަސްކަރީ އެހީތައް ދީ ޔުކްރޭނަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތި ކުރަމުންނެވެ. ޔުކްރޭނުންވެސް ގެންދަނީ ރަޝިއާގެ ދުޝްމަން ކަމަށްވާ ނޭޓޯގެ މެންބަރު ގައުމަކަށް ވުމަށް މަސައްކަތް ކުރަމުންނެވެ.

ޔުކްރޭން އާ ގުޅިގެން އެމެރިކާއާއި ނޭޓޯ އިން ފެށި އަސްކަރީ މި ތަމްރީންތަކަށް ރަޝިއާއިން ރައްދު ދޭނީ ލެޓިން އެމެރިކާގެ ބައްރުގައިވާ އެމެރިކާއާ އިދިކޮޅު ވެނެޒުއެލާ ފަދަ ގައުމުތަކަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދީގެންނާއި އީރާންފަދަ އެމެރިކާގެ ދުޝްމަނުންނަށް ރަޝިއާގެ ޒަމާނީ ހަތިޔާރު ވިއްކައިގެން ކަމަށް މުހައްލިލުން ދެކެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު