ރާއްޖޭގައި ނަފްރަތު އުފެއްދުން ނައްތާލަން ބޭނުން ނަމަ އަދުލުވެރިވާންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިފަދައިން ވިދާޅުވީ ރާއްޖޭގައި އިސްލާމްދީނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކުރާ ފަރާތްތަކަށް އެކަށީގެންވާ ފިޔަވަޅު ނޭޅޭކަން ފާހަގަކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.
ޑރ. ޝަހީމް ވިދާޅުވީ ދިވެހިރާއްޖޭގައި އިސްލާމްދީނާ ގުޅިގެން ނަފްރަތު އުފެދިގެން ދިއުމުގެ އެންމެ ބޮޑު އަސްލަކީ ދީނަށް ފުރައްސާރަކުރާ ފަރާތްތަށް ކަމަށާއި، އެފަދަ ފަރާތްތަކާމެދު އެއްވެސް ފިޔަވަޅެއް ނޭޅޭ ކަމަށެވެ.
އެހެންނަމަވެސް ދީނީ އިލްމުވެރިޔަކު އޭނާއަށް ފެންނަ ރައުޔެއް ހާމަކުރުމާއެކު ބިރުދައްކަން ކަންކަން ކުރާ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
އެހެންކަމުން ނަފްރަތު ނައްތާލަން ބޭނުން ނަމަ އެންމެ ފުރަތަަމަ އަދުލުވެރިވާން ޖެހޭކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
ޑރ. ޝަހީމް މިފަދައިން ވިދާޅުވެފައި މމިވަނީ އަންހެން ކުދިން ހިތާނު ކުރުމަކީ އިސްލާމްދީނުގައި އޮންނަ ކަމެއް ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުލްއަތީފު ވިދާޅުވުމާ ގުޅިގެން އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ. އަދި އެ މައްސަލައާ ގުޅިގެން ޑރ. އިޔާޒް މިހާރު ވަނީ މާފަށްވެސް އެދިވަޑައިގެންފައެވެ.