ކުރީގެ އެޓޯލްސް މިނިސްޓަރު އަދި ބަނޑޮސް އައިލެންޑް ރިސޯޓްގެ ވެރިޔާ މުހައްމަދު ވަހީދުއްދީން (ޑީން) ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަގާމަށް އައްޔަން ކުރައްވަން ގަސްތު ކުރައްވާ ކަމަށާއި އެމަނިކުފާނުގެ ނަން ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމަށް މާދަމާ ފޮނުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
ޑީން އަރިހުގައި ހުންނަވައިގެން ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވަހީދު ވިދާޅުވީ، ވަހީދުއްދީނަކީ ހިޔާލު ތަފާތުވާ ބޭފުޅުންނާއެކީގައި ވެސް މަސައްކަތްޕުޅު ކުރެއްވުމުގެ ލިޔާގަތާއި ގާބިލިއްޔަތު ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ރާއްޖޭގެ އިސްތިސާދީ އަދި އިޖުތިމާއީ ދާއިރާގައި ވަރަށް އިހްލާސްތެރި ހިދްމަތްތަކެއް ކޮށްދެއްވާފައިވާ އަދި މީހާރު ވެސް ކޮށްދެއްވަމުން ގެންދާ ބޭފުޅެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"[ވަހީދުއްދީނަކީ] ރައްޔިތުންގެ ވަރަށް ގިނަ އަދަދެއްގެ ބައެއްގެ ލޯތްބައި އިހްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެއް. އެހެންކަމުން އެބޭފުޅާގެ ނަންފުޅު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވާނެ ކަމަށް އަޅުގަނޑު ވަރަށް ބޮޑަށް ޔަގީން ކުރަން،" ރައީސް ވަހީދު ވިދާޅުވި އެވެ.
ޑީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ކުރިމަތިލީ ގައުމީ ވަޖީބެއް ކަމުގައި ދެކޭތީ ކަމަށެވެ. އަދި ދައުލަތުގެ ފައިސާގައި ކިޔަވައިގެން ކުރި މީހަކަށް ވާތީ ކަމަށެވެ. ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރުކަން ވެސް ކުރެއްވެވި ޑީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް އޭނާ ހޮއްވަވައިފި ނަމަ، އެ މަގާމުގެ މައްސޫލިއްޔަތުތައް އަދާ ކުރައްވަން ކުރިމަތިލައްވަނީ އިސްލާމް ދީނާއި ގާނޫނު އަސާސީ ބުނާ ގޮތަށް ކަމަށެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ވަހީދު ދެއްވާ އިރުޝާދުތައް ގަބޫލުފުލު ކުރައްވާނެ ކަމަށް ވެސް ވަހީދުއްދީން ވިދާޅުވި އެވެ.
ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ދައުރުގައި ބަޣާވާތް ކުރި މީހެއް ކަމަށް ބުނެ ޖަލަށްލި ނަމަވެސް ކުރިއަށް އޮތްތާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި ހުންނަވައިގެން "އަޅުގަނޑަކީ ބަޣާވާތް ކުރާނެ މީހުން ނޫން ކަން ދައްކާނެ" ކަމަށް ވަހީދުއްދީން ވިދާޅުވި އެވެ.
"އަޅުގަނޑަކީ ދިވެހި ދައުލަތުގެ ފައިސާގައި ސޯސަންވިލާގައި ކިޔެވި ދަރިއަކަށްވާތީ. ދިވެހި ރައްޔިތުންގެ ފައިސާ އަޅުގަނޑުގެ އުމުރުން 10 ފެށިގެން ވަނީ އަޅުގަނޑުގެ މައްޗަށް ކޮށްފައި. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މީއީ އަޅުގަނޑަށް އެހެންވީމާ ދިވެހިރައްޔިތުންނަށް މިގައުމަށް އޮމާންކަން ހަމަޖެހުން... ތަފާތު ވިސްނުންތަކާއެކީގައި އުޅުމަށް ފުރުސަތު ލިބޭ ގޮތަށް ކަންތައް ކުރުމަކީ އޮތް ކަމެއް ކަމަށް މިއަދު ހަނދާން އެބަ ކުރަން އެބަޖެހޭ،" ވަހީދުއްދީން ވިދާޅުވި އެވެ.
ގާނޫނު އަސާސީގެ 122 ވަނަ މާއްދާގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ ބާކީ އޮތް ދުވަސްތަކުގައި އެ މަގާމް ފުރާނޭ މީހަކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް އައްޔަން ކުރާ މީހެއްގެ ނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރަންވާނެ އެވެ.