ސަރުކާރު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުނީތީ ރައްޔިތުންގެ ކިބައިން މައާފަށް އެދެން: ގާސިމް

10:00


މި ސަރުކާރު ގެނައުމަށް މަސައްކަތްކުރައްވައިފައި ވަނީ މިގޮތަށް ކަންތައްތައްދާނެ ކަމަށް ހީކުރައްވައިގެން ނޫން ކަމަށާއި، މިހާރުގެ ސަރުކާރު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވުނީތީ، ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.


އިދިކޮޅު ހަތަރު ޕާޓީން ގުޅިގެން އާޓިފިޝަލް ބީޗްގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ރައީސް ނަޝީދުގެ ސަރުކާރު ވެރިކަމަށް ގެނައުމަށް ވަރަށް ބޮޑު ޤުރުބާނީތަކެއް ވެވަޑައިގެން ރައްޔިތުންނަށް ސަލާންޖެއްސެވި ކަމަށެވެ. އަދި ޤާސިމާއި ޑރ. ހަސަން ސަޢީދު އެ މަސައްކަތުގައި ބައިވެރިވެވެޑައިނުގެންނެވިނަމަ މި ސަރުކާރު ނޯންނާނެ ކަމަށް ވެސް ޤާސިމް ވިދާޅުވި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވި މުޙައްމަދު ނަޝީދަކީ އިޚުލާސްތެރިއަކަށް ވާނެ ކަމަށް ހީކުރެއްވި ނަމަވެސް ވީ ހިތި ޒަހަރަކަށް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.


އެންމެފަހުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ގާސިމް އަދި ވިދާޅުވީ، ރައީސް ކަމަށް ކުރިމަތިލައްވަން ދެން ބޭނުންފުޅުނުވާ ކަމަށާއި ބޭނުންފުޅު ވަނީ ރައްޔިތުންނަށްޓަކައި އިހުލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވަން ކަމަށެވެ. އަދި މިހާރުގެ ސަރުކާރުން އޭނާ ހިފައި ހައްޔަރުކޮށް ބަންދުކޮށްގެން ގެންގުޅުނީ ރައްޔިތުންގެ ހަރުމުދާތައް ވިއްކަންފެށުމުން ރައްޔިތުންގެ މަޖިލީހުގެ ބަހެއްނެތި އެކަން ނުވާނެ ގޮތަކަށް ކަންތައް ކުރުމުން ކަމަށާއި، ކާބަފައިން ވާރުތަކޮށްދީފައިވާ ހަރުމުދާތައް ވިއްކާ ހުސްކުރަމުންގެންދާއިރު ބައްލަވަން ނުހުންނަވާނެ ކަމަށާއި ދިވެހިންގެ ޤައުމީ ތަރިކަ ނުވަތަ ހަރުމުދާ ހިމާޔަތްކުރައްވަން ކުރެއްވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.


ޖުޑީޝަރީ ދާއިރާ އާއި ފުލުހުންނަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ، ގާސިމް އިބްރާހީމާ އެއްކޮޅަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމުގެ ސަބަބުން، ޝަރުއީ ނިޒާމުން، ގައުމުގެ އިޖްތިމާއީ އަދާލަތު ގެއްލިގެންދިޔަ ނުދޭނެކަން އެނގިގެން ހިނގައްޖެ ކަމަށެވެ. އަދި ދިފާއީ ބާރުތަކުގެ ވާޖިބަކަށް ވާނީ ވަކި ބައެއްގެ ސަލާމަތަށް މަސައްކަތްކުރުން ނޫންކަމަށާއި، އެއްވެސް ފަރާތަކުން ކުރާ ގާނޫނާ ހިލާފް އަމުރަކަށް ސަލާމަތީ ބާރުތަކުން ކިޔަމަންވާން ނުޖެހޭނެ ކަމަށް ބުނާއިރު ގާނޫނުއަސާސީއާ އެއްގޮތަށް ސަލާމަތީ ބާރުތަކުން އަމަލު ކުރުމަށް ވެސް ގާސިމް އިލްތިމާސް ކުރެއްވި އެވެ. އަދި ސަރުކާރުގެ ޕްރެޝަރާއެކު ވެސް މުއްތައްގިއްލު މުއައްސަސާތަކުން ގާނޫނުގެ އިމުގެ ތެރެއިން މިހާރުވެސް ކުރިއަށް ގެންދާ ކަންތައް ގާނޫނީއިމުން ބޭރުނުވެ ކުރިއަށް ގެންދިއުމަށް ވެސް އިލްތިމާސް ކުރެއްވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު