މާލެ ސީޓީގެ ސެލޫންތައް ހުޅުވުމަށް ހުއްދައަށް އެދެން އެޗްޕީއޭއިން ހުޅުވާލައިފި އެވެ. ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ އެޗްޕީއޭއިން އެތަނެއް އިސްޕެކްޓް ކުރުމަށްފަހު އެވެ.
ކޮވިޑްގެ ކޭސްތައް އިންތިހާއަށް ގިނަވެ, ބަލި ކޮންޓްރޯލް ކުރުމަށް މިދިޔަ މަހު 26 ވަނަ ދުވަހުން ފެށިގެން އެޅި ފިޔަވަޅުތަކުގެ ދަށުން ސެލޫންތައް ވަނީ ބަންދުކޮށްފައެވެ.
އެޗްޕީއޭއިން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނީ, މާދަމާއިން ފެށިގެން ދެވޭ ލުއިތަކުގައި ބޯކޮށާ ތަންތަންތަނާއި ސެލޫންތައް އެޕޮއިންޓްމަންޓު އުސޫލުން ހިދުމަތް ދިނުމަތް ދެވޭ ގޮތަށް ފުރަސަތު މިހާރު ދެވިފައިވާ ކަމަށެވެ. ނަމަވެސް އެ ހުއްދަ ދެވޭނީ އެޗްޕީއޭގެ ގަައިޑްލައިންއާ އެގޮތަށް އެތަންތަން ހިންގާ ގޮތުގެ އުސޫލު އެޗްޕީއޭއަށް ހުށަހެޅުމުންނެވެ.
ހުށަހަޅަން ޖެހޭ މައުޅޫމާތު:
- ތަނުގައި މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ ގަޑިތައް
- ގައިޑްލައިންތަކާ އެއްގޮތްވާގޮތުގެ މަތިން ދުވާލެއްގެ މައްޗަށް ހިދުމަތް ދެވޭ މީހުންގެ އަދަދު
- އެޕޮއިންޓްމަންޓު ހެދުމަށް ކަނޑައަޅާގޮތް
އެ މައުލޫމާތާއެކު, ސެލުންތަކުން ތައްޔާރު ކުރާ އުސޫލު ފޮނުވާނީ އެޗްއީއޯސީގެ އީމެއިލް [email protected] އަށެވެ.
އެޗްޕީއޭއިން ބުނީ, ހުއްދަ އެދި ހުށަހަޅުމުން އެޗްއީއޯސީގެ އިސްޕެކްޝަންތަކާ ބެހޭ ބައިން ހުށަހަޅާފައިވާ އުސޫލު ރިވިއުކޮށް, ތަން އިސްޕެކްޓް ކުރާނެ ކަމަށެވެ. އަދި ހިދުމަތް ދެވެން ފެށޭނީ, އިންސްޕެކްޝަންއަށް ފަހު ހިދުމަތް ފެށުމަށް ހުއްދަ ދިނުމުންކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި, އިންސްޕެކްޝަންހަދައި 48 ގަޑިއިރުތެރޭގައި ހުއްދަދިނުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެއެވެ.
މިދިޔަ މަހުން ފެށިގެން ރާއްޖޭގެ ކޭސްތައް މައްޗަށް ދިޔުމަށްފަހު, މިހާރު ކޭސްްތައް ވަނީ ދަށްވާން ފަށާފައެވެ. އެއާއެކު އެޗްޕީއޭއިން ވަނީ ބަލި ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކަށް ލުއިތަކެއް ދީފައެވެ. އެގޮތުން ކާފިއު ވަގުތު ހަވީރު 4:00 އިން ފަތިހު 4:00އަށް ވަނީ ކުރުކޮށްފައެވެ. އޭގެ އިތުރުން ފަތިހު 4:00 އިން ހެނދުނު 8:00 އާ ދެމެދު, ޕާމިޓާ ނުލާ އެކަނި ކަސްރަތު ކުރުމަށް ބޭރަށް ނުކުމެވޭ ގޮތަށްވެސް ވަނީ ހަދާފައެވެ. އަދި މިސްކިތްތަކުގައި އެކަނި ނަމާދު ކުރެވޭ ގޮތަށްވެސް ވަނީ ހަދާފައެވެ,