ތޭވީސް ޑިސެމްބަރު އިއްތިހާދާއި އެ އިއްތިހާދުގައި ބައިވެރިވެފައިވާ އަށް ސިޔާސީ ޕާޓީ ބައިބައިވެގެން ނުދާނެ ކަމަށް އެ އިއްތިހާދުން ބުނެފި އެވެ.
އިއްޔެ ހަވީރު 23 ޑިސެމްބަރުގެ އިއްތިހާދުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ އިއްތިހާދުން ބުނެފައި ވަނީ އިއްތިހާދު ބައިބައިވެފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި އެ އިއްތިހާދާއި އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިހާރުގެ ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރަށް އަންނަ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ހަމައަށް ފުރިހަމައަށް އެއްބާރުލުންދީ، ތާއިދުކުރާނެ ކަމަށެވެ.
މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަބުދުﷲ މުހައްމަދު ވިދާޅުވީ އިއްތިހާދުގައި ހިމެނޭ އަށް ފިކުރުގެ އަށް ޕާޓީއެއް މަސައްކަތްކުރާ އިރު ހިޔާލު ތަފާތުވުންތައް ހުއްޓަސް އެއީ މައްސަލައެއް ނޫން ކަމަށާއި އިއްތިހާދުގެ ތެރޭގައި ކޯޅުމާއި އަރާރުމެއް ނެތް ކަމަށެވެ. އަދި އިއްތިހާދުން މަސައްކަތް ކުރަނީ ރާއްޖޭގެ ރައްޔިތުންނަށް އަމާން މަސަލްހަތު ހުރި މާހައުލެއް ގާއިމުކޮށްދެއްވަން ކަމަށެވެ.
"ހިޔާލު ތަފާތުވުންތައް ހުންނާނެ ނަމަވެސް ގައުމަށް ޓަކައި ގައުމުގެ މަސްލަހަތަށް ޓަކައި ހުރިހާ ދޫތަކެއް ދީގެން ހަމަޖެހިގެންނޭ މިތިބީ. އެއްގޮތަކަށް ވެސް އެބުނާ ކޭކޫފެޅުމުގައި ކޭކު ބައިބައި ކުރުމުގައި އަޅުގަނޑުމެންގެ ތެރޭގައި ހަމަނުޖެހުމެއް ނެތް،" އަބުދުﷲ ވިދާޅުވި އެވެ.
ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު އިބުރާހިމް ޝަރީފު( މަވޯޓާ) ވިދާޅުވީ އިއްތިހާދުގެ މެދުގައި ކެބިނެޓް ޕޮޒިޝަން ދޭން ޖެހޭ އަދަދު އެއްބަސްވެ ނިމިފައިވާ ކަމަށާއި އެކަމުގައި އެއްވެސް އަރާރުމެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ އެއްވެސް ޕާޓީއަކުން އެއްވެސް އަދަދެއްގެ މަގާމެއް ބޭނުންވެގެން ރައީސް ވަހީދަށް ހުށައަޅާފައި ނުވާނެ ކަމަށެވެ.
"އެއްވެސް ޕާޓީއަކުން ނުބުނޭ ތިމަންނަމެން ބޭނުން ވަނީ ދެ ޕޮޒިޝަނޭ ތިން ޕޮޒިޝަނޭ. ކޭކު ބެހުމުގެ [ކެބިނެޓް މަގާމުތަށް ބެހުމުގައި] އެއްވެސް މައްސަލައެއް ނެތްކަމުގެ ޔަގީންކަން އެންމެހާ ދިވެހި ރައްޔިތުންނަށް ދޭން،" ޝަރީފު ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ ކެބިނެޓް ފުރިހަމައަށް އެކުލަވައިނުލެވި އޮތީ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގައި އެމްޑީޕީ ބައިވެރިވާނެ ކަމަށް ބަލައި އެ ޕާޓީ އަށް ރިޒާވުކޮށްފައިވާ ގޮނޑިތަކެއް ހުރުމުން ކަމަށާއި އެމްޑީޕީން ސަރުކާރުގައި ބައިވެރިވޭތޯ ހަފުތާއެއް ވަންދެން ބައްލަވާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"އަޅުގަޑުމެން ދައުވާކުރާ ގޮނޑިތަކެއް ނޫން އެއީ ސީދާ އެ ގޮނޑިތަކަކީ އެމްޑީޕީއަށް ރިޒާވުކޮށްފައިވާ ގޮނޑިތަކެއް. މާލީވަޒިރުކަމުގެ މަގާމު އެ އޮތީ އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ ރަނގަޅު ބޭފުޅަކަށް ދެއްވަން. ދެން އޮތް ތިން މަގާމު ރިޒާވު ކޮށްފައި އޮތީ އެމްޑީޕި އަށް،" ޝަރީފު ވިދާޅުވިއެވެ.
އިދިކޮޅު އެމްޑީޕީން މިއަދުގެ ސަރުކާރަކީ ޣައިރު ގާނޫނީ ސަރުކާރެއް ކަމަށް ބުނާ ބުނުމަށް ރައްދުދެއްވައި މަދަނީ އިއްތިހާދުގެ ރައީސް މުހައްމަދު ދީދީ ވިދާޅުވީ މިހާރުގެ ސަރުކާރަކީ ގާނޫނީ ސަރުކާރެއް ކަމަށާއި މިހާރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހުވާކުރެއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ބައިވެރިވެވަޑައި ގަތުން ދޭހަކޮށްދެނީ ގާނޫނީ ހައިސިއްޔަތުލިބިގެންވާ ގާނޫނީ ސަރުކާރެއް ކަމަށެވެ.
"މިއަދުގެ ރައީސުލްޖުމުހުރިއްޔާ ހުވާކުރެއްވި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އިންނެވި. އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް ވެސް ހުންނެވި. އެހެންވީމާ ޣައިރު ގާނޫނީ ކަމެއްގައި އެބޭފުޅުން ބައިވެރިވަޑައިގެންނަވާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. މިއީ ގާނޫނީ ސަރުކާރެއް. މިސަރުކާރު ދަމަހައްޓަން އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،" ދީދީ ވިދާޅުވި އެވެ.
އިއްތިހާދުގެ ފަރާތުން ބުނެފައި ވަނީ ރައްޔިތުން ހުޅުޖެހުމާ ދެކޮޅަށް ނަމުގައި މިރެއިން ފެށިގެން އެ އިއްތިހާދުން މާލޭގައި ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ހަރަކާތް ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 9:00 ޖަހާއިރު ސުނާމީ ބިނާ ސަރަހައްދުގައި ކަމަށެވެ.
ލިޔުމާ ގުޅޭ އޯޑިއޯ