ބޮޑު ސްކްރީން އަޅުވައި، ގިނަ ބަޔަކު އެއްވެގެން މެޗުތައް ބެލުމުގެ ފުރުސަތު ނުދޭނަން: ފުލުހުން

މީގެ ކުރިން ބޭއްވި ޔޫރޯ ފުޓުބޯޅަ މުބާރާތް ބަލަން އާޓިފިޝަލް ބީޗުގައި ބެހެއްޓި ބޮޑު ސްކްރީން-- ސަން ފޮޓޯ

ކޮވިޑް19ގެ މި ހާލަތުގައި ބޮޑު ސްކްރީން އަޅުވައިގެން ގިނަ ބަޔަކު އެއްތަނަކަށް އެއްވެ، ކުޅިވަރު މުބާރާތްތައް ބެލުމުގެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ތަންތަނުގައި ބޮޑު ސްކްރީން ހަރުކޮށްގެން ގިނަ ބަޔަކު އެއްތަނަކަށް އެއްވެ، ކުޅިވަރު މުބާރާތްތައް ބެލުމުގެ އިންތިޒާމު ބައެއް ފަރާތްތަކުން ރާވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ދިވެހިންގެ ތެރެއިންވެސް ގިނަ ބަޔަކު ބަލާ ޔުއޭފާ ޔޫރޯ 2020 މުބާރާތް މިރޭ ފަށާއިރު، މި މަހުގެ 14 ވަނަ ދުވަހު ކޮޕާ އެމެރިކާގެ މުބާރާތް ވެސް ފަށާނެ އެވެ.

އާންމު ހާލަތުގައި ޒަމާނުއްސުރެ ދިވެހިން މިފަދަ މުބާރާތްތަކާ ދިމާކޮށް ބޮޑު ސްކްރީނުން މިފަދަ މުބާރާތްތައް ބެލޭނެ އިންތިޒާމު ހަމަޖައްސަ އެވެ. އަދި މިފެށޭ ޔޫރޯ މުބާރާތާ ދިމާކޮށް ކުލަބު ޖަމިއްޔާތަކަށް ޕްރޮޖެކްޓަރު ބަހަން ޔޫތު މިނިސްޓްރީން ވެސް ވަނީ ނިންމައިފަ އެވެ.

ފުލުހުން ބުނީ ކޮވިޑް19ގެ ސަބަބުން ހިތްދަތި އުނދަގޫ ދުވަސްތަކަކަށް ފަހު މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މިހާރަށް ވުރެ ފާގަތި ދުވަސްތަކެއްގެ މަލަމަތި ފެންނަން ފަށާފައިވާ މި ދަނޑިވަޅުގައި ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ހިންގޭ ހަރަކާތްތަކަކީ އެންމެންގެ ރައްކާތެރިކަމަށް ޓަކައި ކުރުން އެންމެ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

ހަމައެއާ އެކު ކޮވިޑް19 ކޮންޓްރޯލް ކުރަން ކަމާބެހޭ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތައް ވެސް މިފަދަ ކަމަކަށް ތަންނުދޭ ކަމަށް ފުލުހުން ބުނެ އެވެ.

"އެހެންކަމުން މި ހާލަތުގައި ގިނަ ބަޔަކު އެއްތަނަކަށް އެއްވެ، ކުޅިވަރު ހަރަކާތްތައް ބެލުމުގެ ފުރުސަތު ނުދޭނެ ވާހަކަ ދަންނަވަން." ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މިއީ އެންމެން އެކުގައި ކުރާ މަސައްކަތުން މި ހާލަތު ބަދަލުކޮށް، އިތުރު ލުއިތަކެއް ދެވޭނެ ހާލަތަކަށް ދާން މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ.

comment ކޮމެންޓް