ނަޝީދުގެ ބަޔާނެއް ނަގަން ބޭނުން ވަނީ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައާ ގުޅޭ ގޮތުން: ފުލުހުން

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ބަޔާނެއް ފުލުހުން ނަގަން ބޭނުން ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ކަމަށް އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ރަޝީދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވި ރައީސް ނަޝީދުގެ ސަރުކާރާ ދެކޮޅަށް އާންމު އެތައް ރައްޔިތުންނެއް ނުކުމެ 22 ރޭ ވަންދެން ސިލްސިލާ މުޒާހަރާތަކެއް ކޮށްފައި ވަނީ ރައީސް ނަޝީދުގެ އަމުރަކަށް އަބުދުﷲ ގާޒީ އަސްކަރިއްޔާ އިން ހައްޔަރުކުރި ހިސާބުން ފެށިގެނެވެ. އަދި މިއަދު ފުލުހުން ރައީސް ނަޝީދުގެ ބަޔާނެއް ނެގުމަށް ބޭނުން ވަނީ ކުރީ ސަރުކާރު ވެއްޓުމަށް އެންމެ ބޮޑަށް މަގުފަހިވި އަބުދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ކަމަށް އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދު މިއަދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބަޔާނެއް ނަގަން އެދުނީ އަބުދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގައި، އެމަނިކުފާނު ހުންނެވި ތަނަކަށް ގޮސް ފަސޭހަފުޅު ގަޑިއެއްގައި ކަމަށް ދެންނެވިން. އަދި އެއްވެސް އިޖާބައެއްނުލިބޭ،" އަލީ ރަޝީދު ވިދާޅުވި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަލީ ރަޝީދު ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ ބަޔާނެއް ނެގުމަށް ދަންނަވާފައި ވާނީ އެމަނިކުފާނު ހުންނެވި ތަނަކަށް އަދި އެ މަނިކުފާނަށް ފަސޭހަފުޅު ގަޑިއެއްގައި ފުލުހުން ގޮސްގެން ކަމަށެވެ. ނަމަވެސް އަދި އެކަމަށް ރައީސް ނަޝީދު އިޖާބަ ދެއްވާފައިނުވާ ކަމަށް އެސިސްޓަންޓް ކޮމިޝަނަރު ވިދާޅުވި އެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު ]އިބޫ[ މިއަދު ވިދާޅުވެފައި ވަނީ ރައީސް ނަޝީދުގެ ބަޔާނެއް ނެގުމަށް ބޭނުން ވެގެން ފުލުހުން އަންގާފައިވާ ކަމަށާއި ފުލުސް އޮފީހަށް ހާޒިރުވުމަށް ވެސް ރައީސް ނަޝީދު ތައްޔާރަށް ހުންނެވި ކަމަށެވެ.

"ފުލުހުން ބޭނުން ވަނީ ރައީސް ނަޝީދުގެ ބަޔާނެއް ނަގަން ކަމަށް އެ ބޭފުޅުން ވިދާޅުވެފައި މި ވަނީ. އެއީ ރައީސް ނަޝީދު ހުންނެވި ތަނަކަށް ފުލުހުން ވަޑައިގެން ނަމަވެސް. ރައީސް ނަޝީދު ހުންނެވީ ފުލުސް އޮފީހަށް ހާޒިރުވުމަށް ވެސް ތައްޔާރަށް." އިބޫ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން މުހައްމަދު ނަޝީދު އިސްތިއުފާދެއްވާފައި ވަނީ ރައީސް ނަޝީދުގެ އަމުރުފުޅަށް ސިފައިން ނުކުމެ، ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ހައްޔަރުކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރަން ފެށި މުޒާހަރާތައް ރެއަކަށް ވުރެ ރެއެއް ބާރުބޮޑުވަމުން ގޮސް އަދި އާޓިފިޝަލް ބީޗުގައި އެމްޑީޕީ މީހުންނާއި އިދިކޮޅު ފަރާތްތައް އެއް މައިދާނެއްގައި މުޒާހަރާ ކުރަނިކޮށް، އެ ސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުންނަށް އެންގެމުން އެ މައްސަލާގައި ފުލުހުންނާއި ސިފައިންގެ ކުރިމަތިލުންތަކެއް ހިންގުމަށް ފަހު، ރައްޔިތުންގެ ގިނަ ބަޔަކު ޖުމުހޫރީ މައިދާނަށް އެއްވެ ރައީސްގެ އިސްތިއުފާ އަށް ގޮވަނިކޮށެވެ.

ނަޝީދު އިސްތިއުފާ ދެއްވަމުން ވިދާޅުވި އެވެ.

"އަޅުގަނޑަށް މިއަދު ފެންނަ ފެނުމުގައި އަޅުގަނޑު އިތުރަށް ރާއްޖޭގެ ރައީސް ކަމުގައި ހުރެއްޖެ ނަމަ ރާއްޖެ އާއި ރާއްޖޭގެ ރައްޔިތުންނަށް އެތައް ގިނަ ގުނަ ގެއްލުންތަކެއް ވެދާނެ ކަމަށް އަޅުގަނޑަށް ފެންނާތީވެ، އަޅުގަނޑު މިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުން މިއަދުން ފެށިގެން އިސްތިއުފާ ދީފިން." ނަޝީދު ވިދާޅުވެފައިވެ އެވެ.

ނަމަވެސް ފަހުން ކުރީގެ ރައީސް ވިދާޅުވީ އިސްތިއުފާ ދެއްވީ ޕުރެޝަރު ކުރުމުން ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު