އިންޑިޔާގައި ބްލެކް ފަންގަސް ފެތުރެމުންދަނީ ކަންބޮޑުވާ މިންރަކަށް: ސިއްހަތާބެހޭ ވަޒީރު

ނިއުދިއްލީ (ޖޫން 9) : އިންޑިޔާގައި ބްލެކް ފަންގަސް ބަލި ފެތުރެމުންދަނީ ކަންބޮޑުވާ މިންރަކަށްކަމަށް އެގައުމުގެ ސިއްހަތާބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.

އިންޑިޔާގެ ސިއްހަތާބެހޭ ވަޒީރު ހަރުޝް ވަރުދަން ވިދާޅުވީ ބުލެކްފަންގަސް ޖެހޭ މީހުންގެ ޢަދަދު އިންޑިއާގެ ސްޓޭޓްތަކުގައި ވަރަށް ބޮޑަށް އިތުރުވަމުންދާކަމަށާ އެއީ ކަންބޮޑުވުމެއް ކަމުގައެވެ. މިހާތަނަށް އަށާވީސް ހާހަށްވުރެ ގިނަމީހުންނަށް އެބަލި ޖެހިފައިވާ ކަމަށް ރިޕޯޓްތައް ދައްކާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި ބަލި ކޮންޓްރޯލް ކުރުމަށް އެޅެންހުރި ފިޔަވަޅުތައް އަޅަމުން ގެންދާކަމަށް ހަރުޝް ވިދާޅުވިއެވެ.

ބްލެކްފަންގަސް ޖެހުން ފަސޭހައީ ހަކުރުބަލީގެ މީހުންނަށާއި ކޮވިޑް ޖެހި ރަނގަނޅުވެފައިވާ މީހުންނަށް

މިޔުކޮމައިކޮސިސް ނަމަކަށް ކިޔާ މިބައްޔަށް އާންމު ބަހުން ކިޔަނީ ބްލެކް ފަންގަސް އެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު ބްލެކްފަންގަސް ޖެހޭމީހުންގެ ތެރެއިން ގިނަ މީހުންނަކީ ހަކުރުބަލީގެ ޝިކާރައަކަށްވެފައިވާ މީހުންނާއި ކޮވިޑް ޖެހި ރަނގަނޅުވެފައިވާ މީހުންކަން ތަފާސްހިސާބުތަކުން ދައްކާކަމަށް ހަރުޝް ވިދާޅުވިއެވެ.

ބްލެކްފަންގަސްއާ ބެހޭ ދިރާސާތައް ބުނާގޮތުން އެބަލި ޖެހެން ފަސޭހައީ ކޮންމެވެސް ސަބަބުތަކަކާހެދި ހަށިގަނޑުގައި ދިފާއީ ބާރު ބަލިކަށި މީހުންނަށެވެ.

ބްލެކްފަންގަސް ޖެހުމުން ހަށިގަނޑަށްވެގެންދާ ބިރުވެރި ގޮތްތައް

ބްލެކްފަންގަސް ޖެހުމުން ނޭފަތުގެ ކުލަ ކަޅުކުލައަށް ބަދަލުވެއެވެ. ލޮލުގެ ފެނުން ނުސާފުވެ ބައެއް ހާލަތްތަކުގައި ލޮލުގެ ފެނުން ގެއްލެއެވެ. އަދި މެޔަށް ތަދުވުމާއި ނޭވާލާން އުނދަގޫވުމާއި ކެއްސައި ކަރުން ލޭއައުންފަދަ ނުރައްކާތެރި ސިއްހީ މައްސަލަތައް ދިމާވެއެވެ.

މީގެއިތުރުން ސައިނަސް ޖެހުމުން ކަރުތެރެއަށް ވާގޮތްވުމާއި ނޭފަތް ބެދި ނޭވާލަން އުނދަނގޫވުމާއި ބޮލުގައި ރިއްސުމާއި (ޚާއްސަކޮށް ބޮލުގެ އެއްފަޅީގައި) ސިކުނޑި ދުޅަވުމާއި ހަށިގަނޑުގެ ބައެއް ގުނަވަންތައް އައްސިވުމުގެ އިތުރުން ދަތްތަކުގައި ރިއްސައެވެ. އަދި އެންމެފަހުން ބައެއް ހާލަތްތަކުގައި ދަތްތައް ވެއްޓޭ ހިސާބަށް ދަތްތަކުގެ ހާލަތު ގޯސްވުމަކީވެސް ބެލްކް ފަންގަސް ޖެހުމުން ކުރިމަތިވާ މައްސަލަތަކުގެ ގޮތުގައި ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ ޑަބްލިޔޫ.އެޗް.އޯ އިން ފާހަގަކޮށްފައިވާ ސިއްހީ ކަންތައްތަކެވެ.

އިންޑިއާގައި ބްލެކްފަންގަސް އެންމެ ބާރަށް ފެތުރޭ ސްޓޭޓްތައް

އިންޑިއާގެ ޚަބަރުފަތުރާ ވަސީލަތްތައް ބުނާގޮތުން އެގައުމުގެ ސްޓޭޓްތަކުގެ ތެރެއިން ބްލްކްފަންގަސް ފެތުރޭވަރު އެންމެ ގިނައީ މަހާރަޝްޓްރާ ގައެވެ. ދެވަނައަށް ގުޖުރާތުގައެވެ. ތިންވަނައަށް މަދްޔާ ޕުރަދޭޝްއެވެ. އެއަށްފަހު އުއްތަރަ ޕްރަދޭޝް އާއި ރާޖަސްތާން، ހަރިޔާނާ، ކަރުނާޓަކާ، ދިއްލީ، އަދި އަންދުރަ ޕުރަދޭޝްއެވެ.

އިންޑިއާގެ ޑޮކްޓަރުން ވިދާޅުވެފައިވާ ގޮތުގައި އެގައުމުގައި ކޮވިޑް ފެތުރުމުގެ ކުރިންވެސް ބުލެކްފަންގަސް ޖެހިފައިވާ މީހުން ތިއްބެވެ. ނަމަވެސް އެބަލި ބޮޑަށް ފެތުރިގެންދިޔައީ މީގެ ދެމަސްކުރިން އިންޑިއާއިން ފެނުނު ކޮވިޑްގެ އިންޑިއަން ވޭރިއަންޓްގެ ރާޅާއެކު އިންޑިއާގައި އާދަޔާ ޚިލާފަށް ކޮވިޑް ފެތުރެން ފެށިފަހުންނެވެ. ބްލެންފަންގަސް އަކީވެސް ވަރަށް ފަސޭހައިން ގައިން ގަޔައަށް އަރާ ނުރައްކާތެރި ބައްޔެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު