އދގެ އާންމު މަޖިލީހުގެ ރައީސްކަމުގެ މަގާމު ފުރުއްވަމުން ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ދިވެހިރާއްޖެ ފަޚުރުވެރިކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އަންނަ ސެޕްޓެމްބަރު މަހު ފަށާ އދގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަމަށް ވާދަކުރައްވައި, 143 ވޯޓާއެކު ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު މިއަދު ވަނީ އެ މަގާމު ކާމިޔާބުކުރައްވާފައެވެ. ޝާހިދުއާ ވާދަކުރެއްވި އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޒަލްމާއި ރަސޫލަށް ލިބިވަޑައިގަތީ 48 ވޯޓެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ މިނިސްޓަރު ޝާހިދަށް ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ.
އަދި މިއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އދގެ އާންމު މަޖިލީހުގެ ރައީސްކަމުގެ އިންތިހާބު ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބުކުރެއްވީތީ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދަށް މަރުހަބާ ކިޔަން. މިއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް. އަދި އާންމު މަޖިލީހުގެ ރައީސްކަމުގައި ޝާހިދު އަޅުގަނޑުމެން އެންމެން ފަހުރުވެރިކޮށްދޭނެކަމާ މެދު ޝައްކެއް ނެތް," ރައީސް ސޯލިހު ވިދާޅުވިއެވެ.
އާންމު މަޖިލީހުގެ ރައީސްކަމަށް ޝާހިދު އިންތިހާބުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި އެކަމަށް އުފާފާޅުކުރައްވައި ވިދާޅުވީ މިއީ ދިވެހިރާއްޖެއަށާއި ކުދި ޖަޒީރާ ގައުމުތަކަށާއި އަދި މޫސުމަށް އަންނަ ބަދަލުތަކަށް ނާޒުކު ގައުމުތަކަށް މިއީ އުފާވެރި ދުވަހެއް ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކުރިންވެސް ޝާހިދު ވަނީ ފޮރިން މިނިސްޓަރުކަން އަދާކުރައްވާފައެވެ. އެއީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި, 23 އޮގަސްޓު 2007 އިން 11 ނޮވެމްބަރު 2008 އަށެވެ.
ރައީސް މައުމޫނުވެސް މިރޭ ވަނީ ޝާހިދުއަށް މަރުހަބާ ވިދާޅުވެ, ހިތްވަރުދެއްވާފައެވެ.
އދގައި މީގެ ކުރިން މަސައްކަތްކުރެއްވި ރާއްޖޭގެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު, ފޮރިން މިނިސްޓަރު ޝާހިދަށް މަރުހަބާއާއެކު ވިދާޅުވީ މިއީ ދިވެހި ޚާރިޖިއްޔާ އާ ހަރުފަތަކަށް އެރުން ކަމަށެވެ.
މިނިސްޓަރު ޝާހިދަށް މަރުހަބާ ވިދާޅުވި ބޭރުގެ ބައެއް ވެރީންގެ ތެރޭގައި އިންޑިއާގެ އެކްސްޓަނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާއި އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިން, ކޮމަންވެލްތު އެންޑް ޑެވެލޮޕްމެންޓް އެފެއާޒް ތޯރިގު އަހްމަދު ހިމެނެއެވެ.