ޔާރާއެ ލޯބިދޭށޭ... 43

"ކީއްވެ؟... ކީއްވެތަ އަހަންނަށް ބައްޕައެއްގެ ލޯބި ނުލިބެނީ؟... މަންމަ ކޮން ކުށެއް ކުރީމަތަ، މަރުވި އިރުވެސް ބައްޕަގެ އަޅާލުން ނުލިބުނީ؟... އަހަރެން މީ އެ ނިކަމެތި މަންމަގެ ބަނޑުން އުފަންވީ ދަރިއެއް ވީމަތަ؟... ބައްޕަ އަހަރެންދެކެ ތިހާ ނަފުރަތު ކުރަނީ ކީއްވެކަން ބުނެދީބަލަ... އޭރުން އަހަރެން އިތުރަކަށް ނާހާނަމޭ.... ޒެނިލް އާއި ޖުއާންދެކެ ވާ ލޯބި، ބައްޕަ އަހަރެންދެކެ ނުވާންވީ ސަބަބެއް އެއް ފަހަރު ނަމަވެސް ބުނެދީބަލަ..." ކެވިންގެ އަޑު ތުރުތުރު އަޅައިގެން ދިޔަ އެވެ.

********

"މާގިނަ ވާހަކަ ނުދައްކާ!..." ދާއޫދު ހަޅޭއްލަވައިގަތެވެ.

"ބައްޕާ!..." ކެވިންއަށް ގޮތް ހުސްވި އެވެ. "މިއޮއް ހުރިހާ ދުވަހުވެސް އަހަރެން މިއައީ ބައްޕަ ބުނި ކޮންމެ ކަމެއް ކުރަމުން... އެކަމަކު، ބައްޕަގެ ލޯތްބެއް އަހަންނަކަށް ނުލިބުނު... އަހަންނަށް އެއްވެސް އުފާވެރިކަމެއް ނެތީ ކީއްވެތަ؟... ބައްޕަގެ ލޯބި ނުލިބެންވީ ކީއްވެތަ؟..."

"އަހަންނަކަށް ނުބުނެވޭތަ ތި ނަމުން އަހަންނާ މުޚާތަބުކޮށްގެން ނުވާނެއޭ..." ދާއޫދު ރުޅި ހައްތަހާ ވީ ގަދަ އެވެ. "ކޮބާ އެ ޕެންޑްރައިވް؟... ހަމަ މިހާރު އެ ގެނޭ..."

ދާއޫދު ގޭތެރެއަށް ދެމިގަތެވެ. ގޭތެރޭގެ ތަންތަން ހޯދަން ފެށި އެވެ. ފަހަތުން ދިޔުމުގެ ބަދަލުގައި ކެވިންއަށް ހުރެވުނީ ދޮރުމަތީގަ އެވެ. ގުޑިލަންވެސް ނޭނގިފަ އެވެ. ހިތް ޝަކުވާއިން ފުރިފައި ވިޔަސް، އެ ޝަކުވާތައް ދުލާއި ހަމައަށް ގެނައުމުގެ ހުއްދައެއް ކެވިން އަކަށް ނެތެވެ. ބައްޕަ ކުރިމަތީގައި ހުރެމެ، ބައްޕާއޭ ކިޔައި ގޮވާލުމުގެ ޙައްޤެއް ވެސް ނުމެ ނެތް މެއެވެ.

ކެވިން ސިހުނީ ފަހަތުން ބާރު އަޑުފައްގަނޑެއް އިވުމުންނެވެ. އެއާއިއެކު ތޫނު އެއްޗެހިތަކެއް ފަޔަށް ހެރުނުކަމުގެ އިހުސާސް އޭނައަށް ކުރެވިގެން ދިޔަ އެވެ. ކެވިން ލަސްލަހުން ފަސްއެނބުރި ބަލައިލި އެވެ. ފާރުގައި ހަރުކޮށްފައިވާ ފޮޓޯ ފްރޭމް އޮތީ އޭނަގެ ފައި ކައިރީގައެވެ. އެއީ ކެވިންގެ މަންމަ ނަސީމާ އާއިއެކު އެންމެ ފަހުން ނެގި ތަސްވީރު ލާފައިވާ ފްރޭމެވެ. ދާއޫދު ރުޅި އައުމުން ފްރޭމް އެއްލައިލީ އެވެ. އަނެކާގެ ހިތަށް ކުރާނެ އަސަރަކާއި މެދު ކުޑަކޮށްވެސް ވިސްނައި ނުލައެވެ.

ފްރޭމްގެ ބޭރުގައިވާ ބިއްލޫރިކޮޅުތައް އޮތީ ތެޅިގެން އެކި ހިސާބުތަކަށް ބުރައިގެން ގޮސްފަ އެވެ. އެ ބިއްލޫރިކޮޅުތައް ފަދައިން ކެވިންގެ ހިތްވެސް ކުދިކުދި ވިއެވެ.

"މަންމާ!..." ކެވިންގެ ދެ ތުންފަތް ފޫއަޅުވާލާފައި ނުކުތީ ވޭނީ އަޑެކެވެ.

"މަންމާ އަހަންނަށް މާފުކުރޭ..." ކެވިން އަވަސް އަވަހަށް ގުދުވެ، ފޮޓޯ ފްރޭމް ނެގި އެވެ. އޭގައި ހަރުކޮށްފައިވާ ތަސްވީރު ގެންގޮސް މޭގައި ޖައްސައިލި އެވެ. އޭރު އެ ދެލޮލުން ކަރުނަ އޮހެމުން ދިޔަ އެވެ.

"ހަމަ ނިސާމާގެ އުޅުން ލިބިފަ ތިހުރީ..." ދާއޫދު ހުރީ ދެ ދަތްޕިލައަށް ބާރުކޮށްލައިގެންނެވެ. "މީހަކު އެއްޗެއް ކިޔަސް އަޑެއް ނީވޭނެ... އެހާ ވަރަށް ޝަކުވާ ކުރާނެ..."

"މަންމަ ކޮން ކުށެއްތަ ކުރީ؟... އެއް ފަހަރުވެސް މަންމަ ކުރި ކުށެއް ނުބުނެވިގެން ތިއުޅެނީ ކީއްވެތަ؟..." ހިތް މާ ބޮޑަށް ޒަޚަމުވުމުން، ކެވިންގެ އިހުސާސްތަކުގެ މައްޗަށް ކުރި ހޯދީ ރުޅި އެވެ. އަޑުގައި ވީ ހަރުކަށި ކަމެވެ. ދެބުމަ ގޮށްޖަހަމުން ދާއޫދަށް އެ ނަޒަރު ހުއްޓައިލި އެވެ. ނަފުރަތުން ފުރިފައިވި ދެލޮލުން ނުކުންނަމުންދިޔަ ދިލަ ހޫނުގައި ދާއޫދު ފިއްސައިލަން އުޅުނު ކަހަލަ އެވެ.

"ކަށްވަޅުގަ އޮތް ނަސީމާގެ ކައިރިއަށް ގޮސް ތި ސުވާލު ކުރޭ..." ދާއޫދު ހިނގައިގަތީ ގެއިން ނުކުންނާށެވެ.

ކެވިންގެ ޖުމްލަތަކުން ދާއޫދުގެ ތަބީއަތު ބަދަލު ވިއެވެ. އެކަން އެނގުމުން، ކެވިންއަށް އިތުރު ހިއްވަރެއް ލިބިގެން ދިޔަ އެވެ.

"މީގެ ފަހުން ތީ އަހަރެންގެ ބައްޕައެއް ނޫން..." ކެވިން ބުންޏެވެ. "މިގޭގަ މިހުރީ އަހަންނާއި އަހަރެންގެ މަންމަގެ މަސައްކަތުން ހޯދާފަ ހުރި އެއްޗެހި... މި އެއްޗެހި ހަލާކު ކުރުމުގެ ޙައްޤެއް އެއްވެސް މީހަކަށް ނޯންނާނެ... އެއްވެސް މީހަކަށް މިގެއަށް ވަދެވޭނީ ވެސް އަހަރެންގެ ހުއްދަ ލިބިގެން..."

ދޮރާއި ހަމައަށް ގޮސްފައި ދާއޫދު ހުއްޓުނެވެ. ފަސްއެނބުރި ކެވިންއަށް ބަލައިލި އެވެ. ނަފުރަތުން ފުރިފައިވި ބެލުމެކެވެ. ދާއޫދު މަޑުމަޑުން ހިނގާލާފައި ގޮސް ކެވިން އާއި ދާދި ގާތުގައި ހުއްޓުނެވެ. ކެވިން ލައިގެން ހުރި ހުދު ގަމީހުގެ ގިރުވާން ރީތިކޮށްލި އެވެ.

"ހާދަ އަވަހަކަށް ފެންވަރު އޮޅުނީ ތި؟... މިހާރުވެސް އަހަރެންގެ އެންމެ އަމުރަކަށް އިންނަންޖެހޭނީ ކުޑަގޮޅީގަ ކަން ހަނދާން ނައްތާލީތަ؟..." ދާއޫދު ދިނީ އިންޒާރެކެވެ. ކެވިންގެ ގިރުވާނުގައި ދެއަތުން ހިފައި މަޑުމަޑުން ދަމައިލި އެވެ.

"އަހަރެން މިހާރު ބިރެއް ނުގަނޭ... އިތުރަށް ބިރު ގަންނަންޖެހޭ ސަބަބެއް ވެސް ނެތް..." ކެވިން ގަދަކޮށްލި އެވެ. ދާއޫދުގެ އަތް ގިރުވާނުން ނައްޓުވައި ދުރު ކުރި އެވެ. "އަހަރެން އަތުގަވެސް ހެކި އެބަހުރި... ކުރެވޭނެ ކަންކަން ވެސް އެބަހުރި... އެކަމަކު، މިއޮއް ހުރިހާ ދުވަހުވެސް، އަހަރެން ކެތްކުރީ ތީ އަހަރެންގެ ބައްޕައަށް ވީމަ... އެކަމަކު، ސަބަބެއްނެތި އަހަރެންގެ މަންމައަށް ޤަދަރު ނުކުރި މީހަކާއި ގާތް ގުޅުމެއް ބާއްވާކަށް އަހަރެން މިހާރު ބޭނުމެއް ނޫން...."

"ކެވިން!..." ދާއޫދު ހަޅޭއްލަވައިގަނެފައި، ކެވިން އާއި ދިމާއަށް އަތް މަޅައިލި އެވެ.

ކެވިން ހުރީ ގުޑިވެސް ނުލަ އެވެ. ދާއޫދަށް އޭނަގެ ގައިގައި ޖަހަން ނުކެރޭނެކަން އެނގޭ ކަހަލަ އެވެ. ދެއަތް މުށްކަވައިލަމުން ދާއޫދު އެ އަތް ތިރިކޮށްލި އެވެ. އިތުރަށް މަޑުކުރުމެއްނެތި، ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އެ ގެއިން ނުކުތެވެ.

ކެވިންއަށް ސޯފާއަށް ވެއްޓިގަނެވުނެވެ. ދާއޫދާއި މެދު ކަންތައް ކުރެވުނީ ރަނގަޅަށް ނޫންހެން ހީވެ، ތަބީއަތު އިތުރަށް ގޯސް ވިއެވެ. އޭނަގެ މަންމަގެ ދުނިޔޭގައި އަބަދު ހަނދާންކޮށްދިން އެއް ކަމަކީ، ބައްޕައަށް ޤަދަރާއި އިހުތިރާމު ކުރުމެވެ. މަރުމަތީގައި ވެސް ނަސީމާ ކުރީ އެ ވަސިއްޔަތެވެ. ކެވިން އޭނާގެ މޭމަތީގައި ބާއްވާލާފައިވާ ނަސީމާގެ ތަސްވީރަށް ބަލައިލި އެވެ.

"މަންމާ!... އަހަރެން ލޯބިވާ އެންމެން އަހަންނާއި ވަކިވެގެން ދަނީ ކީއްވެތަ؟... ސީމާއަށްފަހު އަހަންނަށް ލޯބިވެވުނީ ޖިލްދެކެ... އެކަމަކު..." ކެވިން އޭނާގެ ވާހަކަ ހުއްޓައިލާފައި ނޭފަތް ދަމައިލި އެވެ. "އަހަރެން ކިހިނެއް ޖިލްއަށް ގެއްލުން ދޭނީ؟... އަހަންނަކަށް އެކަމެއް ނުކުރެވޭނެ... މަންމާ!... މަންމަ ބުނީތީ އަހަރެން މިއައީ ބައްޕަގެ ކޮންމެ އަމުރަކަށް ކިޔަމަން ވެވޭތޯ ބަލަމުން.... އެކަމަކު، އަބަދު މިހެން އަހަރެން އުޅޭނީ ކިހިނެއް؟... އަހަންނަށް ލިބުނު ހުރިހާ އުފަލެއް ގެއްލިއްޖެ... އަނބިމީހާ އާއި ދަރިފުޅުވެސް ގެއްލުނީ... ޖިލް އާއި ޔޫން ވެސް ގެއްލިއްޖެ... މަންމާ!... އަހަރެން ދެން ކިހިނެއް ހަދާނީ؟... އެންމެން ދޫކޮށްލާފަ މަންމަ ކައިރިއަށް ދާންވީތަ؟... ނޫނީ ބައްޕަހެން ގަދަ ބާރުން ކަންކަން ކުރަންވީތަ؟..."

********

ކޮރެއާއިން އެނބުރި ގައުމަށް ދާ ވާހަކަ ޖުއާން ބުނި ފަހުން، ޖިލްވާގެ ހިތް ނުތަނަވަސް ވަމުން ދިޔަ އެވެ. ޖުއާން ދިނީ ހަމައެކަނި ޖިލްވާ އާއި ރިފްއާނުގެ އިތުރުން ޔޫންގެ ޓިކެޓެވެ. ޒެނިލް ނުދާތީ، ރާއްޖެ ދާން ޖިލްވާގެ ހިތް ދެކޮޅު ހަދަމުން ދިޔަ އެވެ. ޒެނިލް ދޫކޮށްފައި ޖިލްވާ ރާއްޖޭގައި ހުންނާނީ ކިހިނެއް ހެއްޔެވެ؟ އަނެއްކޮޅުން ޖިލްވާގެ މައިންބަފައިން ތިބީ ނުރުހިފަ އެވެ. ދަރިފުޅާއިއެކު ގޮސް އެގެއަށް ވަންނާނެ ހިއްވަރެއް ޖިލްވާގެ ގަޔަކު ނެތެވެ. ކިތަންމެ ނުތަނަވަސްވި ނަމަވެސް، ހާލަތުގެ ގޮތުން، ޒެނިލްގެ ކައިރީގައި އެ ވާހަކަ ދައްކާކަށް ޖިލްވާ އަކަށް ނުކެރުނެވެ.

ރިފްއާނު ހަސްފަތާލަށް އައިއިރު، ޖިލްވާ ހުރީ ޒެނިލް އޮތް ކޮޓަރިން ބޭރުގަ އެވެ. ދެކޮޅަށް ހިނގަމުން ދިޔަ ގޮތުން، ކަމެއް ގޯސްވެއްޖެކަން ރިފްއާނަށް އެނގުނެވެ. ރިފްއާން ހީކުރީ، ކެވިން ކަންތައް ކުރި ގޮތުން ޖިލްވާ އެކަމާއި ވިސްނަން ހުރީކަމަށެވެ. އޭނަ ގޮސް ފުރަތަމަ ވެސް ފެށީ އެ ވާހަކަ އެވެ.

"ނަސީބެއްނު ޖުއާން އަހަންނަށް އެކަން އެނގި ކަން... އަހަރެން ހިއެއް ނުކުރަން ކެވިން އެއީ އެފާޑު މީހެއް ކަމަކަށް..." ރިފްއާން ހުރީ ހިތްހަމަނުޖެހިފަ އެވެ. "މާ ރަނގަޅުވެގެން މިއުޅުނީ ބޭނުންގަނޑެއް އޮތީމަތާ... ނަސީބެއްނު ޖިލް ސަލާމަތްވި ކަން..."

ޖިލްވާ އިނީ ފުން ވިސްނުމެއްގެ ތެރޭގަ އެވެ. ވެދިޔަ ކަންތައް ގަބޫލު ނުކުރެވިފައި ކަހަލަ ގޮތަކަށެވެ. ދެލޮލަށް ހަގީގަތް ފެނުނު ނަމަވެސް ގަބޫލު ކުރަން އޭނަގެ ހިތް ދެކޮޅު ހަދަނީ އެވެ. ކެވިން އަކީ ގޯސް މީހެއް ނޫނޭ ހިތް ބުނަނީ އެވެ. ކެވިންގެ ގެއިން ޖިލްވާ އާއި ޔޫން ސަލާމަތްކުރީ ފުލުހުންނެވެ. އެހާ ފަސޭހައިން ފުލުހުންނަށް އެ ގެ އެނގުނީ ކިހިނެއް ހެއްޔެވެ؟ ކެވިން ގެއިން ނުކުމެގެން ދިޔައިރު، ގޭގެ ދޮރު ތަޅުނުލައި ދިޔައީ، ކީއްވެ ހެއްޔެވެ؟ ގަސްދުގައި އޭނަ ސަލާމަތް ކުރަން ހެއްޔެވެ؟

ޖިލްވާއަށް ޝައްކު ވަނީ އެވެ. ކެވިން ދިޔަތާ މާ ގިނަ އިރެއްނުވެ، ޖިލްވާ އާއި ޔޫން ސަލާމަތް ކުރުމަށް، އެގެއަށް ފުލުހުން އައުމާއި، ފުލުހުންނަށް އެ ގެ އެނގުނީ މީހަކު ގުޅާފައި ދިން މައުލޫމާތަކުން ކަމަށް އެމީހުން ބުނެފައި ވާތީ އެވެ. އެކަމަކު، ކެވިން އެހެން ހަދަންވީ ކީއްވެ ހެއްޔެވެ؟ ކެވިންގެ ވިސްނުން ގޯސް ނޫންނަމަ، އެމީހުން އެގެއަށް ގެންގޮސް ބަންދު ކުރަންވީ ކީއްވެ ހެއްޔެވެ؟ އެކަމުގައި ކެވިންއަށް އެއްވެސް މަޖުބޫރު ކަމެއް އޮތީ ހެއްޔެވެ؟ އެކަމަކު، ޖިލްވާ އާއި އޮތް ގުޅުމަކީ ކޮބައި ހެއްޔެވެ؟ ޖިލްވާގެ ހިތުގައި އުފެދުނު އެތައް ސުވާލެއްގެ ޖަވާބު އޭނަ ބޭނުން ވިއެވެ. ކުރިން ކެވިންދެކެ ކިތަންމެ ޖެހިލުންވީ ނަމަވެސް، މިހާރު އެއްވެސް ބިރުވެރިކަމެއް ޖިލްވާގެ ހިތުގައި ނުވެ އެވެ.

"އަހަރެން އެބަ އަންނަން..." ޖިލްވާ ކުއްލިއަކަށް ތެދުވި އެވެ.

"ކޮންތާކަށް؟..." ރިފްއާން ފުންމައިގެން ތެދުވި އެވެ.

"އެބަ އަންނަން ވަރަށް އަވަހަށް... ޒެލް ކައިރީ ނުބުނާތި!..." ޖިލްވާ ދުވެފައި ގޮސް ލިފްޓަށް ވަނެވެ.

ރިފްއާން ޖިލްވާގެ ފަހަތުން ދިޔަ ނަމަވެސް، ލިފްޓަށް ވަންނާނޭ ފުރުސަތެއް ނުލިބުނެވެ. ރިފްއާނަަށް ޖެހުނީ އެނބުރި ގޮސް ޒެނިލް އޮތް ކޮޓަރިއަށް ވަންނާށެވެ. ޔޫން ބަނޑުމަތީގައި ބައިންދާލައިގެން ޒެނިލް އޮތެވެ. އެ މޫނުން ފެންނަމުން ދިޔައީ އުފާވެރި ކަމެވެ. ރިފްއާން ފެނުމުން، ޒެނިލްގެ ތުންފަތުގައިވި ހިނިތުންވުން ފުންވިއެވެ.

"ކޮބާ ޖިލް؟..." ޒެނިލް ސުވާލު ކުރީ ޖިލްވާ އެތެރެއަށް ނުވަނުމުންނެވެ.

ރިފްއާނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ދޮގު ހަދާކަށްވެސް ނުކެރުނެވެ. އެންމެފަހުން އަވަހަށް ގޮސް ޔޫން އާއި ވާހަކަ ދައްކަން ފެށި އެވެ. ޒެނިލް ތެދުވެ، ހެޑްބޯޑުގައި ލެނގިލި އެވެ.

"ރިފްއާން!..." ޒެނިލް ގޮވައިލީ ވާހަކައެއް ބުނަން ބޭނުންވެގެން ގޮވައިލާ ފަދައިންނެވެ. "ޖިލް ކައިރީ ނުބުނައްޗޭ!... އަހަރެން މިއުޅެނީ ޖިލް އާއި އެކީ ރާއްޖެއަށް ދާން... ވީހާވެސް އަވަހަށް ޖިލް އާއި މެރީ ކުރަން ބޭނުން.... ރިފްއާން އަހަންނަށް އެހީ ވާނަން ދޯ؟..."

ރިފްއާން ބޯ ޖަހައިލި އެވެ.

"މިހާރުވެސް އަހަރެން ބޭނުން ޖިލް ގޮވައިގެން މިތަނުން ދާން... މިތަނުގަ ޖިލްއަށް އެއްވެސް އުފާވެރިކަމެއް ނެތް... އަހަރެން ބިރުގަނޭ އަނެއްކާވެސް ޖިލްއަށް އެކަހަލަ ކަމެއް ވެދާނެތީ... ޓިކެޓު ހަމަޖައްސަން އުނދަގޫވީމަ ބޭނުންވާ އިރަކު ނެތް ދެވޭކަށްވެސް..." ޒެނިލް އިނީ ނުތަނަވަސް ވެފަ އެވެ. އެ ނޫން ކަމަކާއި އޭނައަށް ނުވެސް ވިސްނުނެވެ.

"ރާއްޖޭގަވެސް ވަކި ކަންކަން ރަނގަޅު ވާނެ ކަމަށް ހީނުކުރައްޗޭ..." ރިފްއާން ވާހަކަ ފެށީ ދުރުދުރުންނެވެ.

"ތިބުނި އެއްޗެއް ނުވިސްނުނު..." ޒެނިލްގެ ފުރިހަމަ ސަމާލުކަން ރިފްއާނަށް ހުއްޓުނެވެ.

"މިބުނީ، ކަންތައް ވީގޮތުން ޖިލްގެ މަންމަމެން ކުޑަކޮށް ހިތްހަމަނުޖެހިފައޭ ތިބީ... ޒެނިލްއަށް ވެސް އެކަން އެނގިފައެއްނު އޮތީ... އެހެންވީމަ، އެކޮޅަށް ދާއިރު އެކަމަށްވެސް ތައްޔާރުވައްޗޭ މިބުނީ..." ރިފްއާން އޭނަ ބުނަން ބޭނުންވި ވާހަކަތައް ތިލަކޮށް ދިނެވެ.

އެނބުރި ގައުމަށް ދާންޖެހޭތީ ރިފްއާންގެ ހިތް ނުތަނަވަސް ވިއެވެ. ޚާއްސަކޮށް ޒެނިލް ދާ ކަން އެނގުމުންނެވެ. މަސްލަހަތު ގޯސްވެފައި ވަނިކޮށް ޒެނިލް ފެނުމުން އިތުރަށް ގޯސްވެދާނެތީ އެވެ. އާމިރުގެ ގޮތް ރިފްއާނަށް އެނގެ އެވެ. އާމިރަކީ އެހާ ފަސޭހައިން މަޢާފު ދޭނޭ މީހެއް ނޫނެވެ.

ރިފްއާން ދިޔުމުން، ޖިލްވާގެ އިންތިޒާރުގައި އޮއްވައި، ޒެނިލްއަށް ނިދުނީ އެވެ. ހޭލެވުނުއިރު، ދާދި ކައިރީގައި ހުރި ދާއޫދު ފެނި، ޒެނިލް ދިޔައީ ސިއްސައިގެންނެވެ.

"ބައްޕާ!..." ޒެނިލް ގޮވައިލި އެވެ. "ބައްޕަ ކޮން އިރަކު އައީ؟..."

"އިރުކޮޅެއް ވެއްޖެ..." ދާއޫދު ހިނިތުންވެލި އެވެ. "ދަރިފުޅު ފުރަންއުޅޭ ވާހަކަ ޖުއާން ބުނި... ތެދެއްތަ؟..."

"އާނ ބައްޕާ!... އެހެން ގައުމަކަށް ގޮސްލާ ހިތުން..." ޒެނިލްގެ މޫނުން ފެނުނީ އުފާވެރި ކަމެވެ.

ދާއޫދުގެ މޫނުން ފެނުނީ ތަފާތު އަސަރެކެވެ. އިރުކޮޅަކު ވިސްނައިލަން އޭނަ ހުއްޓެވެ. އޭގެ ފަހުގައި ހިނިތުންވެލި އެވެ. ގަދަކަމުން ކަހަލަ ގޮތަކަށެވެ.

********

ދޮރުގައި މާ ވަރަކަށް ޓަކި ޖަހާ އަޑު އިވުމުން، ކެވިން ގޮސް ދޮރު ހުޅުވައިލި އެވެ. ދޮރުމަތީގައި ހުރި ޖިލްވާ ފެނި، ކެވިންގެ މޫނުގެ ކުލަވަރު ބަދަލު ވިއެވެ. އަވަހަށް ދޮރު ޖަހަން އުޅުނެވެ. ޖިލްވާ ދޮރުގައި ހިފެހެއްޓި އެވެ.

"އެއީ ކެވިން ދޯ؟..." ޖިލްވާގެ އަޑަށް ކެވިންގެ ހަރަކާތް ހުއްޓުނެވެ. "އަހަރެން މިގޭގަ ހުރި ވާހަކަ ޕޮލިހުން ކައިރީ ބުނީ ކެވިން ދޯ އޭ މި އެހީ..."

ކެވިން ސިހުނު ކަން އެނގުމުން، ޖިލްވާ ކުރިއަށްވުރެ ބޮޑަށް ޝައުގުވެރި ވިއެވެ.

"އަހަންނަށް އެނގޭ، ކެވިން ބޭނުންވެގެން ކުރި ކަމެއް ނޫންކަން އެއީ..." ޖިލްވާ ބުންޏެވެ. "ކެވިން ތީ މީހަކަށް ގެއްލުމެއް ދޭނެ މީހެއް ނޫންކަން އަހަންނަށް ޔަޤީން..."

"މާ އަވަހަށް ގޮތް ނިންމަނީ ތި.... އަހަންނަކީ ރަނގަޅު މީހެއް ނޫން...." ކެވިން އުޅުނީ ދޮރު ލައްޕާށެވެ.

"ހަމަ އެންމެ ސުވާލަކަށް ޖަވާބު ދީ..." ޖިލްވާ ދުލެއް ނުކުރި އެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު