އިންފޮމޭޝަން ކޮމިޝަނަރުކަމަށް ކުރިމަތިލާން އަލުން ހުޅުވާލައިިފި

މާޗް 23، 2021: ރައީސް އޮފީސް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުސްވެފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު އަނެއްކާ ވެސް ހުޅުވާލައިފި އެވެ.

ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ފިޔާޒު އިސްތިއުފާ ދެއްވުމާ ގުޅިގެން އެމަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ބޭފުޅުންގެ ތެރެއިން ތިން ބޭފުޅެއްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފަ އެވެ. ނަމަވެސް އެއިން އެއްވެސް ބޭފުޅަކު މަގާމަށް އައްޔަނު ކުރަން މަޖިލީހުން ނިންމާފަ އެއް ނުވެ އެވެ.

ރައީސް އޮފީހުން ބުނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އެ މަގާމަށް ކުރިމަތިލައި ފޯމު ހުށަހެޅުމުގެ ފުރުސަތު ޖޫން 13 އަދި 14 ވަނަ ދުވަހުގެ 10:30 އިން 12:30 އަށް އޮންނާނެ ކަމަށެވެ. ފޯމު ހުށަހަޅަން ޖެހެނީ ރައީސް އޮފީހަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގަމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 35 އަހަރު ފުރިފައިވާ ފަރާތަކަށް ވާން ޖެހެ އެވެ.

އަދި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ އެވެ.

އެ ފަރާތަކީ ގާނޫނުއަސާސީ ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށާއިސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް ޝަރުތުތައް ބުނެ އެވެ.

އެ މަގާމަށް ކުރިމަތިލާ ފަރާތަކީ ފުރަތަމަ ޑިގްރީއެއް ހާސިލުކޮށް މަދުވެގެން ހަތް އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ އަދި އިންފޮމޭޝަން ކޮމިޝަނަރުގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

comment ކޮމެންޓް