ޗައިނާގެ ސައިނޯވެކް ވެކްސިންއަށް ޑަބްލިޔުއެޗްއޯއިން ހުއްދަ ދީފި

ޑަބްލިޔުއެޗްއޯއިން ވަނީ ސައިނޯވެކް ވެކްސިން ބޭނުން ކުރަން ހުއްދަ ދީފަ -- ފޮޓޯ: ގެޓީ

ޖެނީވާ (ޖޫން 2): ޗައިނާގެ ސައިނޯވެކް ވެކްސިން ބޭނުން ކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން އެމާޖެންސީ ހުއްދަ ދީފި އެވެ.

ޑަބްލިޔުއެޗްއޯއިން ބުނި ގޮތުގައި ސައިނޯވެކް ވެކްސިން ޖެހުމުން 51 ޕަސެންޓު މީހުންގެ ފަރާތުން ކޮވިޑް-19އިގެ އަލާމާތްތައް ފެނުން ހުއްޓުވެ އެވެ. އަދި އެ ވެކްސިން ޖެހި އެއްވެސް މީހެއްގެ ފަރާތުން ކޮވިޑްގެ ސީރިއަސް އަލާމާތްތައް ފެނި، ހޮސްޕިޓަލުގައި އެޑްމިޓު ކުރާ ހިސާބަށް ނުދެ އެވެ.

ޑަބްލިޔުއެޗްއޯއިން ލަފާ ދީފައި ވަނީ އެ ވެކްސިން 18 އަހަރުން މަތީގެ މީހުންނަށް ދިނުމަށެވެ. އަދި އޭގެ ދެ ވަނަ ޑޯޒް ދެ ހަފްތާ ނުވަތަ ހަތަރު ހަފްތާ ފަހުން ދިނުމަށެވެ.

ސައިނޯވެކް ވެކްސިން ބްރެޒިލްގެ ސެރާނާ ސިޓީގެ އާބާދީގެ 75 ޕަސެންޓު މީހުންނަށް ޖެހުމަށް ފަހު ހެދި ދިރާސާއަކުން ދެއްކި ގޮތުގައި، ވެކްސިން ޖެހި ފަހުން ކޮވިޑް މަރުތައް 95 ޕަސެންޓު ދަށްވި އެވެ. އަދި ކޮވިޑްގެ ކޭސްތަކާއި ބަލީގެ ސަބަބުން ހޮސްޕިޓަލްގައި އެޑްމިޓު ކުރަން ޖެހުނު މީހުންގެ އަދަދު މަދުވި އެވެ.

ޑަބްލިޔުއެޗްއޯއިން ސައިނޯވެކް ވެކްސިނަށް ހުއްދަ ދިނުމާ އެކު އެ ވެކްސިން ކޯވެކްސް ސްކީމުގައި ބޭނުން ކުރެވޭނެ އެވެ. އަދި އެ ވެކްސިން މިހާރުވެސް ދަނީ ޗައިނާގެ އިތުރުން ޗިލީ، ބްރެޒިލް، އިންޑޮނޭޝިއާ، މެކްސިކޯ، ތައިލޭންޑް އަދި ތުރުކީގައި ބޭނުން ކުރަމުންނެވެ.

ޑަބްލިޔުއެޗްއޯއިން މީގެ ކުރިން ވަނީ ޗައިނާގެ ސައިނޯފާމް ވެކްސިން ބޭނުން ކުރަން ހުއްދަ ދީފަ އެވެ. އަދި އެގައުމުން ވަނީ ކޯވެކްސް ސްކީމަށް ދިނުމަށް ކޮވިޑް ވެކްސިންގެ 10 މިލިއަން ޑޯޒް އުފައްދާފައިވާ ކަމަށާއި އެގައުމުގެ އަމާޒަކީ މިއަހަރު ނިމެންވާ އިރަށް ތިން ބިލިއަން ޑޯޒް ތައްޔާރު ކުރުން ކަމަށް ބުނެފަ އެވެ.

ދުނިޔޭގައި މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު 171 މިލިއަނަށް ވުރެ އިތުރުވެ، ބަލީގައި 3.56 މިލިއަން މީހުން ވަނީ މަރުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް