44 މީހުންނާ އެކު ދަތުރު ކުރި ބޯޓެއް އެހެން އުޅަނދެއްގައި ޖެހި އަޑިއަށް ހިނގައްޖެ

ތ. ތިމަރަފުށިން 44 މީހުންނާ އެކު މާލެ އަށް ދަތުރުކުރި ބޯޓެއް މުދާއުފުލާ ބޯޓެއްގައި ޖެހި ވ. ފުއްސަރު ކައިރިއަށް އަޑިއަށް ހިނގައްޖެ އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ތިމަރަފުށީ 'އާރާސްތު" ބޯޓް އަޑިއަށް ދާ ކަމުގެ މައުލޫމާތު އެފަރާތަށް ލިބިފައި ވަނީ ރޭ ދަންވަރު ދޭ ޖަހާ އެހާކަންހާއިރު ކަމަށާއި މިހާރު އޭގައި ތިބި ހުރިހާ އެންމެން ސަލާމަތްކޮށްފައިވާ ކަމަށެވެ.
އަދި ބޯޓު އަޑިއަށް ދިއުމާ ގުޅިގެން ބޯޓުގައި ހުރި ގިނަ އަދަދެއްގެ ސާމާނު ފެންމައްޗަށް އަރާފައިވާ ކަމަށާއި އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ދަތުރުކުރުމަށް ވެސް ކޯސްޓްގާޑުން އިލްތިމާސްކުރެ އެވެ.

ތިމަރަފުށީ ކައުންސިލްގެ ރައީސް ޖައުފަރު ރަޝީދު ބުނީ އެ ބޯޓަކީ ތިމަރަފުށީ ބަށިމާގޭ 'އަލީބެގެ' ދޯންޏެއް ކަމަށާއި 90 ފޫޓު ހުންނަ އެ ދޯނި ތިމަރަފުށިން ފުރީ އިއްޔެ ހެނދުނު އަށެއް ޖެހިއިރު ކަމަށެވެ.

ދޯނީގެ ކައްޕި އާއި ހަވާލާދީ ކައުންސިލްގެ ރައީސް ބުނީ ބޯޓު ޖެހުނީ މާލެއިން މުދާ ބަރުކޮށްގެން ދެކުނަށް ދަތުރު ކުރި 'މާންދު 4' ނަމަކަށް ކިޔާ ބޯޓަކާއި ކަމަށާއި ޖެހުނު އިރު ބޯޓުގައި 18 ފިރިހެނުންނާއި 12 އަންހެނުންނާއި ފަސް ކުޑަކުދިންގެ އިތުރުން ނުވަ ފަޅުވެރިއަކު ތިބި ކަމަށެވެ. އަދި މިހާރު އޭގައި ތިބި އެންމެން ކަންނެލި ދޯންޏަކަށް ނަގައިގެން މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭގައި ތިބި ނުވަ ފަޅުވެރިން މިހާރު ތިބީ ކޯސްޓްގާޑުގެ ލޯންޗުގައި ކަމަށް އޭނާ ބުންޏެވެ.

މުދާ އުފުލާ ބޯޓުގައި ތިބީ ކިތައް މީހުން ކަމެއް ނޭނގެ އެވެ. ނަމަވެސް އެ ބޯޓުގައި ތިބި މީހަކަށް ގެއްލުމެއް ނުވާ ކަމަށް ކޯސްޓްގާޑުން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު