ޗައިނާގެ 'ދެ ދަރި' ސިޔާސަތު އުވާލާ، ތިން ދަރިން ހޯދަން ހުއްދަ ދީފި

ޗައިނާއިން ވަނީ ކޮންމެ ދެމަފިރިއަކަށް ތިން ދަރިން ހޯދުމަށް ހުއްދަ ދީފަ -- ފޮޓޯ: އޭޕީ

ބެއިޖިން (މެއި 31): ޗައިނާގެ އާއިލާ ރޭވުމުގެ ސިޔާސަތަށް ބަދަލު ގެނެސް، ކޮންމެ ދެމަފިރިއަކަށް ހޯދޭނެ ކުދިންގެ އަދަދު ދޭކުން ތިނެކަށް އިތުރުކޮށްފި އެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓު ކުރި ގޮތުގައި އެގައުމުގެ އާއިލާއާ ބެހޭ ސިޔާސަތަށް ރައީސް ޝީ ޖިންޕިންގް ބަދަލު ގެންނެވީ އެގައުމުގައި އުފަންވާ ކުދިންގެ އަދަދު ދަށްވަމުން ދާތީ އާއި އާބާދީގައި ދުވަސްވެފައިވާ މީހުން ގިނަވުމުން ދާތީ އެވެ.

ޗައިނާގެ އާބާދީ އިތުރުވުން ކޮންޓްރޯލު ކުރުމަށް ޓަކައި އެގައުމުގެ ކޮމިއުނިސްޓު ޕާޓީން 'އެއް ދަރި' ސިޔާސަތު ތައާރަފް ކުރީ 1979ގަ އެވެ. އޭރު ނިންމާފައި އޮތީ ކޮންމެ ދެމަފިރިއަކަށް ހޯދޭނީ އެންމެ ކުއްޖަކު ކަމަށެވެ. އަދި އެ ގަވައިދާ ޚިލާފުވާ ފަރާތްތަކަށް ދިން އަދަބުތަކުގެ ތެރޭގައި ޖޫރިމަނާ ކުރުމާއި ދަރި ވައްޓާލަން މަޖުބޫރު ކުރުން ހިމެނެ އެވެ.

ނަމަވެސް އެސިޔާސަތުގެ ސަބަބުން ޗައިނާގެ އާބާދީގައި ޒުވާނުންނަށް ވުރެ ދުވަސްވީ މީހުން ގިނަވެ، މަސައްކަތް ކުރާ އަބާދީ ކުޑަވި އެވެ. އޭގެ ސަބަބުން ކޮންމެ ދެމަފިރިއަކަށް ދެ ކުދިން ހޯދޭ ގޮތަށް، 2016 ވަނަ އަހަރު އެސިޔާސަތު ބަދަލު ކުރި އެވެ.

ޗައިނާއިން އަނެއްކާވެސް އެ ގަވާއިދަށް ލުއި ދިނީ، އެގައުމުގައި މިދިޔަ އަހަރު އުފަންވީ 12 މިލިއަން ކުދިން ކަމަށް ބޯހިމެނުމުން ދެއްކި ފަހުންނެވެ. އެއާ އަޅާ ބަލާއިރު 2016 ވަނަ އަހަރު 18 މިލިއަން ކުދިން އުފަންވި އެވެ. އަދި އެއީ 1960ގެ އަހަރުތަކުގެ ފަހުން އެއް އަހަރު ތެރޭ އުފަންވި ކުދިންގެ އަދަދު އެހާ މަދުވި ފުރަތަމަ ފަހަރެވެ.

ގުޅޭ ޓެގު
comment ކޮމެންޓް