ރައްޔިތުން މަދަނީ ބަސް ނޭހުމަކަށްދާން ނަޝީދު ގޮވާލައިފި

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަވަސް ގޮތެއްގައި މަގާމުން އިސްތުއުފާ ދެއްވާ އިންތިހާބަކަށް ދިއުމާއި ހަމައަށް ރައްޔިތުން ތިބެން ޖެހޭނީ "މަދަނީ ބަސްނޭހުމުގެ ތެރޭގައި" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މިރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވަނީ އަވަސް އިންތިހާބެއް ބޭއްވުމާއި ހަމައަށް މަދަނީ ބަސް ނޭހުމެއްގެ ތެރޭގައި ތިބުމަށް ރައްޔިތުނަށް ގޮވާލައްވާފަ އެވެ.

"ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ގޮވާލަން އަވަސް އިންތިހާބެއް ބޭއްވެންދެން އަޅުގަނޑުމެން ތިބެންޖެހޭނީ ބަސްނޭހުމެއްގެ ތެރޭގައި. އަޅުގަނޑުމެން ދާންޖެހޭނީ މަދަނީ ބަސްނޭހުމަށް،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ވެރިކަން ވައްޓާލާފައިވަނީ ބަޣާވާތެއްގެ ތެރެއިން ކަމަށާއި މި ބަޣާވާތް ހިންގުމުގައި އިސްކޮށް އުޅުނު ބާޣީންގެ ލީޑަރަކީ ރައީސް ޑރ. ވަހީދު ކަމަށެވެ.

އަދި ވެރިކަން ވައްޓާލުމަށް ކޮށްފައިވާ މަސައްކަތް މިހާރު އެނގެމުންދާ ކަމަށާއި މި ކަމަކީ މާކުރިންސުރެ ރޭވިގެން ކޮށްފައިވާ މަސައްކަތެއް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"ބާޣީންގެ ލީޑަރަކީ ހަމަ ކަށަވަރުން ވެސް މިހާރު ރައީސުލް ޖުމްހޫރިއްޔާ ކަމަށް ވިދާޅުވެ އެ އިންނެވި ބޭފުޅާ [ޑރ. ވަހީދު]. އޭގެ ފަހަތުގައި ތިބި ބާޣީން މަދެއްނޫން. އަޅުގަނޑަށް ހަމަ ކަނޑައެޅިގެން އެނގޭ ބަޣާވާތުގައި ބައިވެރިވެ ވަޑައިގެންނެވި ކިތަންމެ ބޭފުޅުނެއް އެކި އެކި އިރުގައި އެކި މައުލޫގައި އެ ބަޣާވާތާއި ގުޅޭ ގޮތުން އަޅުގަނޑާ މުއާމަލާތް ކޮށްފައިވަނީ ހަ ވަނަ ދުވަހާއި ހަތްވަނަ ދުވަހު އެކަންޏެއްނޫން. އޭގެ ކިތަންމެ ދުވަހެއް ކުރިން ވެސް." ނަޝީދު ވިދާޅުވި އެވެ.

އަދި ގައުމީ އެއްބައިވަންތަ ކަމުގެ ކެބިނެޓެއް އެކުލަވާލުމަށް މަސައްކަތް ކުރައްވާ ކަމަށް ރައީސް ޑރ. ވަހީދު ވިދާޅުވެފައިވާތީ އެއަށް ރައްދު ދެއްވާ ނަޝީދު ވިދާޅުވީ މިހާރު އެކުލަވާލާފައިވާ ކެބިނެޓަކީ "ގޮނޑި ކޮއްކޮ ކެބިނެޓެއް" ކަމަށެވެ.

"އުފައްދަވައިގެން އެ އުޅުއްވަނީ ގޮނޑި ކޮއްކޮ ކެބިނެޓެއް. އެ ކުރައްވާ ކަމަކީ އުނޑަފައިން ތިއްބަވައިގެން ބަތް ކައްކާ ކުޅުން. ބައެއް އިރަށް އަކުން ބަކުންނަށް ބަދަލުވާނެ އަނެއް ބައި އިރަށް އަހަރަމެނެއް ނުކުޅޭނަމޭ ކިޔާފައި ވަކި ވެގެންދާނެ." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ ކުރީގެ ރައީސް މައުމޫނަކީ "ބާޣީންގެ އެންމެ އިސް ލީޑަރު " ކަމަށް ވިދާޅުވެ މައުމޫނަށް ވެސް ފާޑު ވިދާޅުވެފަ އެވެ.

މީގެ އިތުރުން މި މަހުގެ އަށްވަނަ ދުވަހު އެމްޑީޕީން ބޭއްވި އެއްވުމުގައި ފުލުހުންގެ ތެރެއިން ބަޔަކު އައިސް އެމަނިކުފާނުގެ "ކރމތ ފރތގއ" ހިފާފައިވާ ކަމަށް މިރޭ ޖަލްސާގައި ވަނީ ވިދާޅުވެފަ އެވެ.

"އަހްމަދީ ބާޒާރު ފިހާރައެއްގައި ދުވަމުން ދުވަމުން ގޮސް އަޅުގަނޑާ މާރިޔާއާ މޫސާ މަނިކާ ވަދެ ތިއްބާ ބާޣީ ވަހީދު ފޮނުވައިގެން އައި ހަތަރު ފަސް ސްޓާފޯސް މީހަކު ފުރަތަމަ އަޅުގަނޑުގެ ކރމތ ފރތގއ ހިފީ. އަޅުގަނޑު އެކުއްޖާ ކައިރީ ބުނިން ބަލަ ކަލޯ ތި ހެދީ ކިހިނެއްހޭ! އަޅުގަނޑަކީ އެ ބާވާތުގެ މީހެއް ނޫނޭ. ދެން އެސޮރު ހެދި ގޮތަކީ އަޅުގަނޑުގެ އަނގަޔަށް އަތް ކޮއްޕާލީ. އަޅުގަނޑު ހިތަށް އަރައިފި މީ ކޮންކަހަލަ ފުލުސް ތަމްރީނެއް ބާއޭ!" ނަޝީދު ވިދާޅުވި އެވެ.

އެހެން ނަމަވެސް އެއީ ފުލުހުންގެ ކާކުން ވިދާޅުވާން ބޭނުންފުޅު ނުވާކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޑު އަހަން މުހައްމަދު އަމީން އަވާހަރަ ކޮށްލެވުނު އިރު އެމަނިކުފާނު ވިދާޅުވި ކަމަށް އެމަނިކުފާނު މާފް ނުކުރާނީ އެމަނިކުފާނުގެ... ހިފި މީހާއަށޭ. އަޅުގަނޑު އަޅުގަނޑުގެ... ހިފި މީހާއަށް ވެސް މާފް ކޮށްފިން." ނަޝީދު ވިދާޅުވި އެވެ.

މި ޖަލްސާގައި އެމްޑީޕީން ވަނީ އަންނަ ހުކުރު ދުވަހު މަދަނީ ބަސްނޭހުމަކަށް ދާނެ ކަމަށް އިއުލާން ކޮށްފަ އެވެ.

އަދި މިހާރު ހިނގަމުންދާ ސަރުކާރަކީ ޣައިރު ގާނޫނީ ސަރުކާރެއްގެ ގޮތުގައި އިއުލާން ކުރެއްވުމަށް އެދި މަޖިލީހުގެ ރައީސް އަރިހުން އެދޭ ޕެޓިޝަނެއްގައި ސޮއި ކުރުންވެސް މިރޭ ވަނީ އެ ސަރަހައްދުގައި ކުރިއަށް ގޮސްފަ އެވެ.

ކުރީގެ ރައީސް ނަޝީދާއި އެމްޑީޕީން އަވަސް އިންތިހާބަކަށް ދިއުމަށް ގޮވާލަމުން ދިޔަ ނަމަވެސް 2013 ކުރިން އިންތިހާބަކަށް ނުދާނެ ކަމަށް ރައީސް ޑރ. ވަހީދު ވަނީ ވިދާޅުވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު