ގައުމީ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އަލީ އަޝްފާގު ކޮވިޑަށް ޕޮޒިޓިވްވެ، ކުރިއަށް އޮތް ވޯލްޑްކަޕް ކޮލިފައިންގް މެޗުތަކުގައި ނުކުޅެވޭނެ ކަން އޭނާ ހާމަކޮށްފި އެވެ.
ގައުމީ ޓީމުން މި ވަގުތު އަންނަނީ ދުބާއީގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރަމުންނެވެ. ދުބާއީ އަށް ދިއުމުގެ ކުރިން ގައުމީ ޓީމުން ވަނީ ހަފްތާއެއްހާ ދުވަހު މާލޭގައި ހޮޓެލް ޖެންގައި ކޭމްޕް ކޮށްފަ އެވެ. އެކަމަކު މާލޭގައި ކޮވިޑް-19ގެ ހާލަތު އޮތްގޮތުން ޕްރެކްޓިސް ކުރުމުގެ ހުއްދަ ނުދޭތީ ގައުމީ ޓީމުގެ އެކި ޓްރެއިނިންތައް ގެންދިޔައީ ހޮޓެލް ޖެންގެ ބޯލް ރޫމުގަ އެވެ. ދަނޑަށް ނުކުމެ ޕްރެކްޓިސް ކުރަން ގައުމީ ޓީމަށް އަދި މިހާތަނަށް ލިބުނީ ހަ ވަރަކަށް ދުވަހެވެ.
ދުބާއީގެ ޓްރެއިނިންތައް ނިންމާ މިއަދު ޗައިނާއަށް ފުރުމުގެ ކުރިން ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑަށް ޓެސްޓްކޮށްފައިވާ އިރު، ގައުމީ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ އަޝްފާގު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި ބާކީ އިތުރު ކިތައް ކުޅުންތެރިން ޕޮޒިޓިވްކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
އަޝްފާގު މިއަދު އިރާކޮޅު ކުރި ޓްވީޓެއްގައި ބުނީ ދުބާއީގައި އެންމެ ފަހުން ކުރި ޓެސްޓްތަކުގެ ނަތީޖާއިން އޭނާ ކޮވިޑަށް ޕޮޒިޓިވްކަން އެނގިފައިވާ ކަމަށެވެ. އެހެން ނަމަވެސް އޭނާގެ ހާލު ރަނގަޅު ކަމަށާއި، ކޮލިފައިންގް މެޗުތަކުގައި ނުކުޅެވޭނެ ކަމަށެވެ.
އަޝްފާގު ދުބާއީއަށް ދިއުމުގެ ކުރިން ވެސް ވަނީ އޭނާ އަންހެނުން ޕޮޒިޓިވް ވެގެން އެކަހެރިވެފަ އެވެ. އެކަމަކު އޭރުގެ ނަތީޖާ ނެގެޓިވްވުމުން ފަހުން އަނެއްކާވެސް ކޭމްޕާއި ގުޅުނީ އެވެ. އަދި އަޝްފާގު މިހާރު ޕޮޒިޓިވްވުމާ އެކު އިތުރު ކުޅުންތެރިންތަކެއް ވެސް ޕޮޒިޓިވްވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ސަބަބަކީ އަޝްފާގު މިފަހުން ޓީމާއެކު ގިނަވަގުތުތަކެއް ހޭދަކޮށްފައިވުމާ އެކު ޓްރެއިނިންގްތަކުގައި ވެސް ބައިވެރިވުމުންނެވެ.
ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް އޭގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު ސީރިއާ އެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު، ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އެންމެ ފުލުގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.