އިންޓަނެޓްގެ އަގުތަކަށް ބަދަލު ގެނައުމަށް ސަރުކާރުން މިއަދު ނިންމި ނަމަވެސް، ސްޓާލިންކް ފަދަ ބައިނަލްއަގުވާމީ އިންޓަނެޓް ހިދުމަތްތައް ރާއްޖޭގައި ދިނުމަށް ހުރަހެއް ނާޅާނެ ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ ސެކްޓާ ބަލަހައްޓަވާ އެންވަޔަރުމަންޓް މިނިސްޓަރު އަމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
އިންޓަނެޓްގެ ހިދުމަތް ދިނުމަށް ސްޕޭސްއެކްސް އިން އެތައް ސަތޭކަ ސެޓެލައިޓެއް ފޮނުވައިގެން ފަށާފައިިވާ ސްޓާލިންކް މަޝްރޫއުގެ ހިދުމަތް މިދިޔަ ފެބްރުއަރީ މަސް ތެރޭ ބައެއް ގައުމުތަކަށް ޕްރީއޯޑަރަށް ހުޅުވާލި އިރު، ރާއްޖެވެސް ހިމެނެ އެވެ. ޓެކް ކޮމިއުނިޓީގެ ކަންބޮޑުވުމަކީ، މިއަދު އިންޓަނެޓްގެ އަގަށް އައި ބަދަލާއެކު ސްޓާލިންކުގެ ހިދުމަތަށް ރާއްޖެއިން ހުރަސް އަޅާފާނެތީ އެވެ.
އެކަމާ ގުޅިގެން ސުވާލު ކުރުމުން ޝައުނާ މިއަދު "ސަން"އަށް ވިދާޅުވީ، އާ ޓެކްނޮލޮޖީއަށް ހުރަސް އެޅުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށެވެ. އަދި ސަރުކާރުން އާ ޓެކްނޮލޮޖީތަކަށް އަބަދުވެސް މަރުހަބާ ކިިޔާނެ ކަމަށް ޝައުނާ ވިދާޅުވި އެވެ.
"ސްޓާލިންކް މަޝްރޫއަށް [ހިދުމަތް ރާއްޖޭގައި ދޭން] ހުރަސް އެޅުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތް. ސަރުކާރުން އެކަމަށް ހުރަސް ނާޅާނެ،" ޝައުނާ ވިދާޅުވި އެވެ.
ސްޓާލިންކު ހިދުމަތަކީ ކުޑަ ޑިޝްއަކާއި އެހެން ބައެއް ހާޑްވެއާ ބޭނުންކޮށްގެން މަހު ފީއެއް ދައްކައިގެން އިންޓަނެޓް ލިބޭ ހިދުމަތެކެވެ. އެ ވެބްސައިޓު ބުނާ ގޮތުން ރާއްޖެއަށް އެ ހިދުމަތް ދެވޭވަރު ވާނީ 2023 ހިސާބުގަ އެވެ.
އިންޓަނެޓްގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް އަގުހެޔޮ ކުރުމުގެ ގޮތުން އާ އޮޕަރޭޓަރުން ރާއްޖެ ގެނައުމަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަމެކެވެ. އެހެން ނަމަވެސް އަގަށް ގެންނަ ބަދަލާ އެކު މިހާރު ހުރި އޮޕަރޭޓަރުންނާ އެކު ސަރުކާރުން އެއްބަސްވެފައި ވަނީ އާ އޮޕަރޭޓަރަކަށް ފުރުސަތު ނުދޭ ކަމަށް ބުނާ އަޑުތައް ވަނީ ގަދަވެފަ އެވެ.
އެކަމާ ގުޅޭ ގޮތުން މިނިސްޓަރު ޝައުނާ ވިދާޅުވީ އެހެން ޓެލެކޮމް އޮޕަރޭޓަރަކަށް ފުރުސަތު ދިނުމަކީ ޕޮލިސީ ލެވަލްގައި ވަރަށް ބޮޑެތި މަޝްވަރާތަކަށް ފަހު ނިންމަން ޖެހޭ ނިންމުމެއް ކަމަށެވެ. އަދި އެ މަޝްވަރާތައް ނުނިމެނީސް މިވަގުތު އެކަމާ މެދު ވަކި އެއްޗެއް ދެންނެވެން ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އިންޓެނެޓްގެ އަގުތައް ކުޑަ ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. ސަރުކާރުގެ ރިޔާސީ ދައުރު ދެބައިވިއިރުވެސް އެކަން ނުވެ އޮތުން އާންމުން އެކަމަށް ފާޑުކިޔަ އެވެ.
ނަމަވެސް މިއަދު ސަރުކާރުން އިއުލާންކޮށްފައި ވަނީ ޖުލައި މަހުން ފެށިގެން ގޭބިސީތަކަށް ދޭ އިންޓަނެޓުގެ ހިދުމަތުގެ އަގުތައް 30 ޕަސެންޓް ކުޑަކުރުމަށެވެ. އަދި ފޯނު އިންޓަނެޓުގެ އަގުތައް ހެޔޮ ކުރާނީ އޮކްޓޯބަރު މަހުން ފެށިގެން ކަމަށް ވެސް ވަނީ އިއުލާންކޮށްފަ އެވެ.
މީގެ އިތުރުން ފެއާ ޔޫސޭޖް ހުސްވުމުން އިންޓަނެޓް ލަސްވާ ލަސްވުން ހައްލު ކުރުމަށް ތްރޮޓުލް ސްޕީޑް މަތިކުރާނެ ކަމަށް ވެސް ސަރުކާރުން ވަނީ އިއުލާންކޮށްފި އެވެ.
އަގުތައް އިއުލާން ކުރުމަށް އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ، ރާއްޖެ އުފެދިފައި އޮންނަ ގޮތުން ޒަމާނީ ޓެކްނޮލޮޖީއާ ނުލާ ރާއްޖެއަށް ތަރައްގީ ނުހޯދޭނެ ކަމަށެވެ. އަދި އެކަމަށް މަގުފަހި ކުރުމަށް އިންޓަނެޓުގެ އަގު ހެޔޮކޮށް އެންމެންނަށް އަތްފޯރާ އަގަކަށް އިންޓަނެޓުގެ އަގުތައް ގެނައުމަކީ ސަރުކާރުގެ އަމާޒު ކަމަށް ވެސް ވިދާޅުވި އެވެ.