ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުގެ ކުރިން ޕީޕީއެމްގެ ވަގުތީ ނައިބު ރައީސް އުމަރު ނަސީރާ ގުޅުއްވައި އިސްތިއުފާ ދެއްވަން އުޅޭ ވާހަކަ ވިދާޅުވެ، ރައީސް ނަޝީދަށާއި އެމަނިކުފާނުގެ އާއިލާ ރައްކާތެރިކަމާ އެކު ބޭރަށް ވަޑައިގަތުމުގެ ފުރުސަތު ދެއްވުމަށް ނަޝީދު އެދިވަޑައިގަތް ކަމަށް އުމަރު މިރޭ ވިދާލުވެއްޖެ އެވެ.
ވެރިކަން ބަދަލުވުމަށް ފަހު ޕީޕީއެމުން މިރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ފުރަތަމަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ މުހައްމަދު ނަޝީދު ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން އެދިވަޑައިގަތް ކަންތައް ކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަމަށާއި އަދި އެ ވަގުތު ރައީސް ނަޝީދު އަރިހުގައި ހަރަކާތްތެރިވި ޓީމަށް އެމައުލޫމަތު ދެއްވި ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"އަޅުގަނޑު ދެންނެވިން [ރައިސް ނަޝީދަށް] އެއިންތިޒާމް ހަމަޖެހޭނެއޭ އަވަހަށް އިސްތިއުފދެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރާށޭ. އެވަގުތު އެކަމުގެ ތެރޭގައި އުޅުނު ބޭފުޅުންނަށް ދެންނެވިން އަވަހަށް އިސްތިއުފާގެ ކަންކަން ހަމައްޖައްސަން އެމަނިކުފާނަކީ [ނަޝީދަކީ] އެއްފަހަރު ބުނާ ގޮތަށް ދެވަނަ ފަހަރަށް ކަންކަން ކުރައްވާ ބޭފުޅެއްނޫން،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އެ ދުވަހު ވަރަށް ސާފުކޮށް ރައީސް ނަޝީދު އިސްތިއުފާ ދެއްވުން ނޫން އެހެން ގޮތެއްނެތް ކަން އެމަނިކުފާނަށް ވެސް އެނގިވަޑައިގަތް ކަމަށް އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ރައީސް ނަޝީދު ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކޮށްފައިވާ ކަންތަކުގެ ސަބަބުން ފުލުހުންނާއި ސިފައިން އެ ދުވަހު ނަޝީދުގެ ވާހަކަފުޅު އަޑުނޭއްސެވި ކަމަށާއި އެ ދުވަހު އެހުރިހާ ފަރާތްތަކުން އެމަނިކުފާނުގެ ކިބައިން ގައުމު ސަލާމަތް ކުރެއްވުމަށް މަސައްކަތް ކުރެއްވި ކަމަށެވެ.
އާޓިފިޝަލް ބީޗްގައި މިރޭ ބޭއްވި ޖަލްސާ އަށް ޕީޕީއެމްގެ ވަގުތީ ރައީސް މައުމޫން އަބުދުލް ގައްޔޫމް ދެއްވި އޯޑިޔޯ ހިތާބެއް އިއްވި އެވެ. އެހިތާބުގައި އެމަނިކުފަނު ވިދާޅުވީ ގާނޫނު އަސާސީގެ ބާރުކަނޑުވާލައި ހިތުހުރި ގޮތަކަށް އަމަލުކޮށް މީހުންނަށް އަނިޔާވެރިވާ ސަރުކާރަކަށް މިގައުމުގެ ވެރިކަމުގައި ނޯވެވޭނެކަމުގެ ޔަގީންކަން މުޅި ރާއްޖެ އާއި ދުނިޔެ އަށް ދިވެހިން ހާމަކޮށްދީފި ކަމަށެވެ.
ރާއްޖޭގެ މުސްތަގުބަލަށް ޓަކައި ދިވެހި ރައްޔިތުން ކުރި ޖިހާދަށް އެމަނިކުފާނު ފަހުރުވެރިވާ ކަމަށާއި އަދި މުޅިގައުމު ފަހުރުވެރިވާ ކަމަށެވެ. މައުމޫން ވިދާޅުވީ ސިޔާސީ ހަމަނުޖެހުމުން ރާއްޖެ ސަލާމަތްކޮށްދެއްވައި އަމާން ބަނދަރަކަށް ގެންގޮސްދެއްވުމަށް މިހާރުގެ ސަރުކާރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކުރައްވާ ހުރިހާ މަސައްކަތްތަކަށް ޕީޕިއެމުން އެއްބާރުލުން ދެއްވާނެ ކަމަށެވެ.
މައުމޫން ވަނީ ކުރީގެ ސަރުކާރުން ގާނޫނާ ހިލާފަށް ކޮށްފައިވާ ކަންތައްތަކާ ދެކޮޅަށް މަސައްކަތްކުރެއްވި ހުރިހާ ސިޔާސީ ޕާޓީތަކަށާއި ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
މިޜޭގެ ބައްދަލުވުމުގައި ކުރީގެ ރައީސް ނަޝީދުގެ ކިބައިން ދިވެހި ގައުމު ސަލާމާތްކުރުމަށް ދިވެހި ފުލުހުންނާއި ސިފައިން ކުރެއްވި ބުރަ މަސައްކަތުގެ އަގުވަޒަންކޮށް އެއްވެ ތިއްބެވި ބޭފުލުން އެއްމިނިޓް ވަންދެން ތަރުހީބުގެ އަތްތިލަބަޑި ޖަހައިފަ އެވެ.