ޓީވީއެމުން ގެނައި ޕްރޮގްރާމެއްގައި "ގަންބަނެ ބުދާ" ކިޔުމުން ވިލިނގިލީ ކައުންސިލް ރަތަށް!

ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ރޯދަމަހު ގެނައި ޕްރޮގްރާމެއްގައި ގއ. ވިލިނގިލީ މީހުން ކިޔާއެއްޗެއް ކަމަށް ނިސްބަތްކޮށް "ގަންބަނެ ބުދާ" ކިޔުމުން އެރަށުގެ ކައުންސިލުން ހިތްހަމަ ނުޖެހި ނޫސްބަޔާނެއް ނެރެފި އެވެ.

ވިލިނގިލީ ކައުންސިލުގެ ހަތް މެމްބަރުން ސޮއިކޮށް މިރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ "ޓީވީއެމުން ގއ. ވިލިނގިލީ ރައްޔިތުންނަށް ރައްދުވާ ގޮތަށް ފުރައްސާރަ ކޮށްފައިވާ" ކަމަށެވެ. މިމަހުގެ 15 ވަނަ ދުވަހު އެ ޓީވީ ޗެނަލުން ގެނައި ޕްރޮގްރާމުގައި ކުރި ސުވާލެއްގައި ގއ. ވިލިނގިލީ މީހުން ގަންބަނެ ބުދާ ކިޔަނީ ކޯއްޗަކަށްތޯ އަހާފައިވާ ކަމަށާއި ޖަވާބުގައި އެއީ "ދާނި" ކަމަށް ބުނުމުން ޖަވާބު ރަނގަޅު ކަމަށް ޕްރެޒެންޓަރު ބުނެފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

"ގަންބަނެ ބުދާ" މި ބަހަކީ ވިލިނގިލީ މީހުން އެއްވެސް ދުވަސްވަރެއްގައި އެއްގޮތަކަށް ވެސް ބޭނުން ކުރި ބަހަކަށް ނުވެފައި އެއީ ޖެއްސުން ކުރުމާއި ދިމާކުރުމުގެ ގޮތުން ބަޔަކު އަމިއްލަޔަށް އުފައްދައިގެން ކިޔާ އެއްޗެއް ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި ދައުލަތު މީޑިއާއިން އެތައް ހާސް ބަޔަކު ބަލަމުން ދިޔަ ޕްރޮގްރާމެއްގައި އެ ސުވާލު ކުރުމަކީ ވިލިނގިލީ ރައްޔިތުންނަށް ފުރައްސާރަ ކުރުން ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

"ދައުލަތުގެ މީޑިއާއިން އެތައް ހާސް ބަޔަކު ބަލަމުން ދިޔަ ޕްރޮގްރާމެއްގައި މި ސުވާލު ކުރުމަކީ ވިލިނގިލީ ރައްޔިތުންނަށް ފުރައްސާރަކޮށް. ރައްޔިތުންނާ ދިމާކޮށް. މަލާމާތް ކުރުމާ އެކު. ރައްޔިތުންގެ ކަރާމާތަށް އުނިކަން އަންނާނޭ ފަދައިން ޓީވީ މޯލްޑިވްސްއިން ހިންގާފައިވާ ވަރަށް ނޭއްގާނީ އަމަލެއް ކަމުގައި ވާތީ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރަން." ވިލިނގިލީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ގަންބަނެ ބުދާ އޭ ކިޔާ ވިޑިއޯކޮޅު ސޯޝިއަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އަނބުރަމުން ދާތީ އެރަށުގެ ރައްޔިތުންނާއި ކުޑަކުދިންނަށް ނޭދެވޭ އަސަރުކޮށް ނަފްސާނީ ގޮތުން އެތައް ބަޔަކަށް ގެއްލުން ލިބެމުން ދާ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ. އެހުރިހާ ކަމަށް ޓީވީއެމުން މާފަށް އެދުމަށް ވިލިނގިލީ ކައުންސިލުން ވަނީ ގޮވާލާފަ އެވެ.

ކުރިއަށް އޮތް ތަނުގައި އެފަދަ ޕްރޮގްރާމެއްގައި އެހެން ރަށެއްގެ ރައްޔިތުންނަށް ފުރައްސާރަ ކުރުމުގެ ކުރިން އެމައްސަލަ ތަހުގީގީ އިދާރާތަކުން ތަހުގީގު ކުރުމަށް އެ ކައުންސިލުން ވަނީ ގޮވާލާފަ އެވެ. މިއީ ވިލިނގިލީގައި އާ ކައުންސިލު ހުވާ ކުރުމަށް ފަހު ފުރަތަމަ ނެރުނު ނޫސްބަޔާނެވެ.

comment ކޮމެންޓް