ޕޭމެންޓް ސިސްޓަމުގެ ބިލު ތަސްދީގު ކުރައްވައިފި

ރައީސް ސޯލިހު -- ފޮޓޯ: ރައީސް އޮފީސް

ގައުމީ ޕޭމެންޓް ސިސްޓަމުގެ ބިލު ތައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އެ ބިލު ތަސްދީގު ކުރެއްވުމާއެކު ގާނޫނަކަށްވެސް މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެވެ. ބިލު މަޖިލީހުން ފާސްކުރީ އޭޕްރީލް 27 ވަނަ ދުވަހު އެވެ.

ޕޭމަންޓް ސިސްޓަމްގެ ގާނޫނަކީ ރާއްޖޭގެ ގައުމީ ޕޭމަންޓް ސިސްޓަމް ކުރިއަރުވައި، ރެގިއުލޭޓްކޮށް އޯވަސީކުރުމާއި ކަމާގުޅޭ އެންމެހައި ކަންކަން ބަޔާންކުރާ ގާނޫނެވެ. މި ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ގައުމީ ޕޭމަންޓް ސިސްޓަމްގެ ހަމަޖެހުން ދެމެހެއްޓުމާއި، ރައްކާތެރި އަދި އެކަށީގެންވާ ގޮތެއްގައި ގައުމީ ޕޭމަންޓް ސިސްޓަމް ކުރިއަރުވައި، ރެގިއުލޭޓްކޮށް އޯވަސީކުރުން ހިމެނެއެވެ. ހަމަ އެއާއެކު ޕޭމަންޓް ސިސްޓަމްތައް، ކްލިއަރިން ސިސްޓަމްތައް އަދި ސެޓްލްމަންޓް ސިސްޓަމްތަކުގެ އަދި ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުގެ އިންޓައޮޕެރަބިލިޓީ ގާއިމުކުރުމާއެކު ޕޭމަންޓް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މެދުގައި ވާދަވެރި ނިޒާމެއް ގާއިމުކުރުމަކީވެސް ގާނޫނުގެ މަގުސަދެކެވެ.

މި ގާނޫނުގައި ވާގޮތުން ގައުމީ ޕޭމަންޓް ސިސްޓަމް ރައްކާތެރި އަދި އެކަށީގެންވާ ގޮތެއްގައި ހިނގާތޯ ބެލުމަށްޓަކައި، ގައުމީ ޕޭމަންޓް ސިސްޓަމްގެ ކަންކަން ރެގިއުލޭޓްކޮށް އޯވަސީކުރާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންނެވެ. އަދި މި ގާނޫނު ހިންގައި ތަންފީޒުކުރުމަށް އަދި މަސްއޫލިއްޔަތު އަދާކުރުމަށް، ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމުގެ ބާރުވެސް ގާނޫނުން ވަނީ އެމްއެމްއޭ އަށް ދީފަ އެވެ.

މި ގާނޫނުގެ ދަށުން ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން، އެ ފަރާތުގެ ކަސްޓަމަރުންގެ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމަށް ސަމާލުކަންދިނުމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވެއެވެ. އަދި ކަސްޓަމަރުންގެ ސިއްރު ހިފެހެއްޓުމުގައި ގެންގުޅެންވާ މިންގަނޑުތައްވެސް މި ގާނޫނުގައި ހިމަނާފައިވެއެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން ހަތަރު މަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

comment ކޮމެންޓް