އެމްޓީސީސީ އިން އެކްސްޓްރާ އޯޑިނަރީ އޭޖީއެމް ބާއްވައި ހިންގާ ގަވައިދަށް އިސްލާހު ގެނެސްފި

އެމްޓީސީސީ އިން ބޭއްވި އެކްސްޓްރާ އޯޑިނަރީ އޭޖީއެމް --

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެކްސްޓްރާ އޯޑިނަރީ އޭޖީއެމް އެއް ބާއްވައި ކުންފުނީގެ ހިންގާ ގަވައިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި އެވެ.

މި ޖަލްސާ ބާއްވާފައިވަނީ ފަހިވޯޓު މެދުވެރިކޮށް އޮންލައިން ކޮށެވެ.

އެމްޓީސީސީގެެ ހިންގާ ގަވައިދަށް ގެނައި މައިގަނޑު އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ގާނޫނާއި ގަވައިދާ، ކުންފުނިން ގާނޫނީ ގޮތުން އަމަލު ކުރަންޖެހޭ އުސޫލުތަކާ ތަޢަރުޒުވާ ކަމަށް ފާހަގަވި ބައެއް ކަންތައް އިސްލާހު ކުރުމަށް ގެނައި ބަދަލުތަކާއި ހިންގާ ގަވައިދުގައި ބޭނުންކޮށްފައިވާ ބައެއް ލަފުޒުތައް މާނަކުރުމާއި ހިންގާ ގަވައިދުގައި ހުރި ބައެއް އިމްލާ ކުށް ފިލުވައި، އިބާރަތްކުރުން އިސްލާހު ކުރުމަށް ގެނައި އިސްލާހުތަކާއި ޑިރެކްޓަރުންގެ ބޯޑުގެ ހިންގުން ހަރުދަނާކުރުމަށް ބޯޑު ޑިރެކްޓަރުންގެ މަގާމުގެ މުއްދަތު ދެ އަހަރަށް އިތުރު ކުރުމަށް ގެނައި އިސްލާހެވެ.

މީގެ އިތުރުން ހިއްސާދާރުންގެ ޖަލްސާތައްއވަކިތަނަކަށް ހާޒިރުވެގެން ނުބޭއްވޭ ހާލަތެއް މެދުވެރިވެއްޖެނަމަ އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ހިއްސާދާރުންގެ އާންމު ޖަލްސާތައް ބޭއްވުމަށް މަގުފަހި ކުރުމަށްވެސް ހިންގާ ގަވައިދަށް ވަނީ އިސްލާހު ގެނެސްފަ އެވެ. އަދި ކުންފުނިން އަމަލުކުރާ އުސޫލު ސާފުކޮށް ހިންގާ ގަވައިދުފަައި ބަޔާންކުރުމަށްވެސް ވަނީ ގަަވައިދަށް އިސްލާހު ގެނެސްފަ އެވެ.

މި އިސްލާހުތައް ފާސްކޮށްފައިވަނީ ޖަލްސާ އަށް ހާޒިރުވި ހިއްސާދާރުންގެެ 96.4 ޕަސެންޓު ހިއްސާ ދާރުންގެ ވޯޓާ އެކު އެވެ.

އެމްޓީސީސީގެ ހިންގާ ގަވައިދަށް އިސްލާހު ގެނައުމަށް މިއަދު އެކްސްޓްރާ އޯޑިނަރީ އޭޖީއެމް އެއް ބޭއްވި އިރު، އެންމެ ފަހުން އެކްސްޓްރާ އޯޑިނަރީ އޭޖީއެމްއެއް ބާއްވައި ކުންފުނީގެ ހިންގާ ގަވައިދަށް އިސްލާހު ގެނެސްފައިވަނީ 2017 ވަނަ އަހަރު އެވެ.

comment ކޮމެންޓް