ބޮން ގޮއްވާލުމަށް ފަހު އަދުހަމް އާއި މުޖާޒުގެ އުޅުނީ މުޅި މާލެ ތެރޭ

ހަމަލާ ދިނުމުގެ ކުޑައިރުކޮޅެއް ކުރިން އަދުހަމް އަތަމާ ޕެލެސް ތިރީގައި މީހަކާ ފޯނުން ގުޅައިގެން --

ރޭ ފަތިހުގެ ވަގުތެއްގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮންގޮއްވާލި ޓެރަރިސްޓު ހަމަލާގެ ޕްރައިމް ސަސްޕެކްޓް، އަދުހަމް އަހުމަދު ރަޝީދު ފުލުހުން ވަނީ އަތުލައިގެންފަ އެވެ. އާންމު މީހަކު ދިން މައުލޫމާތަކަށް އޭނާ ހައްޔަރު ކުރީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ ފްލެޓުގައި ހުއްޓަ އެވެ.

ފުލުހުން ބުނާ ގޮތުގައި އަދުހަމް އަކީ ބޮންގޮއްވާލުމަށް ޓަކައި ސީދާ ރިމޯޓުގެ ބަޓަނަށް ފިތި މީހާ އެވެ. ހަމަލާ ދިން އިރު އޭނާ ހުރީ ނީލޯފަރު ހިނގުމުގެ ކުރިމައްޗަށްވާ ގޮތަށް ހުރި އަތަމާ ޕެލަސް ތިރީގައި އަތަށް ރިމޯޓު ލައި ތައްޔާރުވެގެން ކަމަށް ފުލުހުން ބުނެ އެވެ.

ހަމަލާއާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ އަދުހަމްގެ ހަރަކާތްތައް ތަފްސީލުކޮށް ކިޔައިދީފަ އެވެ.

ފުލުހުން ދައްކާލި ސީސީޓީވީ ފޫޓޭޖުން ފެންނަ ގޮތުގައި ހަމަލާ ދިނުުގެ ކުޑަ ވަގުތުކޮޅެއް ކުރިން އޭނާ ހުރީ އަތަމާ ޕެލެސް ތިރީގައި އެތަނުގައި ފާރެއްގައި ލެގިލައިގެން ފޯނެއްގަ އެވެ. އޭނާ ލެގިލައިގެން ހުރެ ފާރުގައި ފައި ވެސް ޖެއްސި އެވެ.

ހަމަލާ ދިނުމުގެ ކުޑައިރުކޮޅެއް ކުރިން އަދުހަމް އަތަމާ ޕެލެސް ތިރީގައި މީހަކާ ފޯނުން ގުޅައިގެން: އޭނާ ފާރުގައި ޖެއްސި ފުޓް ޕްރިންޓު ފުލުހުން ނެގި ފުޓްޕްރިންޓާ ދިމާވޭ --

އޭނާގެ ފައި ފާރުގައި ޖެއްސި ތަންތަނުން ފުޓް ޕްރިންޓު ނަގާފައިވާ ކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު މިއަދު ވިދާޅުވި އެވެ. އަދި ހައްޔަރު ކުރުމަށް ފަހު ބެލި އިރު އޭނާގެ ފުޓް ޕްރިންޓާއި ފާރުގައި ހުރި ފުޓްޕްރިންޓު ދިމާވާ ކަމަށް ވިދާޅުވި އެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ފޯނު ކޯލު ނިންމާލުމަށް ފަހު އަދުހަމް ނީލޯފަރު ހިނގުމާ ދިމާލަށް ވަރަށް ސަމާލުކަން ދީގެން ބަލަން ހުރެ އެވެ. އޭނާ އަތުގައި ރިމޯޓެއް ފާޑެއްގެ އެއްޗެއް ފެންނަން އޮތެވެ.

ހަމަލާދިނުމުގެ ކުރިން އަދުހަމް އަތަމާ ޕެލެސް ތިރީގައި: އޭނާ އަތުގައި ރިމޯޓެއް ފާޑުގެ އެއްޗެއް އޮންނަތަން ފެނޭ --

"ކެމެރާ ރަނގަޅަށް ޒޫމްކޮށްގެން ބެލީމަ އޭނާގެ އަތުގައި ރިމޯޓު ފާޑެއްގެ އެއްޗެއް އޮތްކަން އެނގިވަޑައިގަންނަވާނެ،" ޕްރެސްގައި އޭސީޕީ ރިޔާޒުވެސް ވިދާޅުވި އެވެ.

ބޮން ގޮއްވާލި ވަގުތު އެހެން މީހުންގެ ހަރަކާތްތައް ހުރި ގޮތާއި އަދުހަމްގެ ހަރަކާތްތައް ހުރި ގޮތް ވަރަށް ތަފާތެވެ. ބޮން ގޮއްވާލި ވަގުތު އަތަމާ ޕެލެސް ތެރެއިން ތިން މީހަކު މަގަށް ނުކުންނަން ދެ އެވެ. ބޮން ގޮއްވާލީ އެ ތިން މީހުން މަގު ކައިރީގައި ހުއްޓިލައިގެން ތިއްބަ އެވެ. އޭރު އަދުހަމް ހުރީ ކުޑަކޮށް ބޭރަށް ޖެހިލައިގެންނެވެ. ބޮން ގޮއްވާލުމުން، އެތަނުގައި ތިބި އާންމު ތިން މީހުން ބިރުން އެތާ އެތެރެއަށް ވަން އިރު އަދުހަމް އެތަނުން ނުކުމެގެން ދުވެފައި ދިޔައީ އެވެ.

ހަމަލާ ދިން ވަގުތު އަތަމާ ޕެލެސް ތިރީގައި ތިބި މީހުން ބިރުން އެތެރެއަށް ވަން އިރު އަދުހަމް ނުކުމެގެން އެތަނުން ދުއްވައިގަތީ --

އެެހެން މީހުންގެ ފަރާތުން ނެޗުރަލް ރިއެކްޝަނެއް ފެނުނު އިރު އޭނާގެ [އަދުހަމް] ފަރާތުން ފެނުނީ ދުރާލާ އެކަމަށް ތައްޔާރުވެގެން ހުރުމަށް ފަހު ކުޑަކޮށް ބޭރަށް ނުކުތުމަށް ފަހު އެތަނުގައި ހުރި ތަނބާ ނިވާވެގެން ހުރެ ބޮން ގޮއްވާލުމަށް ފަހު ދެން ބޭރަށް ނުކުމެގެން ދުވެފައި ދިޔަ ތަން އަޅުގަނޑުމެންނަށް ސީސީޓީވީ ފޫޓޭޖުން ފެންނަނީ،"

ބޮން ގޮއްވާލުމަށް ފަހު އަދުހަމް އިރަށް ދުވެފައި ގޮސް ފާށަނާކިލޭގެ މަގުން ރަތްވިލާ ގޯޅިއަށް އަޅައި އެ ގޯޅިން ސަބުދެރިޔާ މަގަށް ވަދެ، ދެކުނަށް ބާރަށް ދިޔަ އެވެ. އަދި ސަބުދެރިޔާ މަގުން ހެލެނބެލި ގޯޅިއަށް ވަދެ، ރަށްދެބައި މަގަށް ނުކުތެވެ.

ފުލުހުން ބުނި ގޮތުގައި އެ ހިސާބުން އޭނާ ދުވުމުގެ ބަދަލުގައި ބާރު ހިނގުމެއްގައި އަނޯނާ ގޯޅިން ލާފައި ގޮސް ކުރިކީލަ މަގަށް ވަދެ، އެ މަގުން ޗާންދަނީ މަގަށް ނުކުތެވެ. އަދި ޗާންދަނީ މަގުގެ ދެކުނުގައި ހުންނަ ޖަލާލުއްދީން މިސްކިތާ ދިމާލަށް ދިޔަ އެވެ.

އެ މިސްކިތުގައި ކުޑަ ވަގުތުކޮޅެއް ހޭދަ ކުރުމަށް ފަހު އޭނާ އަމީނީ މަގުން އިސްކަންދަރު މަގުން މާފަތްތަކުރުފާނު މަގަށް އަޅައި، އެ މަގުން އަމީނީ މަގަށް ނުކުމެ، އަމީނީ ބިލްޑިން ކުރިމަތީގައި ހުންނަ ޕާކާ ދިމާލަށް ދިޔަ އެވެ.

ޖަލާލުއްދީން މިސްކިތުން ނުކުމެގެން އަދުހަމް ހިނގާފައި ގޮސް އަމީނީ މަގަށް އަޅަނީ --

ޕާކާ ހިސާބަށް ދިޔައީ ދުވަމުންނާއި ބާރަށް ހިނގަމުންނެވެ. އަދި އޭނާ ދިޔައީ ކޮންމެވެސް މީހަކާ ފޯނުން ވާހަކަ ދައްކަމުންނެވެ.

ޕާކުގައި އަދުހަމް އަންނަންދެން މަޑުކޮށްގެން ހުރީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މއ. ފޭރުގެ، މުޖާޒު އަހުމަދެވެ.

އެ ދެ މީހުން ޕާކުގައި ބައްދަލުކޮށް، ނުކުމެ އަމީނީމަގުން އިރަށް ހިނގަމުން ގޮސް ޓީވީއެމް ކުރިމަތީގައި، ގާކޮށި ފްލެޓުތައް ކައިރީގައި ހުންނަ ޕާކުގައި ވެސް ކުޑަ އިރުކޮޅަކު މަޑު ކުރި އެވެ. އެތަނުން ނުކުމެގެން އެ ދެ މީހުން ބުރުޒުމަގުން ލާފައި ގޮސް ވަނީ ދޮންދަރާދަ ހިނގުމަށެވެ.

އަދުހަމް އާއި މުޖާޒު ގާކޮށި ފްލެޓު ޕާކިން އޭރިއާ ކައިރިން ބުރުޒުމަގުން ލާފައި ދޮންދަރާދަ ހިނގުމާ ދިމާލަށް ދަނީ --

ދޮންދަރާދަ ހިނގުމާ ގުޅޭ ހަނިހަނި ހުވެފަފެނީ ގޯޅި ތެރެއިން ގޮސް އެ ދެ މީހުން ބޮޑުރަސްގެފާނު މަގަށް ނުކުމެ ހުޅަނގަށް ހިނގާފައި ގޮސް، ފާށަނާކިލޭގެ މަގުގައި ހުރި ގެސްޓްހައުސްއަކަށް ވަނެވެ. އެ ދެ މީހުންނަށް އެ ހިސާބަށް ދެވުނު އިރު ހަމަލާއަށް ގަޑިއިރެއްހާއިރު ވެއްޖެ އެވެ.

ބޮން ގޮއްވާލުމުން އެންމެ ފުރަތަމަ އަދުހަމް ދުވެފައި ވަނީވެސް ފާށަނާކިލޭގެ މަގަށެވެ. ނަމަވެސް، އެ މަގުގައި ހުރި އެ މީހުންގެ "ސޭފް ހައުސް"އަށް އޭނާއާއި މުޖާޒު ވަނީ މާލެ ތެރޭގެ ބޮޑު ސަރަހައްދެއްގައި ވަށައި ހިނގާފަ އެވެ.

އެނގިފައިވާ ގޮތުގައި އެ ރޭ އަދުހަމްއާއި މުޖާޒު ވެސް ގެއަށް ދިޔައީ ވަރަށް ލަސްވި ފަހުންނެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އަދުހަމް އަކީވެސް ހަރުކަށި ފިކުރުގެ މީހެކެވެ. އޭނާ އަކީ އެހެން މީހުން ކާފަރު ކުރުމުގެ މާޒީއެއް އޮތް މީހެކެވެ. އަދި މީގެ ކުރިން އޭނާ ހަނގުރާމައަށް ދާންވެސް މަސައްކަތްކޮށްފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލައިގައި ހައްޔަރު ކުރި މުޖާޒުގެ އިތުރުން، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދަކީވެސް ހަރުކަށި ފިކުރުގެ މީހުންނެވެ.

އެ ތިން މީހުންނަކީ ވެސް އެކި ކުށްތަކުގެ ރެކޯޑު އޮތް މީހުން ކަމަށް ފުލުހުން ބުނެފައިވެ އެވެ. ނަމަވެސ،ް އޭގެ ތަފްސީލެއް އަދި ދީފައި ނުވެ އެވެ.

comment ކޮމެންޓް