ކޮވިޑް19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރުު މީހަކު މަރުވެ މި ބަލީގައި ރާއްޖޭގައި މަރުވި މީހުންގެ އަދަދު 81 އަށް އަރައިފި އެވެ.
އެޗްޕީއޭ އިން ބުނީ ކ. މާފުށީގައި އައިސޮލޭޝަނުގައި ހުރި އުމުރުން 37 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު މަރުވެފައިވާ ކަމަށެވެ.
އިއްޔެ އެކަނިވެސް ރާއްޖޭގައި ކޮވިޑް ޖެހިގެން ހަ މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި މާލޭގައި މަރުވި ތިން މީހަކާއި ޅ ނައިފަރުގައި މަރުވި ދެ މީހަކު އަދި އއ ރަސްދޫގައި މަރުވި މީހަކު ހިމެނެއެވެ.
ރާއްޖޭގައި ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު މިހާރު ހުންނަނީ 700 އިން މަތީގައެވެ. އިއްޔެވެސް 703 މީހަކު ބައްޔަށް ޕޮޒިޓިވްވި އިރު މާލެ ސަރަހައްދުން 526 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. ބަލީގެ ހާލަތު ގޯސް ރަށްރަށްވެސް އެބަހުއްޓެވެ. އެގޮތުން ކ. މާފުއްޓާއި ޅ. ނައިފަރު، ބ. އޭދަފުށި، އއ. އުކުޅަސް އަދި އެ އަތޮޅު މަތިވެރީގައި ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް ކާފިއު ހިންގަން ވަނީ ނިންމަަައިފައެވެ.
މާލެ ސަރަހައްދުގައިވެސް ރޭގަނޑު ނުވަޔަކުން ފަތިހު ހަތަރަކަށް ކާފިއު ހިންގަން ނިންމާފައިވާއިރު، ސަރުކާރު އަދި ޕްރައިވެޓް އޮފީސްތަކުގެ މީހުން ގޭގައި ތިބެގެން މަސައްކަތްކުރަން ވަނީ އަންގައިފައެވެ.
ރާއްޖެއަށް ކޮވިޑްގެ ހަތަރުވަނަ ރާޅެއް ކުރިމަތިވެފައިވާއިރު ހސްޕިޓަލު އެނދުތައް ފުރި، ސިއްހީ ހިދުމަތްތެރިންނަށް ޖެހިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. ސިއްހީ ހިދުމަތްތެރިންގެެ ގޮތުގައި ތަމްރީނުވެފައިތިބި ފަރާތްތައް ވޮލަންޓިއާކޮށް ހިދުމަތަށް ނިކުތުމަށް ހެލްތު މިނިސްޓްރީ އިން އެދިފައިވާއިރު ސަރުކާރުން ދަނީ އެނދު އިތުރުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދާ 7.607 މީހުންް އެބަތިއްބެވެ. އޭގެ ތެރެއިން 203 މީހަކު ތިބީ ހޮސްޕިޓަލުތަކުގައެވެ. ބަލި ޖެހުނު މީހުންގެ ޖުމްލަ މިހާރު 33،368 އަށް އަރާފައިވާއިރު ބަލިން ފަސޭހަވީ ޖުމްލަ 25،675 މީހުންނެވެ.