ރައީސް ނަޝީދުގެ ސާޖަރީތައް ކާމިޔާބު، އަދި އެއް ސާޖަރީ ކުރަނީ: އޭޑީކޭ

ރައީސް ނަޝީދު އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔުމާއެކު ގިނަ އަދަދެއްގެ ބަޔަކު އެ ހޮސްޕިޓަލް ކައިރިއަށް އެއްވެފައި

ރައީސް މުހައްމަދު ނަޝީދުގެެ އިތުުރު ސާޖަރީއެއް ހަދަން ޖެހޭ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.

ރޭ މާލޭގައި ދިން ހަމަލާގައި ޒަހަމްތައް ލިިބިވަޑައިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންދާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުރު ސާޖަރީތަކެއް ހަދާފައިވާ ކަމަށާއި އެ ސާޖަރީތައް ކާމިޔާބު ކަމަށް ވެސް އޭޑީކޭ އިން ބުންޏެވެ.

އޭޑީކޭ ހޮސްޕިޓަލުން ރޭ ބުނީ 8:30 އެހާކަންހާއިރު ރައީސް ނަޝީދު އެ ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި އެމަނިކުފާނުގެ ހަށިކޮޅަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް އެކިވަރުގެ ޒަހަމްތައް ހަށިކޮޅަށް ލިބިފައިވާ ކަމަށް ބުންޏެވެ. އަދި ޑޮކްޓަރުންގެ ހާއްސަ ޓީމަކުން ރައީސް ނަޝީދަށް ފަރުވާ ދެމުންދާ ކަމަށް ވެސް ބުންޏެވެ.

އޭޑީކޭގައި ރައީސް ނަޝީދަށް ފަރުވާ ދެމުންދާއިރު ރޭގެ ހާދިސާ އައި ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު މެންދުރު ދޭތް ޖަހާއިރު ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ވަނީ ނިންމައިފަ އެވެ. ރޭގެ ހާދިސާ އާއި ގުޅިގެން ސަލާމަތީ ބާރުތަކުގެ އެލާޓް ލެވެލް މަތިކޮށް މާލޭގެ ސެކިޔުރިޓީ ވަނީ ވަރުގަދަ ކޮށްފަ އެވެ.

މަޖީދީމަގާއި ނީލޯފަރު މަގު ގުޅޭ ސަރަހައްދުގައި ދިން އެ ހަމަލާގައި ރައީސް ނަޝީދުގެ އިތުރުން އެމަނިކުފަނުގެ ބޮޑީގާޑަކަށާއި އެ ސަރަހައްދުގައި އެވަގުތު ހުރި ފަތުުރުވެރިއަކަށް ވެސް ވަނީ އަނިޔާވެފަ އެވެ. ހާދިސާގައި ޒަހަމްވި އެހެން ފަރާތްތަކަށް ވެސް އޭޑީކޭގައި ފަރުވާ ދެމުންދާއިރު ފުލުހުންނާއި ސިފައިން ދަނީ ހާދިސާ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް