ކޮވިޑް 19 އަށް ޕޮޒިޓިވްވެގެން އަނެއްކާވެސް މީހަކު މަރުވެއްޖެ އެވެ. އެއީ ކޮވިޑް ޖެހިގެން ރާއްޖެއިން މިއަދު މަރުވި ހަވަނަ މީހާ އެވެ.
އެނގިފައިވާ ގޮތުން މިރޭ މަރުވެފައިވަނީ އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމަށް ގެންދުވުނު ދުވަސްވީ އަންހެނެކެވެ. އޭނާ މަރުވި ފަހުން ޓެސްޓް ހެދިއިރު ކޮވިޑަށް ޕޮޒިޓިވްކަން އެނގިފައިވެ އެވެ.
މިއަދަކީ ކޮވިޑުގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. ކޮވިޑްޖެހިގެން މިއަދު ނައިފަރުން ދެ މީހަކާއި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ދެމީހެއްގެ އިތުރުން އއ ރަސްދޫގައި ކަރަންޓީނުގައި ހުރި އިންޑިއާ މީހަކު މިއަދު ވަނީ މަރުވެފަ އެވެ.
އެމަރާއެކު ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 80 އަށް އަރާފަ އެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާއިރު މިއަދު އެކަނި 703 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ މާލެ ސަރަހައްދުން 526 މީހުންނާއި އަތޮޅުތަކުން 167 މީހުންނާއި ރިސޯޓުތަކުން ހަތް މީހެއްގެ އިތުރުން ސިނާއީ މަސައްކަތް ކުރާ ތަންތަނުން ތިން މީހެކެވެ.
މިހާރު ކޮވިޑު ޖެހިގެން އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުން އަދަދު ވަނީ 203 ކަށް އަރާފަ އެވެ. ކޮވިޑަށް ޕޮޒިޓިވްވެ އަދި ރަނގަޅު ނުވާ މީހުންގެ އަދަދު އުޅެނީ 7607 ގަ އެވެ.