އިވުނީ ބާރު ގޮވުމެއްގެ އަޑު، ދެން ފެނުނީ ރައީސް ނަޝީދު އުރާލައިގެން ގެންދިޔަ ތަން

ރައީސް ނަޝީދަށް އަމާޒުކޮށް އަމާޒުކޮށް ހަމަލާދިން ސަރަހައްދު އަދި ހަމަލާ ދިނުމަށް ބޭނުން ކުރި ކަމަށް ބެލެވޭ ސައިކަލު ވެއްޓިފައި -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

"އެންމެ ފުރަތަމަ އަޑު އިވުނީ، ވަރަށް ބާރު ގަދަ އަޑެއް. ހީވީ ބޮޑު ގޭސްފުޅިއެއް ގޮވި އަޑެއްހެން. ދެން ފެނުނީ ރައީސް ނަޝީދު އުރާލައިގެން ގެންދިޔަތަން،" މިއީ ރައީސް ނަޝީދު ދިރިއުޅުއްވާ ކެނެރީގޭ ކައިރީގައި އެއްޗެއް ގޮއްވާލި ހާދިސާގައި އެތާ ކައިރީ ހުރި ސީކްރެޓް ރެސިޕީ ރެސްޓޯރެންޓު ތެރޭ ހުރި މީހަކަށް ފެނުނު ގޮތެވެ.

އެ އަޑު މާވެޔޮ މަގު ކައިރީ ތިބި މީހުންގެ ކަންފަތައްވެސް އިވުނެވެ. އެއީ އެހާވެސް ބާރު ގަދަ އަޑެކެވެ.

ސީކްރެޓް ރެސިޕީގައި އިން މަންޒަރު ދުށް މީހާ "ސަން"އަށް ކިޔައި ދިން ގޮތުގައި އެ އަޑު އިވިގެން ބެލިއިރު ރައީސް ނަޝިދުގެ ކާރުކޮޅު ކެނެރީގެ ހުންނަ މަގު ކަންމައްޗަށް ވާ ގޮތަށް މަޖީދީ މަގުގައި އޮތެވެ.

އޭނާ ބުނި ގޮތުގައި އެމަނިކުފާނުގެ ކާރު ކައިރީ ވަރަށް ބޯ ދުން އަރަމުން ދިޔަތަން އޭނާއަށް ފެނުނެވެ. ދެން ފެނުނީ ރައީސް ނަޝީދު އުރާލައިގެން ކާރަކަށް އަރުވައިގެން ގެންދިޔަ މަންޒަރު ކަމަށް އޭނާ ބުންޏެވެ.

"އުރާލައިގެން ގެންދިޔައީ ރައީސް ނަޝީދުގެ ބޮޑީގާޑެއް. ރައީސް ނަޝީދު ލައިގެން ހުރީ ހުދު ކުލައިގެ ގަމީހެއް،" މަންޒަރު އިތުރަށް ކިޔައި ދެމުން އޭނާ ބުންޏެވެ.

އެނާ ބުނީ، އެއީ ވަރަށް ބާރު ބިރުވެރި އަޑެއް ކަމަށެވެ. އޭނާއަށް ވެސް ސިހި ވީއެއް ނުވީއެއް ނޭނގި ހުރެވުނެވެ. ދެން މުޅި އެ ސަރަހައްދު ކުޑަ ވަގުތުކޮޅެއް ތެރޭ އާންމުން އެއްވާން ފެށި އެވެ.

ގޮއްވާލީ ސައިކަލުގައި!

"ސަން"ގެ ނޫސްވެރިން އެ ސަރަހައްދު ދިޔަ އިރު، ޒަހަމްވި އެކަކު އެމްބިއުލާންސަށް އަރުވައިގެން ގެންދަނީ އެވެ. އޭރު އެމްބިއުލާންސަށް އެރުވީ، އެމަނިކުފާނުގެ ބޯޑީގާޑެކެވެ.

މަންޒަރު ކަރިން ބަލާލަން ފުރުސަތު ލިބުނު އިރު، ބެލެވޭ ގޮތުގައި ގޮއްވާލައާފައިވަނީ އެމަނިކުފާނު ކާރު ޕާކްކޮށްފައި އޮތް ތަނާ އިންވެގެން ހުރި އޮތް ވޭވް ނޫކުލައިގެ ސައިކަލެކެވެ.އެ ސަރަހައްދުގައި އޭރު ތިބި ބައެއް އެހެން މަންޒަރުދުށް މީހުންގެ ވާހަކަތަކުންވެސް ގޮއްވާލާފައިވަނީ އެ ސައިކަލުގައިކަމަށް ބާރު ދެއެވެ.

ގޮއްވާލި ކަމަށް ބެލެވޭ ސައިކަލު: އެ ސައިކަލު ހުރީ ރައީސް ނަޝީދުގެ ގެކޮޅު ހުންނަ ގޯޅިގަނޑު ކަންމަތީ -- ސަން ފޮޓޯ

ސައިކަލް ހުރީ، ނަޝީދުގެ ގެކޮޅު ގ. ކެނެރީގޭ ގޯޅިން މަޖީދީމަގާވީ ކަންމަތީގަ އެވެ. ރައީސް ނަޝީދުގެ ކާރު ޕާކްކޮށްފައި އޮތީ އެ ސައިކަލާ މާ ދުރު ނޫން ހިސާބެއްގަ އެވެ.

އެ ސަރަހައްދަށް ދިޔަ އިރުވެސް އެ ސައިކަލުގެ އެތަނަށް އޮތީ ވެއްޓިފަ އެވެ. އޭގެ އެކި އެކި ބައިތަށް ފަސް ވަރަކަށް ފޫޓު ދުރަށް ވިއްސައިގެން ގޮސްފައިވެ އެވެ. އަދި ސައިކަލާ ވަރަށް ކައިރީގައި ރައީސް ނަޝީދު އަރުއްވާ ޒާތުގެ ފައިވާނުގެ ދެކިބަވެސް އޮތެވެ.

ކސައިކަލުގެ އެކޮ ބައިތައް ބުރައިގެން ގޮސްފައި -- ސަން ފޮޓޯ

ރައީސް ނަޝިދަށް ލިބުނު ޒަހަމްތަކަށް އެމަނިކުފާނަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެެވެ. އެހޮސްޕިޓަލުން ބުނީ ރައީސް ނަޝީދުގެ ހަށިކޮޅަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށައި އެމަނިކުުފާނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލުގެ މަލްޓި ސްޕެޝަލިސްޓުންގެ ޓީމަކުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ އެކި ފަރާތްތަކުން ދަނީ ކުއްވެރި ކުރަމުނެނެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދުގެ އިންތިހާބީ ނައިބު ރައީސް އަދި ކުރީގެ ރައީސް ޑރ. ވަހީދު ހަސަން މަނިކުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްވެސް ވަނީ އެ ހަމަލާ ކުއްވެރިކޮށްފަ އެވެ. އަދި މި ސަރުކާރުގެ މިނިސްޓަރުންނާއި އިދިކޮޅު ފަރާތްތަކުންވެސް އެ ހަމަލާ ވަނީ ކުއްވެރިކޮށްފަ އެވެ. އިދިކޮޅު ފަރާތްތަކާއި ބޭރު ގައުމުތަކުގެ ވެރިންވެސް ގެންދަވަނީ އެ ހަމަލާ ކުށްވެރި ކުރަމުންނެވެ.

comment ކޮމެންޓް