ކޮވިޑުގައި ނައިފަރުން އިތުރު މީހަކު މަރުވެއްޖެ، މިއަދުގެ ފަސް ވަނަ މަރު

ޅ. ނައިފަރު -- ސަން ފޮޓޯ: އަހުމަދު ހަސަން

ކޮވިޑް-19 ޖެހިގެން ޅ. ނައިފަރުން އިތުރު މީހަކު މަރުވެއްޖެ އެވެ. މަރުވެފައި ވަނީ އުމުރުން 97 އަހަރުގެ މީހަކު މަރުވެއްޖެ އެވެ.
މިއަދު މެންދުރު އެރަށުން ވަނީ އުމުރުން 88 އަހަރުގެ ފިރިހެނަކު މަރުވެފަ އެވެ.

ޅ. އަތޮޅު ހޮސްޕިޓަލުން ބުނީ ހާލު ދެރަވެގެން އޭނާ ހޮސްޕިޓަލަށް ގެންގޮސް ފުރަތަމަ ހެދި ސާމްޕަލްގެ ނަތީޖާ ނުލިބޭ ކަމަށެވެ. ނަތީޖާ ނުލިބިގެން އަލުން ސާމްޕަލް ނަގާ ޓެސްޓު ކުރީ ކަމަށާއި، އެ ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ނަތީޖާ ލިބުނީ އޭނާ މަރުވި ފަހުންނެވެ.

މިއާއެކު ކޮވިޑް ޖެހިގެން ނައިފަރުން މަރުވި މީހުންގެ އަދަދު ވަނީ ހަތަރަކަށް އަރައިފަ އެވެ. އަދި ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 79 އަށް އަރައިފަ އެވެ.

މިއަދު އެކަނި ރާއްޖެއިން ވަނީ ކޮވިޑުގައި ރެކޯޑު އަދަދަކަށް މީހުން މަރުވެފަ އެވެ. އެގޮތުން މިއަދު ފަސް މީހަކު މި ބަލީގައި ވަނީ މަރުވެފަ އެވެ.

ރޭ ދަންވަރު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ އުމުރުންް 77 އަހަރުގެ މީހަކު ވެސް ވަނީ މަރުވެފަ އެވެ. އޭގެ އިތުރުން ރަސްދޫގައި ކަރަންޓީޏުވެގެން ހުރި އިންޑިއާ މީހަކުވެސް ވަނި މަރުވެފަ އެވެ.

މިހާރު ކޮވިޑް ކޭސްތައް އިންތިހާއަށް ގިނަަވަމުންދާއިރު، މިއަދު އެކަނިވެސް ރާއްޖެއިން 703 މީހުން ޕޮޒިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 500އަށްވުރެ ގިނަ މީހުން ޕޮޒިިޓިވްވެފައި ވަނީ މާލެއިންނެވެ.

ކޮވިޑް ކޭސްތައް ގިނަވަމުންދާތީވެ، އެޗްޕީއޭއިން ވަނީ ފިޔަވަޅުތައްވެސް ވަރުގަދަ ކޮށްފަ އެވެ. އެގޮތުން މިރެއިން ފެށީގެން، ރޭގަނޑު 9:00އިން ފަތިހު 4:00އަށް ކާފިއު ވަނީ އިއުލާންކޮށްފަ އެވެ. އަދި ޒަރޫޒީ ބޭނުމެއް ނެތި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުންވެސް އޮތީ މަނާކޮށްފަ އެވެ.

comment ކޮމެންޓް