ކާފިއު ހިންގިޔަސް ފައި މަގުގައި ދަމު ނަމާދަށް ދެވޭނެ: މިނިސްޓްރީ

މިސްކިތެއްގައި ބަޔަކު ނަމާދު ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ ސަރަހައްދުގައި ކާފިއު އިއުލާނުކޮށްފައި އޮތް ނަމަވެސް، ފައި މަގުގައި ދަމު ނަމާދަށް ދެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މާލެ ސަރަހައްދުގައި ރޭގަނޑު ނުވަޔަކުން ފަތިހު ހަތަރަކަށް އަންނަނީ ކާފިއު ހިންގަމުންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ކާފިއު ހިންގި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު ފައިމަގުގައި މިސްކިތަށް ދަމުނަމާދަށް ދިއުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށެވެ.

ކާފިއު ހިންގާ ވަގުތުތަކުގައި ހިނގާބިނގާވެ އުޅުމާއި ދުއްވާ އެއްޗެހި ދުއްވުމަކީ މަނާކަމެކެވެ. އަދި ޒަރޫރީ ބޭނުމަށާއި ޑެލިވަރީގެ ހިދުމަތްތަކަށް މީގެ ކުރިން ވެސް ދޫކުރި ފަދައިން ފުލުހުން ހުއްދަ ދޫކުރަމުން ގެންދާނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

މީގެ ކުރިން އެންމެ ފަހުން މާލެ ސަރަހައްދުގައި ކާފިއު އިއުލާންކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުގަ އެވެ. އެއީ ރޭގަނޑު 11އިން ފަތިހު 4:30 އަށެވެ. އެ ފަހަރު އިއުލާންކުރި ކާފިއު އުވާލީ އޭގެ ދެ މަސް ފަހުން، އޭޕްރީލް އެއްވަނަ ދުވަހުގަ އެވެ.

މާލޭ ސަރަހައްދުގައި އަނެއްކާވެސް ކާފިއު އިއުލާންކޮށްފައިވަނީ މިވަނީ ފަހަކަށް އައިސް ކޮވިޑް19ގެ ކޭސްތައް އިތުރުވެ، ކޮންޓްރޯލުން ނެއްޓިފައިވަނިކޮށެވެ.

ފަހަކަށް އައިސް ކޮންމެ ދުވަހަކުވެސް ޕޮޒިޓިވް ކޭސްތަކުގެ އަދަދު 600އިން މަތީގައި އުޅޭއިރު، އިއްޔެ އެކަނިވެސް 734 ވަނީ ޕޮޒިޓިވްވެފަ އެވެ.

މިހާރު އެކްޓިވް ކޭސްތަކުގެ އަދަދު 7،109 އަށް ވަނީ އަރާފަ އެވެ. އަދި އޭގެ ތެރެއިން 198 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ.

comment ކޮމެންޓް