ހާދިސާ ހިނގި ސަރަހައްދަށް އާންމުން ނުދާން ފުލުހުން އަންގައިފި

ރައީސް ނަޝީދު އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔުމާއެކު ގިނަ އަދަދެއްގެ ބަޔަކު އެ ހޮސްޕިޓަލް ކައިރިއަށް އެއްވެފައި

ގ. ކެނެރީގޭ ސަރަހައްދުގައި މިރޭ އެއްޗެއް ގޮއްވާލާފައި ވާއިރު، އެ ސަރަހައްދަށް އާންމުން ޖަމާނުވުމުމަށް ފުލުހުން އަންގައިފި އެވެ.

އެއްޗެއް ގޮއްވާލާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކާރަށް އަރާވަޑައިގަންނަވަނިކޮށެވެ. އެ ގޮވުމުގައި އެމަނިކުފާނަށް އަނިޔާވެ އޭޑިކޭގައި އަންނަނީ ފަރުވާދެމުންނެވެ. ނަމަވެސް އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް މައުލޫމާތު ލިބެ އެވެ.

ބާރު އަޑަކާއެކު ގޮވި ގޮވުމުގައި އެމަނިކުފާނުގެ އިތުރުން، އެމަނިކުފާނުގެ ބޮޑީގާޑަކަށް ވެސް ވަނީ އަނިޔާވެފަ އެވެ. އަދި އެވަގުތު މަގުމަތީ ހުރި ބިދޭސީއެއްގެ ފައި ވެސް ވަރަށް ބޮޑަށް ވަނީ ޒަހަމްވެފަ އެވެ.

އެ ސަރަހައްދުގައި ހުރި 'ސަން' ގެ ނޫސްވެރިޔާ ބުނީ އެއްޗެއް ގޮއްވާލާފައިވަނީ، އެމަނިކުފާނުގެ ކާރުކޮޅު ކައިރީ ޕާކުކޮށްފައި ހުރި ސައިކަލެއްގައި ކަމަށް ބެލެވޭ ކަމަށެވެ.

ގޮވުމުގައި އެ ސަރަހައްދުގައި ޕާކު ކޮށްފައި ހުރި ސައިކަލުތަކަށް ވެސް ބޮޑެތި ގެއްލުން ތަކެއް ވަނީ ވެފަ އެވެ.

ގޮވުމާއެކު ގިނަ އަދަދެއްގެ އާންމުން ވަނީ އެ ސަރަހައްދަށް ޖަމާވެފަ އެވެ. ހަތިޔާރާއެކު ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ އިރު، އާންމުން ވަނީ ވަރަށް ބޮޑަށް ފަހަތަށް ޖައްސައިފަ އެވެ.

ފުލުހުން ބުނީ އާންމުންނަށް މައުލޫމާތު ހިއްސާކުރަމުން ދާނެ ކަމަށާއި، އެހެންކަމުން މިވަގުތު ރައްޔިތުން އެ ސަރަހައްދަށް ނުދިޔުމަށް އިލްތިމާސްކުރާ ކަމަށެވެ.

comment ކޮމެންޓް